ބައެއް މީހުންނަކީ މުސްކުޅި އުމުރަށް އެޅުމުންވެސް ހާލަތު ދިމާކުރާގޮތުން ވަޒީފާ އަދާކުރަންޖެހޭ ބައެކެވެ. އެހެންނަމަވެސް މުސްކުޅި އުމުރުގައި ވަޒީފާ އަދާކުރުމަކީ ހަށިގަނޑާއި މީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ސްޓްރެސް ގެނުވައި ނޭދެވޭ އަސަރުކުރުވާ ކަމެކެވެ. ތިރީގައިމިވަނީ މިކަމާއި ބެހޭގޮތުން ގޯލްކޯސްޓް އޮންލައިން ނޫހުން ނަގާފައިވާ ލިޔުމެކެވެ.

ލޭސީ ކްލެއިންއާއި ފިރިމީހާ ކެވިން ކެއިރަން އެއްރެޔަކު ރޭގަނޑު ކެއުމަށް ގޭގައި ކެއްކުމުގެ ބަދަލުގައި ދެކުނު ކެރޮލައިނާ ސަރަހައްދުގެ ބާކްލަރީ ކައުންޓީގައި ހުންނަ ޑޯމިނޯސްއިން ޕިއްޒާއެއް އޯޑަރުކުރިއެވެ. ޕިއްޒާގެ އިންތިޒާރުގައި ތިއްބައި ޑެލިވަރީ ކުރުމަށް ދީފައި އޮތް ވަގުތު ޖެހުމުން ބޭރުން ބާރު އަޑެއް އިވުނެވެ. އެމީހުން ގޭގެ ފްރަންޓު ކެމެރާ ބެލުމުން ފެނުނީ އަންހެނަކު ބިންމަށްޗަށް ވެއްޓިފައި އޮތް މަންޒަރެވެ.

ވަގުތުން އެމީހުން ނުކުތީ ވެއްޓިފައި އޮތް އަންހެން މީހާއަށް އެހީތެރިވުމަށެވެ. އަދި ބޭރަށް ނުކުތުމުން އެއީ ޕީއްޒާ ޑެލިވަރީކުރަން އައި އަންހެނެއްކަން އެނގުނެވެ. އަދި އޭނާ ވެއްޓުނީ އެމީހުންގެ ގޭގެ ފެންޑާއަށް ޕިއްޒާ ހިފައިގެން އަރަން އުޅެނިކޮށެވެ. އަވަސް އަވަހަށް ކެއިރަން އަންހެން މީހާއަށް އެހީތެރިވެ އޭނާގެ ހާލު އޮޅުން ފިލުވިއެވެ. އަދި އޭނާއާއި ވާހަކަ ދައްކައި އޭނާގެ މައުލޫމާތު ހޯދުމުން އެއަންހެންމީހާއަކީ 72 އަހަރުގެ ނިކަމެތި މީހެއް ކަމަށެވެ. އަދި އޭނާގެ ނަމަކީ ބާބަރާ ޖިލެސްޕީ އެވެ.

ގުޑް މޯނިން އެމެރިކާ ކިޔާ ޝޯއެއްގެ އިންޓަވިއުގައި މިހާދިސާއާއި ބެހޭގޮތުން ކެއިރަންއާއި ސުވާލުކުރުމުން އެއަންހެން މީހާގެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެވެ. "ބޭރުން ބާރުއަޑެއް އިވިގެން އަހަރެން ގޭގެ ދޮރު ހުޅުވާލައި ބޭރު ބަލާލިއިރު އޭނާ އޮތީ ވެއްޓިފަ. އަދި އޭރު އޭނާ ދިޔައީ ތެދުވެވޭތޯ މަސައްކަތް ކުރަމުން އަދި އޭނާ ހުރީ އަހަރުމެންގެ އޯޑަރު އަހަރުމެންނަށް ނުލިބިދާނެތީ އެކަމާއި ކަންބޮޑުވެފަ" ޕިއްޒާ ޑެލިވަރީ ކުރަންއައި އުމުރުން ފުވަސްވީ ނިކަމެތި އަންހެންމީހާގެ ވާހަކަ ވަރަށް އަސަރާއެކު ހާމަކުރަމުން ކައިރަން ބުންޏެވެ. ކެއިރަން ބުނިގޮތުގައި އެހާލުގައިވެސް އަންހެންމީހާ ކަންބޮޑުވެ ދެރަވެފައި ހުރީ އެމީހުންނަށް ޕިއްޒާހަވާލު ނުކުރެވި އެޕިއްޒާތައް ބިންމައްޗަށް ވެއްޓުމުންނެވެ. އެހެންނަމަވެސް އެދެމަފިރިން އެއަށްވުރެ ކަންބޮޑުވީ ދުވަސްވީ އަންހެންމީހާގެ ޙާލާއިމެދުގައެވެ. އޭނާއަށް ކަމެއް ވެދާނެތީއެވެ. ކެއިރަން އެވަގުތު ކާއެއްޗެއްސަށް ފަރުވާލެއްނެތް ކަމަށް ބުނެ އޭނާއާއި މެދު ކަންބޮޑުވާކަމަށް ބުނެ އެވަގުތުންފެށިގެން، 72 އަހަރުގެ ޖިލެސްޕީއަށް އެހީތެރިވާން އެދެމަފިރިން ނިންމީއެވެ.

ޖިލެސްޕީ އެއުމުރުގައި އެގޮތަށް މަސައްކަތްކުރަން ޖެހިފައިވުމުން އެމީހުން އޭނާއަށް ހަމްދަރުދީވެ އެހީތެރިވުމަށް މަސައްކަތްފެށިއެވެ. އޭނާ މަސައްކަތްކުރަމުންދަނީ ބޭނުންވެގެން ނޫންކަމަށާއި މަޖުބޫރުވެގެންކަން އިހުސާސްކުރެވުމުން އެއާއިލާއިން ބޭނުންވީ އޭނާގެ ހާލަތު ބަދަލުކުރުމަށެވެ. އެހެންކަމުން އެނާއަށް ތިމާވި އެހާދިސާގެ ފޫޓޭޖް ސޯޝަލް މީޑިއާއާއި ހިއްސާކުރިއެވެ. އަދި މިފޫޓޭޖް ހިއްސާކުރަމުން ޖިލެސްޕީއަށް އެހީވުމުގެ ގޮތުން އޭނާއަށް ބޮޑު ޓިޕެއް ދިނުމަށް އެދެމަފިރިން އެދުނެވެ.

ކެލެއިން ލިޔެފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.

"އަހަރުމެންގެ ޑޯމިނޯސް ޑެލިވަރީ ކުރަންއައި ޑްރައިވަރު ގޭގެ ފެންޑާ މައްޗަށްވެއްޓުމުން އަހަރެންގެ ހިތް ކުދިކުދިވި. އޭނާގެ ދިރިއުޅުމުގައި ހަމަގައިމުވެސް އުނދަގޫތަކެއް ތަހައްމަލު ކުރަމުން އެބަގެންދޭ އެވަރުންވެސް އޭނާ އުޅުނީ އަހަރުމެންގެ ކާއެއްޗެހި ހަވާލުނުކުރެވިގެން އެކަމާއި ކަންބޮޑުވެގެން. އަހަރުމެން ކާއެއްޗެއްސާއިމެދު އަޅާނުލައި ބެލީ އޭނާގެ ހާލަތު ރަނގަޅު ކުރެވޭތޯ. އޭނާގެ ހާލަތުފެނިފައި ވަރަށް ދެރަވޭ"

މިޕޯސްޓު ވައިރަލްވެ މިލިއަނުން މީހުން ޕޯސްޓް ބެލިއެވެ. އަދި ގޯފަންޑުމީ ޕޭޖުން އެއްރެއިން ޖިލެސްޕީއަށް އެހީތެރިވުމަށް 50،000 ޑޮލަރު މީހުން ހަދިޔާކުރިއެވެ. ޖެހިގެން އައިދުވަހު ކެއިރަންއާއި ކްލެއިން ޖިލެސްޕީއަށް ޒިޔާރަތްކުރުމަށް އޭނާ ވަޒީފާއަދާކުރާތަނަށް ގޮސް މިވާހަކަ ހިއްސާކުރިއެވެ.

ޖިލެސްޕީއަށް ޒިޔާރަތްކޮށް އެންމެ ފުރަތަމަ ދެމަފިރިންގެ އަންހެން ކުދިން ލައްވައި މާބޮނޑިއަކާއި ޗޮކްލެޓް އޭނާއަށް ދިނެވެ. ދެން ޖިލެސްޕީއަށްޓަކައި އެމީހުން ކުރި ކަންތައް އޭނާއަށް ކްލެއިން ކިޔައިދިނެވެ. ޖިލެސްޕީ އެމީހުންގެ ހިތްހެޔޮކަމާއި އެމީހުން އޭނާއަށްޓަކައި އެކޮށްދިން ކަންތަކާއިމެދު ކިޔާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި ހުރެވުނެވެ. ޓިކްޓޮކްގައި ވައިރަލްވި އެހެން ވީޑިއޯއަކުން ޖިލެސްޕީއަށް ފަންޑުކުރުމަށް އެމީހުން ހުޅުވި ގޯފަންޑްމީގެ އެކައުންޓް ދިނެވެ. އަދި އެ އެކައުންޓަށް ފަނޑުކުރެވުނު އަދަދު 270،000 ޑޮލަރަށް މައްޗަށް އަރައިގެންދިޔައެވެ.

"ޖިލެސްޕީއަށް މިހާރު ހަމަޖެހިލެވޭނެ ގޮތެއް މިހޯދާދެވުނީ. އޭނާއަށް މިހާރު އޭނާގެ ހުރިހާ ދަރިންނާއި މާމަ ދަރިންނާއި އެކު އެއްވެސް ކަމަކާއި ފިކުރުބޮޑުނުވެ އުޅެވިދާނެ. އަދި އެމީހުންނާއިއެކު ވަގުތު ހޭދަކުރެވޭނެ. އަހަރުމެން މިހާރު ވަރަށް އުފާވެއްޖެ" ނިއުސްވީކްއަށް ދިން އިންޓަރވިއުއެއްގައި ކްލެއިން ކިޔައިދިނެވެ. އަދި މިދެމަފިރިންނާއި ބެހޭގޮތުން މިއިންޓަވިއުގައި ޖިލެސްޕީ ބުންޏެވެ. "އަހަރެންނަށް ހީވީ ހުވަފެނެއްގައި އުޅެވޭހެން. ދުނިޔެމަތީގައި ހިތްހެޔޮ މީހުންނާއި ދޭތެރޭ ވިސްނާ މީހުން އުޅޭތީ އަހަރެން ވަރަށް އުފާވޭ"


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން