ދެކުނު ކޮރެއާއަށް އަރާނެކަމަށް ލަފާކޮށްފައިވާ ވަރުގަދަ ތޫފާނަކުން ސަލާމަތްވުމަށް އެތައް ހާސް ސްކައުޓުންނެއް ބައިވެރިވަމުންދާ ވޯލްޑް ސްކައުޓް ޖަމްބަރީގެ މައި ކޭމްޕްސައިޓް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ސްކައުޓުން ބަދަލު ކުރަމުންދާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ސްކައުޓުން ކޭމްޕް ކުރަމުންދާ ސަރަހައްދުގެ ފިނިހޫނުމިން މަތިވުމާއި ސާފުތާހިރުކަމުގެ ހާލަތު ދަށްވުމުގެ ސަބަބުން އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ބައެއް ގައުމުތަކުގެ ސްކައުޓުން ވަނީ މިހާރު އެސަރަހައްދު ދޫކޮށްފައެވެ.

ޔޫކޭ ސްކައުޓްސްގެ ޗީފް އެގްޒެކެޓިވް މެޓް ހައިޑް ވިދާޅުވީ ޖަމްބަރީ އިންތިޒާމް ކުރި ފަރާތްތަކުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ދުރާލާ މޫސުމަށް ނުވިސްނާ ކަމަށާއި، އަދި މިއީ މިހާ ބޮޑު ހަރަކާތެއް ބައިނަލްއަގުވާމީ ގޮތުން ކުރިއަށްދާއިރު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެ ކޭމްޕް ސައިޓް ސިއްހީ ނުރައްކަލަކަށް ވެފައިވާކަމަށް އޭނާ ބީބީސީއަށް މައުލޫމާތު ދެމުން ބުންޏެވެ.

155 ގައުމަކުން 40،000 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވާ ވޯލްޑް ސްކައުޓް ޖަމްބަރީގައި ފެށުނީއްސުރެން ޖަމްބަރީ ރާވާ ހިންގުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ސްކައުޓް ޖަމްބަރީގައި އެންމެ ގިނަ ބައިވެރިން ބައިވެރިވަމުންދާ އިނގިރޭސިވިލާތުގެ 4500 މީހުންގެ ގްރޫޕް މިހާރުވަނީ ކޭމްޕު ސައިޓު ދޫކޮށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ހޮޓާތަކަށް ބަދަލުވެފައެވެ. އަދި މިކަމުގެ ސަބަބުން ޔޫކޭ ސްކައުޓް އެސޯސިއޭޝަނަށް އިތުރު އެއް މިލިއަން ޕައުންޑަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހިފައިވާކަމަށްވެއެވެ.

ސްކައުޓް ޖަމްބަރީގައި ބައިވެރިވަމުންދާ އިނގިރޭސި ވިލާތުގެ ސްކައުޓުންގެ އިތުރުން އެމެރިކާ އާއި ސިންގަޕޫރުން ވެސް މިހާރު ވަނީ ކޭމްޕްސައިޓުން އެގައުމުތަކުގެ ޓީމުތައް ނެރެ، ރައްކާތެރި ސަރަހައްދުތަކުގައި ތިބުން ހަމަޖައްސާފައެވެ.

މީގެއިތުރުން، ދެކުނު ކޮރެއާއަށް އަރާނެކަމަށް ލަފާކޮށްފައިވާ ވަރުގަދަ ތޫފާނުގެ ސަބަބުން ދެކުނު ކޮރެއާ ސަރުކާރުން ވަނީ ވޯލްޑް ސްކައުޓް ޖަމްބޯރީ ކުރިއަށްގެންދިއުމަކީ މިހާރު ރައްކާތެރި ކަމެއް ނޫން ކަމަށް އެހަރަކާތް އިންތިޒާމުކުރާ ފަރާތްތަކަށް އަންގާފައެވެ.

އެގޮތުން މައި ކޭމްޕު ސައިޓުގައި ބާކީ ތިބި 36،000 އެއްހާ މީހުން މާދަމާ ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދެކުނު ކޮރެއާގެ ޑިޒާސްޓާ އެންޑް ސޭފްޓީ މެނޭޖްމަންޓްގެ ނައިބު މިނިސްޓަރު ކިމް ސުންގްހޯ ވިދާޅުވެފައިވެއެވެ.

ކޭމްޕު ސައިޓުން މީހުން ބަދަލު ކުރި ނަމަވެސް، ވޯލްޑް ސްކައުޓް ޖަމްބަރީގެ ހަރަކާތްތައް ރައްކާތެރި ސަރަހައްދުތަކުގައި ކުރިއަށްދާނެކަމަށްވެއެވެ.

ޖަޕާން ސަރަހައްދުން ދެކުނު ކޮރެއާއަށް ދަތުރުކުރާ މި ތޫފާނަކީ ބާރުގަދަ ތޫފާނެއްކަމަށް މީގެކުރިން ނުބެލެވުނަސް، ދެކުނު ކޮރެއާގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ އަސަރު މިހާރުވެސް ވަނީ ކުރަންފަށާފައެވެ. މިތޫފާނުގެ ސަބަބުން ޖަޕާނުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި، އަދި ރައްކާތެރި ސަރަހައްދުތަކަށް އެތައް ހާސް ބަޔަކު ބަދަލުކޮށްފައިވެއެވެ.

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާގޮތުން، މި ތޫފާނުގެ ރަސްމީ ކުލަ ފެނިގެންދާނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން