ސްރީލަންކާގެ ނޯދަން ޕްރޮވިންސުގެ އުޑުވިލް އަވަށުގައި 19 އަހަރުގެ ޒުވާން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު 55 އަހަރުގެ ފިރިހެނަކު މަރާލާއިފިއެވެ. މިމީހާ މަރާލާފައިވަނީ ލޯބީގެ މިގުޅުމުގެ ސަބަބުންނެވެ.

މިމީހާ މަރާލާފައިވަނީ ގަހެއްގައި ބަނދެ، ބަޔަކު މީހުން އޭނާޔަށް ދިން ހަމަލާތަކެއްގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ. މިޖުރުމު ހިންގުމުގައި ބައިވެރިވިކަމަށް ޝައްކުކުރެވޭ ހަމީހުން މިހާރުވަނީ ފުލުހުންގެ ހައްޔަރުގައިއެވެ.

ގަހުގައި ބަނދެ އަނިޔާކުރެވުނު މީހާޔާއިމެދު އެފަދަ ކަމެއް ހިނގާކަން ފުލުހުންނަށް އެންގީ އާންމުންގެ ފަރާތުންކަމަށް ފުލުހުން ބުނެއެވެ. މިމަޢުލޫމާތު ލިބުމާއިއެކު އެތަނަށް ފުލުހުން ގޮސް އެމީހާ މޮހެ، ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް، އޭނާއަށް ކޮށްފައިވާ އަނިޔާތަކުގެ ގިނަކަމާއި ބޮޑުކަމުން އޭނާގެ ފުރާނަ ސަލާމަތްނުވެ، ހޮސްޕިޓަލުގައި އޭނާ މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަޙްގީގު ޓީމުން ބުނާ ގޮތުގައި މަރާލެވުނު މީހާ މަރާލެވިފައިވަނީ އޭނާ ހިންގި ލޯބީގެ ގުޅުމުގެ ސަބަބުންކަން ފުލުހުންގެ ތަޙްގީގަށް ޔަގީންވެފައިވެއެވެ. މިކަމަކީ ފުލުހުން ބުނާ ގޮތުގައި އަންހެންމީހާގެ މިލޯތްބަށް ނުރުހޭ އޭނާގެ ފަޅީގެ މީހުން ކުރިކަމެކެވެ. ފިރިހެން މީހާޔަށް ހަމަލާދިން މީހުން އޭނާގެ ޒުވާން ލޯބިވެރިޔާޔަށްވެސް ހަމަލާދީފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އަންހެން މީހާގެ ފުރާނަޔަށް ނުރައްކަލެއް ނެތްކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން