ދުނިޔޭގެ ބާޒާރުތަކަށް އިންޑިއާއިން އެކްޕޯރޓްކުރާ (ބޭރުކުރާ) ހަނޑުލުގެ މިންވަރު ވަރަށް ބޮޑަށް ދަށްކުރަން އެގައުމުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައިއެވެ.

މިޚަބަރު ލިބުމާއި ގުޅިގެން އެމެރިކާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ކުރިޔާލާ ހަނޑޫ ގަތުމަށް ފިހާރަތަކަށް ފުނިޖެހެން ފެށިކަމަށް ޚަބަރުތައް ބުނެއެވެ. ލިބުނު މިސިހުމުގައި އެމެރިކާގެ ބައެއް ސުޕަރމާކެޓްތަކުގެ ބޭރުގައި އިންޑިޔާ މީހުން ހަނޑޫ ގަތުމަށް ދިގު ސަފުތައްވެސް ހެދިއެވެ.

ނަމަވެސް، ނިއުޔޯރކްގެ ސައިރަކޫސްގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން މިކަމާއި ކަންބޮޑުނުވުމަށް އެދި އެފަރާތްތަކަށް ހަނޑޫވިއްކާ ފަރާތުން މިހާރުވަނީ އީމެއިލެއް ފޮނުވާފައިއެވެ. އެފަރާތުން ބުނި ގޮތުގައި ހަނޑޫ ގަންނަން ލިބުމުގައި މިވަގުތަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވާނެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އިންޑިއާގެ ހަނޑޫ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، އުފެއްދޭ ގޮވާމުގެ އަދަދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިކަމާއި ގުޅިގެން ކެއުންބުޔުމުގައި ބޭނުންކުރާ ހަނޑޫފަދަ މައިގަނޑު ބާވަތެއްގެ އަގު އިންޑިއާގައި އިންތިހާޔަށް ބޮޑުވެދާނެކަމަށް ލަފާކޮށް މިމަހުގެ ކުރީކޮޅު، ބާސްމަތީ ހަނޑޫ ނޫން ބާވަތްތައް އެކްސްޕޯރޓްކުރާ އަދަދު އިންޑިއާ ސަރުކާރުންވަނީ ދަށްކޮށްފައިއެވެ.



އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެމެރިކާގެ އިތުރުން، އިންޑިއާގެ ހަނޑޫ ލިބެންހުންނަ އެހެނިހެން ގައުމުތަކުގެ ބާޒާރުތަކަށްވެސް ސިހުން ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން