އިންޑިއާއާއިއެކު ސީދާ ވާހަކަދެއްކުމަށް ޕާކިސްތާން ތައްޔާރަށް އޮތްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވުމާއި ގުޅިގެން އެކަމަށް އެމެރިކާ ތާއީދުކުރާކަމަށް އެމެރިކާއިން ބުނެފިއެވެ.

މަޢުދަން ތަރައްގީކުރުމާއިބެހޭ ބައްދަލުވުމެއްގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅުދައްކަވަމުން ޝެހްބާޒް ވިދާޅުވީ އިންޑިއާއާއި ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރުހުރި ދެއަވައްޓެރިންކަމަށާއި މިފަދަ ދެއަވައްޓެރިއަކު ހަނގުރާމައެއްކުރުމަކީ އެއްގޮތަކުންވެސް ކޮށްގެންވާނެކަމެއްނޫނެވެ. އަދި ހަމަ އެނޭވާގައި އިންޑިއާއާއި ވާހަކަދެއްކުމަށް ޕާކިސްތާން ތައްޔާރަށް އޮތްކަމަށް ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވިއެވެ.

1947 ވަނަ އަހަރު މިދެއަވައްޓެރިންނަށް މިނިވަންކަން ލިބުނު ފަހުން ދެގައުމުން އެއްގައުމު އަނެއްގައުމާއި ދެކޮޅަށް ވަރަށް ގިނަ ހަނގުރާމަކޮށްފައިވެއެވެ.

މިދެގައުމުގެ ސިޔާސީ ގުޅުންތައްވެސް މިހާރުވަނީ ހީނަރުވެފައިއެވެ. އެންމެ ފަހުން ސިޔާސީ ގުޅުންތައް ހީނަރުވީ 2019 ވަނަ އަހަރުގައިއެވެ. އެއީ ކަޝްމީރަށް އިންޑިއާގެ ދުސްތޫރު ދީފައިވާ ޚާއްޞަ ކަންތައްތަކަކަށް އިންޑިއާއިން ނިމުން ގެނައުމާއި ގުޅިގެންނެވެ.

ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާއާއި ދެގައުމުންމެ، އެއީ ހަމައެކަނި ތިމާމެންގެ އަމިއްލަ ތަނެކޭ ކިޔާ ދަޢުވާ ކުރާ ތަނެކެވެ. ދެގައުމުންވެސް ކަޝްމީރުގެ ސަރަހައްދުން ބަޔެއް ކޮންޓްރޯލުކުރަމުންދެއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވި ގޮތުގައި މިދެގައުމު ސީދާ ވާހަކަތައް ފެށުމަށް މޭޒެއްގެ ދޮށަށް އެއްވުމަކީ އެމެރިކާއިން ތާއީދުކުރާ ކަމެކެވެ. އަދި މިސިޔާސަތު އެމެރިކާއިން ގެންގުޅޭތާ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާކަމަށް މެތިއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން