ވައިރަލްވި ވީޑިއޯގެ މަންޒަރެއް
ވައިރަލްވި ވީޑިއޯގެ މަންޒަރެއް
އިންޑިއާގެ ސްކޫލެއްގެ ކްލާހެއްގައި މުސްލިމް ފިރިހެން ދަރިވަރަކު ކޮޅަށް ބަހައްޓާފައި އޭނާގެ މޫނުމަތީގައި އެހެން ދަރިވަރުން އަތްތިލައިން ޖެހުމަށް އެކުލާހުގެ ޓީޗަރު ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

މިވީޑިއޯގައި ދައްކައިދެނީ ކޮޅަށް ބެހެއްޓިފައިހުރި ހަތް އަހަރުގެ މުސްލިމް ދަރިވަރުގެ މޫނުމަތީގައި ފަހަރަކު ދަރިވަރަކު ގޮސް އަތްތިލައިން ޖަހާތަނެއެވެ. އަދި މިދަރިވަރަކީ މުސްލިމަކަށްވީތީވެ، ކްލާހުން އޭނާ ބޭރުކޮށްލަން ޖެހޭކަމަށްވެސް މިވީޑިއޯގައި ކްލާހުގެ އެގަޑި ނަގަމުންދިޔަ އަންހެން ޓީޗަރު ޓްރަޕްޓާ ޓިޔާގީ ބުނެއެވެ.

ސޯޝަލް މީޑިއާގައި މިވީޑިއޯ ދައުރުވާން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިކަން ހިނގާފައިވަނީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްކަމުގައިވާ އުއްތަރު ޕްރަދޭޝްގައިއެވެ. މިވީޑިއޯގައި ފަސްމަންޒަރުން ވާހަކަދައްކަމުންދިޔަ ފިރިހެން އަޑެއް ތައުހީނުގެ މިޢަމަލުތަކަށް ތާއީދުކުރަމުންދެއެވެ.

އުއްތަރު ޕްރަދޭޝްގެ 235 މިލިއަން ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ.

އަލްޖަޒީރާ ނޫހުން ބުނި ގޮތުގައި ކްލާހުގައި ކުޑައިމީސްކުރެވި، ތައުހީނުކުރެވި، އިންސާނީ ކަރާމާތްނަގާލެވުނު ހަތް އަހަރުގެ މުޙައްމަދު އަލްތަމާޝްގެ ބެލެނިވެރިން އެނޫހުގެ ރިޕޯޓަރަކާއި ވާހަކަދައްކާފައިވެއެވެ. މުޙައްމަދުގެ ބެލެނިވެރިން ބުނި ގޮތުގައި މިތުއްތު ކުއްޖާގެ ކަރާމާތް ނަގާލެވުނު މިޢަމަލުތައް ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުއްބަޕޫރު އަވަށުގައި ހުންނަ ނަމަކަށް ނިހާ ޕަބްލިކް ސްކޫލް ކިޔާ ސްކޫލުގައިއެވެ. ކުއްބަޕޫރަކީ އުއްތަރު ޕްރަދޭޝްގެ މުޒައްފަރުނަގަރާއި ތިރީސް ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.

"އަޅުގަނޑުގެ ދަރިފުޅު އިއްޔެ ގެޔަށް އައީ ރޮމުން. ބިރުދެއްކުމުގެ ސަބަބުން ނަފުސަށް އުނދަގޫވާ ބިރެއް އެނާވަނީ ގަންފައި. ތުއްތު ކުދިންނާއިމެދު މިގޮތަށް ޢަމަލުކުރެވިގެންނުވާނެ"، މިދިޔަ ހުކުރު ދުވަހު އަލްޖަޒީރާ ނޫހުގެ ރިޕޯޓަރާއި ވާހަކަދައްކަމުން މުޙައްމަދުގެ މަންމަ ރުބީނާ ބުންޏެވެ.

"އެޓީޗަރުވަނީ އަޅުގަނޑުގެ ދަރިފުޅުގެ މޫނުމަތީގައި ފަހަރަކު ކުއްޖަކު ގޮސް އަތްތިލައިން ޖެހުމަށް އަންގާފައި. ޓީޗަރުގު ޢަމަލުތައް ޒީނަތްތެރިކުރުމުގެ ގޮތުން އޭނާ ބުނީ އަޅުގަނޑުގެ ދަރިފުޅަށް ހިތުދަސްކުރަން ދިން ފިލާވަޅުތައް ހިތުދަސްނުކުރާކަމަށް. ޙަގީގަތުގައި އަޅުގަނޑުގެ ދަރިފުޅަކީ ކިޔެވުމަށް މޮޅު ކުއްޖެއް. އޭނާ ޓިއުޝަންވެސް ނަގާ. އެގޮތަށް އެހާ ދަށުދަރަޖައިގެ ޢަމަލުތަކެއް އެޓީޗަރު އަޅުގަނޑުގެ ދަރިފުޅާއި ދެކޮޅަށް ހިންގީ ކީއްވެކަން ދެނެގަނެވޭނެ ގޮތެއް އަޅުގަނޑުގެ ނެތް. އަޅުގަނޑަށް ހީވަނީ މިޓީޗަރަކީ ނަފުރަތުން ފުރިފައިވާ މީހެއް ހެން "، އަލްޖަޒީރާ ނޫހުގެ ރިޕޯޓަރާއި ވާހަކަދައްކަމުން ތުއްތު މުޙައްމަދުގެ ބައްޕަ، އުމުރުން 42 އަހަރުގެ، މުޙައްމަދު އިރްޝާދް ބުންޏެވެ.

މިވީޑިއޯ އިތުރަށް ދައުރުނުކުރުމަށް އިންޑިއާގެ ފުލުހުން މިހާރުވަނީ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ ކިބައިން އެދިފައިއެވެ.

މުޙައްމަދުގެ ބައްޕަ އިރްޝާދް އިތުރަށް ބުނި ގޮތުގައި އޭނާގެ ކުޑަ ދަރިފުޅާ ދެކޮޅަށް އޭނާގެ އަންހެން ޓިޗަރަކު ހިންގާފައިވާ މިލާއިންސާނީ ޢަމަލުތަކަކީ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އިންސާނީ ކަރާމާތްނަގާލާ ޢަމަލުތަކުގެ ސަބަބުން ހިނގާފައިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން