އިނގިރޭސިވިލާތުގެ އުތުރު ކަނޑުން ތެލާއި ގޭސް ނެގުމުގެ ހުއްދަތަކެއްދޭން މިއަދު އެގައުމުން ނިންމައިފިއެވެ. އެގައުމުން މިގޮތަށް ނިންމީ ބޭރުން އެތެރެކުރާ ތެލާއި ގޭހަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމުގެ ބޭނުމުގައިކަމަށް އެގައުމުގެ ދައުލަތުގެ ނޫހެއްކަމަށްވާ ބީބީސީ ނޫހުން ބުނެއެވެ.

ބީބީސީ ނޫހުން ބުނިގޮތުގައި އިނގިރޭސި ސަރުކާރުން މިގޮތަށް މިކަން ނިންމުމާއި ގުޅިގެން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ މިކަމާއި ދެކޮޅުވެރިވެ، މިކަމަށް ފާޑުކިޔަން ފަށާފައިއެވެ.

ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވި ގޮތުގައި މިފަދަ 100 ހުއްދަ އިނގިރޭސި ސަރުކާރުން ދޫކުރާނެއެވެ. މިހުއްދަތަކަށް އެދި ހުށަހެޅި ފަރާތްތަކުން ބީލަމުގައި ބައިވެރިވެ ހުށަހެޅުންތައް ހުށަހަޅާފައިވަނީ މިއަހަރުގެ ކުރީކޮޅުގައިއެވެ. މިސަތޭކަ ހުއްދައިގެ އިތުރުން، ކުރިމަގުގައި އިތުރު ހުއްދަ ދޫކުރަށްވާނެ ކަމަށްވެސް ބޮޑުވަޒީރު ސުނަކް ވިދާޅުވިއެވެ.

އުތުރު އިންގްލޭންޑާއި ސްކޮޓްލޭންޑުގައި ތެލާއި ގޭސް ރައްކާކޮށް ބެހެއްޓޭނެ ތަންތަން ހެދުމަށްވެސް ބޮޑުވަޒީރު ސުނަކްވަނީ މިއަދު ތާއީދުކުރަށްވާފައިއެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ނިންމާފައިވަނީ ތެލާއި ގޭސް ބޭނުންކުރުމުން އަރާ ގެދަބުޅި 2050 ވަނަ އަހަރު އަންނަންވާއިރަށް ސުމަކަށް ހެދުމަށެވެ. ނަމަވެސް ބޮޑުވަޒީރު ސުނަކް މިއަދު ވިދާޅުވި ގޮތުގައި އެތާރީޚު އަންނާނީ އިނގިރޭސިވިލާތުން އުފައްދާ ހަކަތައިގެ ހަތަރުބައިކުޅަ އެއްބައި ތެލާއި ގޭސް ބޭނުންކޮށްގެން އުފައްދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން