އިންޓަނޭޝަނަލް މޮނެޓަރީ ފަންޑަށް (އައި.އެމް.އެފްއަށް) ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ޗައިނާގެ ޕީޕްލްޒް ބޭންކް އޮފް ޗައިނާއިން ހޯދުމަށް އާޖެންޓީނާ ސަރުކާރުން އެބޭންކާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ބޭންކުން ދެކުނު އެމެރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮތް އާޖެންޓީނާއަށް ދޭނީ 1.7 ބިލިއަން ޑޮލަރަށްވާ ފައިސާ ޔުއާންއިންނެވެ (ޗައިނާގެ ފައިސާއިންނެވެ). ޗައިނާ ބޭންކުން އާޖެންޓީނާއަށް ހަމަޖައްސައިދޭ މިއެހީއަކީ ކަރަންސީ ސްވޮޕް ނިޒާމުގެ ދަށުން ހަމަޖައްސައިދޭ އެހީއެކެވެ.

އާޖެންޓީނާގެ އިގްތިޞާދީ ވަޒީރު މިދިޔަ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި ޗައިނާ ބޭންކުން ހަމަޖައްސައިދޭ އިންތިޒާމުގެ ދަށުން އައި.އެމް.އެފްއަށް މިވަގުތަށް ދައްކަންޖެހޭ 2.7 ބިލިއަން ޑޮލަރު ދެއްކޭނެއެވެ. މިއަދަދަށް ބޭނުންވާ ބާކީ އެއް ބިލިއަން ޑޮލަރު އާޖެންޓީނާއިން ހޯދާނީ ޑިވެލޮޕްމެންޓް ބޭންކް އޮފް ލެޓިން އެމެރިކާއިންނެވެ.

ކަރަންސީ ސްވޮޕް ނިޒާމުގެ ދަށުން ހަމަޖައްސައިދޭ ޔުއާންއަށްވާ އާޖެންޓީނާގެ ޕީސޯސް (އާޖެންޓިނާގެ ފައިސާ)، އާޖެންޓީނާއިން މިހާރުވަނީ ޗައިނާ ބޭންކަށް ޖަމާކޮށްފައިއެވެ.

އައި.އެމް.އެފް ލޯނަށް ދައްކަންޖެހޭ ފައިސާ އާޖެންޓީނާއިން މިގޮތަށް މިހަމަޖެއްސީ އެގައުމުގެ މަރުކަޒީ ބޭންކުގައި ޑޮލަރު ނެތުމުންކަމަށް ޚަބަރުތައް ބުނެއެވެ. ދަރަނި އަދާކުރުމަށްޓަކައި ޗައިނާއިން އާޖެންޓީނާއަށް މިވެދިން އެހީއަށްޓަކައި އާޖެންޓީނާގެ އިގްތިޞާދީ ވަޒީރު ސާޖިއޯ މައްސަވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރަށްވާފައިއެވެ.

މައްސަ ވިދާޅުވި ގޮތުގައި ޗައިނާގެ ބޭންކާއިއެކު އާޖެންޓީނާއިންވެފައިވާ އެއްބަސްވުމުގެ ސަބަބުން، އާޖެންޓީނާގެ ޑޮލަރު ރިޒާވުން އެންމެ ޑޮލަރެއްވެސް ނުނަގާ އައި.އެމް.އެފްގެ ދަރަނި އަދާކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން