ދާދި ފަހުން މުޅި އިންޑިޔާ ރުޅިން ފަޅައިގެންދިޔަ ޖިންސީ ހާނީއްކަ ދައިކައިދޭ، ފަތުއަޑުކިޔާފައި ދައުރުވަމުންދިޔަ، ވީޑިއޯގައި އަނިޔާ ލިބުނު ދެއަންހެނުން ހުށަހެޅި މައްސަލަ އިންޑިއާގެ އެންމެ މަތީ ކޯޓުން، ސުޕްރީމް ކޯޓުން، ބަލަންފަށައިފިއެވެ.

މިވީޑިއޯއިން ދައްކައިދެނީ ހަމަނުޖެހުން ބޮޑު އިރުއުތުރުގެ ސްޓޭޓް، މަނިޕޫރުގައި ދެއަންހެނަކު އޮރިޔާމާ ހިންގުވާ އަދި އެމީހުންނަށް ޖިންސީ، ޖިސްމާނީ ހާނީއްކަ ކުރާ މަންޒަރުތަކެކެވެ. މަނިޕޫރުގެ ބަޔަކު މީހުން އެއްވެގެން މިކަން ހިންގާފައިވަނީ މިދިޔަ މޭމަހުގައިއެވެ. ނަމަވެސް، މިވީޑިއޯ ބާރު ދުވެލީގައި ދައުރުވާން ފެށީ މިމަހުގެ ތެރޭގައިއެވެ.

ސުޕްރީމް ކޯޓުން މިމައްސަލައިގައި އިންޑިއާގެ މަރުކަޒީ ސަރުކާރާއި މިހާރުވަނީ ސުވާލުކޮށްފައިއެވެ. ސުޕްރީމް ކޯޓުންވަނީ ނިޒާމީ އަދި މައިތިރިވުމެއްނެތް ދަރަޖައިގައި މަނިޕޫރުގައި ހަމަނުޖެހުން ހިނގަމުންދާތީ، އެކަމާއި ގުޅޭ ގޮތުން މަރުކަޒީ ސަރުކާރާއި ސުވާލުކޮށްފައިއެވެ. މަނިޕޫރުގެ ހަމަނުޖެހުންތައް މިދިޔަ މޭމަހު ފެށުނު ފަހުން މިހާތަނަށް 130 މީހުން މަރުވެފައިވެއެވެ. އަދި އެތައްހާސް ބަޔެއްގެ ގެދޮރު ގެއްލިފައިވެއެވެ.



މިމައްސަލައާއި ގުޅިގެން އިންޑިއާގެ ފުލުހުން މިހާތަނަށް ހަތް މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް، މިކަމުގައި ފުރަތަމަ ގައިދުކުރެވުނު މީހާ ގައިދުކުރެވިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ މިވީޑިއޯ ފަތުއަޑުކިޔާފައި ފެތުރެން ފެށިދުވަހާއި ޖެހިގެން އައިދުވަހެވެ.

މިދެއަންހެނުންގެ ވަކީލު ކަޕިލް ސިބާލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވި ގޮތުގައި، މިދެއަންހެނުންނާއި ދެކޮޅަށް މިޖުރުމު ހިންގި މީހުންނާއި، މިޖުރުމު ހިންގުމުގައި، ފުލުހުންވަނީ ބައިވެރިވެފައިއެވެ.

މިހާރު މިމައްސަލަ ތަޙްގީގު ކުރަމުންދަނީ އިންޑިއާގެ މަރުކަޒީ ފުލުހުންނެވެ. މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑީ.ވައި ޗަންދްރަޗުދް ވިދާޅުވި ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުހިނގާ ބާވަތުގެ ކަމެއްކަމަށް ބެއްލެވޭކަށް ނެތެވެ.

"މިތަނުގައި އަޅުގަނޑުމެން ބަލަމުންމިދަނީ ނިޒާމީ ދަރަޖައެއްގައި ހިންގަމުންދާ ޖުރުމެއްގެ މައްސަލައެއް. މިއީ އިންޑިއާގެ ގާނޫނުލް ޢުގޫބާތުގައި ބުނާ ޚާއްޞަ ޖުރުމެއް"، އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މިމައްސަލައިގެ އަޑުއެހުން މާދަމާވެސް ކުރިޔަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން