ދައުލަތަށް ލިބިފައިވާ ހަދިޔާތަކެއް ވިއްކެވިކަމުގެ ކުށުގައި ކޯޓަކުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ މައްޗަށް ތިންއަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން، ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރީ ލާހޫރުގައި އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމަޔަށް ބޮޑުވަޒީރުކަން ކުރެއްވި ޢިމްރާން، އޭނާގެ މަގާމުގެ އެމުއްދަތުގައި ނާޖާއިޒު ގޮތުގައި ދައުލަތަށް ހަދިޔާ ބައްލަވައިގަތުމާއި ދައުލަތަށް ލިބިފައިވާ ހަދިޔާ ވިއްކެވުމުގެ ޢަމަލުތައް ހިންގަވާފައިވާކަމަށެވެ. އަދި މިކަމުގައި ހިމެނޭ ފައިސާގެ އަދަދަކީ 497،500 ޑޮލަރުކަމަށް ހުކުމުގައި ބުނެފައިވެއެވެ.

"އޭނާގެ އަމާނާތްތެރިކަމެއް ނެތްކަން ޝައްކެއްނެތް މިންވަރަށް ޔަގީންކުރެވިއްޖެ"، ޢިމްރާންގެ މައްޗަށް ކުރެއްވި ހުކުމުގައި ގާޒީ ހުމަޔުން ދިލަވާރް ލިޔުއްވާފައިވެއެވެ.

މިހުކުމުގައި އަދަބެއްގެ ގޮތުން 355 ޑޮލަރުގެ ޖޫރިމަނާއެއް ހިމަނުއްވާފައިވެއެވެ. މިޖޫރިމަނާ ނުދައްކަވައިފިނަމަ، ޖަލު ހުކުން ހަމަސް ދުވަހަށް އިތުރުވާނެކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިހުކުމާއި ގުޅިގެން ހައިކޯޓުގައި މިހުކުން އިސްތިއުނާފުކުރުމުގެ މަސައްކަތް ޢިމްރާންގެ ވަކީލުން މިހާރުވަނީ ފަށްޓަވާފައިއެވެ. އަދި މަގުތަކަށް ނުކުމެ މިހުކުމާއި ދެކޮޅަށް އިހްތިޖާޖުކުރުމަށް ޢިމްރާނަށް ތާއިދުކުރާ ފަރާތްތަކުގެ ކިބައިން އޭނާވަނީ އެދިވަޑައިގެންފައިއެވެ. އޭނާ މިކަމަށް އެދިވަޑައިގެންފައިވަނީ މިހުކުން މިގޮތަށް އަންނާނެކަމަށް ބައްލަވާ، ހުކުން ކުރުމުގެ ކުރިން ރިކޯޑުކުރަށްވާފައިވާ ވީޑިއޯއެއްގެ ޒަރިއްޔާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން