އަށާރަ އަހަރު އެކުގައި ދިރިއުޅުއްވުމަށްފަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަނބިކަނބަލުން ސޯފީއާއި ވަކިވެވަޑައިގަތުމަށް އިއްޔެ ނިންމަވައިފިއެވެ.

އެދެކަނބަލުންގެ ކައިވެނީގައި ހުރި ދަތިތައް ޢާންމުންނަށް އަންގަވައިދެއްވުމުގެ ގޮތުން ވަރަށް ޞަރީޙަކޮށް މީގެ ކުރިން ދެކަނބަލުންމެ ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި ރަސްމީ ކަންކަމުގައި މިދެކަނބަލުން އެކުގައި ބައިވެރިވެ ވަޑައިގަންނަވާތަން މިފަހަކުން އެއްގޮތަކަށްވެސް ފެނިފައިއެއްނުވެއެވެ.

އުމުރުފުޅުން 51 އަހަރުގެ ޓްރޫޑޯއާއި 48 އަހަރުގެ ސޯފީ ގްރެގްވާ ޓްރޫޑޯ ކައިވެނިބައްލަވައިގަތީ 2005 ވަނަ އަހަރުގެ މޭމަހުގައިއެވެ. މިކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެބޭފުޅުންގެ އުމުރުފުޅުތަކަކީ 15 އަހަރާއި 14 އަހަރާއި 9 އަހަރެވެ.

" އެކަމަނާއަކީ އަޅުގަނޑުގެ ޞަޚްރަތު، ބައިވެރިޔާ އަދި އެންމެ ގާތް ރަޙްމަތްތެރިޔާ"، 2020 ވަނަ އަހަރު ޓްރޫޑޯގެ ކައިވެންޏަށް އިތުރު އަހަރެއް ފުރުނު ދުވަސް ފާހަގަކުރަށްވަމުން ޓްރޫޑޯ ވިދާޅުވެފައިވެއެވެ.

އާއިލީ ޙަޔާތެއްގައި ދިރިއުޅުމުގެ މުހިންމުކަމާއިމެދު ވަރަށް ގިނައިން ވާހަކަފުޅުދައްކަވާ ޓްރޫޑޯއަށް، 2015 ވަނަ އަހަރު ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގެންފަހުން މިފަދަ ބޮޑު ޛާތީ ތަކުލީފަކާއި ކުރިމަތިވެ ވަޑައިގެންފައިއެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން