ދާޢިޝް ނުވަތަ އައިސިސްއާއި ވާހަކަދައްކަވަން އުޅުއްވި މަސީޙީ ރާހިބެއްކަމަށްވާ އިޓަލީގެ ރަށްވެހި ޕައުލޯ ޑައްލޯލިއޯ މީގެ ދިހަ އަހަރު ކުރިން ގެއްލިފައިވާކަމަށް އަލްޖަޒީރާ ނޫހުން ބުނެފިއެވެ.

ދުނިޔަވީ ކަންކަމާއި ތަކެއްޗަށް އެދުން ކުޑަކުރަށްވައިގެން ޒާހިދުވެ ވަޑައިގެން ސޫރިޔާގައި އުޅުއްވި މިރާހިބަކީ އޭނާގެ ޞުލްޙައިގެ ތަޙްރީކުގެ (ހަރަކާތުގެ) ސަބަބުން ސޫރިޔާގައި މަޝްހޫރުކަން ލިބިފައިވާ ބޭފުޅެކެވެ. އޭނާ ގެއްލިފައިވަނީ، އޭނާގެ އުންމީދާއި އެއްގޮތަށް ދާޢިޝްއާއިއެކު ވާހަކަދެއްކެވުމުގެ އުންމީދުގައި އުޅުއްވަނިކޮށެވެ.

ރާހިބު ޕައުލޯ ގަބޫލުކުރެއްވި ގޮތުގައި ޞުލްޙައިގެ ވާހަކަދެއްކުމުގެ ވަގުތު އެއީ ފާއިތުވާ ކަމެއްނޫނެވެ. ސޫރިޔާގެ އުތުރުގެ ރައްގާގައި ހުންނަ ދާޢިޝްގެ މައި މަރުކަޒަށް ރާހިބު ކުރެއްވި ދަތުރުފުޅަކީ ކުރު ދަތުރުފުޅެއް ނޫނެވެ.

ޕައުލޯ އުފަންވެވަޑައިގަތީ 1954 ވަނަ އަހަރު އިޓަލީގެ ރޯމުގައިއެވެ. ހުޅަނގު އޭޝިޔާއަށް (އިސްތިޢުމާރީން ކިޔާ ގޮތުން ނަމަ މެދުއިރުމައްޗަށް) ރާހިބު ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރެއްވީ މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާތައް ނިންމެވުމުން، ހޫނު މޫސުމުގައި ލިބިވަޑައިގެންނެވި ޗުއްޓީއެއްގައެވެ. ރާހިބުގެ ރަޙްމަތްތެރި އަންހެނެއްކަމަށްވާ ފްރާންޗެސްކަ ޕިލީތީ ބުނި ގޮތުގައި ޕައުލޯގެ އެދަތުރުފުޅަކީ އޭނާގެ ޙަޔާތުގެ މަޢުނަ އޭނާޔަށް ދަސްވެވަޑައިގެންނެވި ދަތުރުފުޅެވެ.

ރާހިބު ޕައުލޯގެ ހިތްޕުޅު ޢަރަބި ބަހާއި އިސްލާމީ ޘަގާފަތާއި ދިމާޔަށް ލެނބިވަޑައިގަތީ ކެތޮލިކް ރަހްބާނިއްޔަތާއި ގާތްވެވަޑައިގެންނެވި ދުވަސްވަރުގައިކަމަށް ޕިލީތީ ބުނެއެވެ. މަސީޙީ ޔަސްވަޢީ ތަރީގާއާއި (ޖެޒުއިޓް އޯޑަރއާއި) ރާހިބު ޕައުލޯ ގުޅިވަޑައިގަތީ އުމުރުފުޅުން އެކާވީސް އަހަރުގައި 1975 ވަނަ އަހަރުއެވެ. ލުބަްނާނުގެ ބެއިރޫތުގެ ޖާމިޢަތުގައި އިސްލާމް ދީނާއި ޢަރަބި ބަސް އުނގެނި ވަޑައިގަންނަވަން އޭނާ ފެއްޓެވީ 1977 ވަނަ އަހަރުއެވެ.

ޕިލީތީ ބުނި ގޮތުގައި އޭނާގެ ރަޙްމަތްތެރި ރާހިބު ޕައުލޯއަކީ ހިތްޕުޅުހެއު، ޢަޒުމުފުޅުވަރުގަދަ، ޒުވާބުދެއްވުމުގައި ޘާބިތުވެ ވަޑައިގެންނެވި ބޭފުޅެކެވެ. އިޚްތިޔާރުގައި ހިތްވަރާއި ފަންވަރުހުރި އިޚްތިޔާރެއް ރާހިބު ޕައުލޯ ކުރަށްވަފާނެކަމާމެދު، ޕިލީތީގެ ހިތުގައި އެއްވެސް އިރަކު ޝައްކެއް އުފެދިފައެއްނުވެއެވެ. ރާހިބު ޕައުލޯގެ އެއިޚްތިޔާރު، ޕިލީތީ ބުނި ގޮތުގައި މީގެ ދިހަ އަހަރު ކުރިން، ވެގެން ގޮސްފައިވަނީ އެހެން މީހުންނަށް ދެން ރާހިބު ހެއުހާލުގައި ހުންނަވަނިކޮށް ނުފެންނާނެ އިޚްތިޔާރަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން