މިއަހަރުގެ މިހާތަނަށް މުޅި މިދިޔަ އަހަރު އިސްރާއީލުގެ ސިފައިން ޝަހީދުކުރި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދަށްވުރެ ގިނަ އަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައިވާކަމަށް އ.ދން ބުނެފިއެވެ.

އ.ދން ހަފުތާޔަކު ދެފަހަރު ނެރޭ ރިޕޯޓެއް ބުނި ގޮތުގައި މިދިޔަ އަހަރު އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ ފަލަސްޠީނުގެ 155 ރައްޔިތުންނެވެ. ނަމަވެސް، މިއަހަރުގެ އޮގަސްޓް ދިހަވަނަ ދުވަހާއި ހަމަޔަށް އިސްރާއީލުން ފަލަސްޠީނުގެ 167 ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް އ.ދން ބުނެއެވެ.

މިރިޕޯޓު ބުނި ގޮތުގައި 2005 ވަނަ އަހަރަށް ފަހު އިސްރާއީލުން އެންމެ ގިނަ އަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް، މިއަހަރަކީ މާބޮޑަށް މިކަން ގޯސްވެފައިވާ އަހަރެއްކަމަށް އ.ދ.ން ބުނެއެވެ.

މިރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ މަހުގެ ފަންސަވީހުން މިމަހުގެ ހަތްވަނަ ދުވަހާއި ހަމަޔަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 276 ފަލަސްޠީނީން ޒަޚަމްކޮށްލާފައިވެއެވެ. މީގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާތަކުގައި ހަތް ފަލަސްޠީނީން ޒަޚަމްކޮށްލާފައިވެއެވެ. މިހަތް މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނެއެވެ.

މިއަހަރު ފެށުނު ފަހުން މިހާތަނަށް އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި 683 ފަލަސްޠީނީން ޒަޚަމްވެފައިވާކަމަށް އ.ދން ހަފުތާޔަކު ދެފަހަރު ނެރޭ ޕްރޮޓެކްޝަން އޮފް ސިވިލިއަން (މަދަނީން ހިމާޔަތްކުރުން) ރިޕޯޓް ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޒަޚަމްވި މީހުންގެ އަދަދުގެ ދެގުނަ ކަމަށް އ.ދން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން