ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމް ރިވިއުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެރޭ އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލުގޭ ސިޑިގޮޅި ކައިރީގައެވެ. މިމައްސަލާގައި ދަޢުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދަށް އިއްވި މަރުގެހުކުމް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ 2015 ސެޕްޓެމްބަރު ހަތްވަަނަ ދުވަހުއެވެ. ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ޖޫން 24 ގައެވެ.

ޑރ. އަފްރާޝީމް މަރާލި ކަމަށް ފުލުހުންގެ ތަހުޤީޤާއި ޝަރީޢަތުގެ މަރުޙަލާތަކުގައި ހުމާމް އެއްބަސްވި ނަމަވެސް ފަހުން އޭނާ ގެންދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. މަރުގެ ހުކުމް ރިވިއުކުރަން ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިދިޔަ ހަފުތާގަ އެވެ.

ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަރަށް މަދު ހާލަތްތަކެއްގައި ރިވިއު ކުރެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން ވަނީ ގާއިމްކޮށްފަ އެވެ. އެހެންކަމުން ކުރީގެ ބައެއް ހުކުމްތައް މިހާރުގެ ސުޕްރީމް ކޯޓުން ވަނީ ރިވިއުކޮށްފައިވެ އެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މަރުގެ ހުކުމް އިއްވިނަމަވެސް ހުކުމް ތަންފީޒު ނުވެ ތިން މީހަކު ޖަލުގައި އެބަތިއްބެވެ. އެއީ ހުމާމް އާއި، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ މުހައްމަދު ނަބީލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން