މަރުކަޒީ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި ކޮވިޑުގެ އާވައްތަރެއް ފެތުރެން ފަށައިފިއެވެ.

ކޮވިޑުގެ އޮމިކްރޯން ވައްތަރުން ފެޅި ކުރިއެއްކަމަށްވާ "އީ.ޖީ ޑޮޓް ފައިވް" އެމެރިކާގައި ފެތުރެން ފަށާފައިވަނީ މިދިޔަ އެޕްރީލް މަހުން ފެށިގެންކަމަށްވެއެވެ.

މިހާ ފަހުން އެމެރިކާގައި ފެތުރެން ފެށި ބާވަތެއްކަމުގައި ވީނަމަވެސް މިހާރު ރިކޯޑުކުރެވޭ ކޮވިޑުގެ ބަލީގެ 17.3 އިންސައްތައަކީ ކޮވިޑުގެ މިވައްތަރުކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީ.ޑީ.ސީން) ބުނެއެވެ.

ކޮވިޑުގެ މިވައްތަރު ފެތުރެން ފެށިކަން ފާހަގަ ކުރެވިފައިމިވަނީ ކޮވިޑު ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެވޭ މީހުންގެ އަދަދު އިތުރުވެފައިވާ ވަގުތެއްގައިކަމަށް ސީ.ޑީ.ސީން ބުނެއެވެ. މިހާރު އެމެރިކާގައި ކޮވިޑު ބަލީގައި އެޑްމިޓްކުރަންޖެހޭ މިންވަރު 12.5 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ސީ.ޑީސީން ބބުނެއެވެ. އެންމެ ފަހުން ހިސާބުތައް ލިބުނު ހަފުތާގައި އެކަނި 9،056 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާކަމަށް ސީ.ޑީ.ސީން ބުނެއެވެ.

އިނގިރޭސިވިލާތުގައިވެސް ކޮވިޑުގެ މިވައްތަރުޖެހޭ ނިސްބަތް މައްޗަށް ގޮސްފައިވާކަމަށް އޭބީސީ ނޫހުން ބުނެއެވެ. މިހާރު އެގައުމުގައި ކޮވިޑް ބަލިޖެހޭ މީހުންގެ 14.55 އިންސައްތަ މީހުންނަށް ޖެހެނީ ކޮވިޑުގެ މިވައްތަރުކަމަށްވެއެވެ. މިއީ އެގައުމުގައި ދެވަނައަށް އެންމެ އާންމުވެފައިވާ ކޮވިޑުގެ ބާވަތްކަމަށް އިނގިރޭސިވިލާތުގެ ހެލްތް ސެކިއުރިޓީ އޭޖެންސީން ބުނެއެވެ.

ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު ފެތުރެމުންދާ ކޮވިޑުގެ "އީޖީ ޑޮޓް ފައިވް" ބާވަތަކީ އެހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ބާވަތެއްކަމަށް ބެލެވޭނެ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. ކޮވިޑުގެ އާވައްތަރުތައް ފައުޅުވުމަކީ ކަންބޮޑުވާންނުޖެހޭ އާދައިގެ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން