ސިންގަޕޫރުގެ ރިޔާސީ ކެނޑިޑޭޓް އެންޖީކޮކް ސޮންގް މިކިޔައިދެނީ 75 އަހަރުގައި ދުޅަހެޔޮކަންމަތީގައި އޭނާ ދެމިހުރުމުގެ ސިއްރުތަކެވެ.



އެންޖީކޮކް ސޮންގްއަކީ ސިންގަޕޫރުގެ މިނިސްޓްރީ އެންޑް މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޯގެ ފޮރިން ރިޒާވް އިންވެސްޓްމެންޓްއާއި ހަވާލުވެހުންނެވި ޗީފް އިންވެސްޓްމެންޓް އޮފިސަރއެވެ. 2013 ވަނަ އަހަރު ރިޓަޔަވެވަޑައިތުމަށްފަހު އަމިއްލަ އިންވެސްޓްމެންޓް ކުންފުންޏެއް ފަށްޓަވައި މިހާރު އުމުރުފުޅުން 75 އަހަރުގައި ކުރިމަތިލައްވައިގެން ހުންނެވީ ސިންގަޕޫރުގެ ރިޔާސީ އިންތިޚާބަށެވެ.



އެންޖީކޮކް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ގެންދަވާއިރު ވަރަށްފަހުން މިވަނީ އެބޭފުޅާގެ ރަސްމީ އިންސްޓަރގްރާމް އެކައުންޓުގައި ޝާއިއުކުރެއްވި އިންޓަރވިއުއެއް ވައިރަލްވެފައެވެ. މިނިޓަކަށްވުރެ ކުޑަ މިވީޑިއޯ ކްލިޕްގައި އެންޖީކޮކް ކިޔައިދެއްވަނީ އެއުމުރުގައިވެސް އޭނާ ދުޅަހެޔޮކަންމަތީގައި ދެމިހުރުމުގެ ސިއްރަކީ ކޮބައިކަމެވެ.

އުމުރުފުޅުން ދޮށި އެހެންނަމަވެސް ހަށިގަނޑުގައި ވަރުހުރުމުގެ އަސްލެއް ކަމުގައި ދެކިލައްވަނީ ދުޅަހެޔޮ ޞިއްހަތަކަށް އަމިއްލަފުޅަށް ގެންގުޅުއްވާ ފޯމިއުލާއެއްގެ ސަބަބުންނެވެ.

އެންޖީކޮކް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ މިފޯމިއުލާގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް މީހާގެ ހަށިގަނޑު ދުޅަހެޔޮ ކަންމަތީގައި ދެމެހެއްޓޭނެއެވެ. މިފޯމިއުލާއަކީ އިނގިރޭސި އަކުރުތަތަކުން ކިޔާ 'ޝީލްޑް' ކިޔާ ފޯމިއުލާއެކެވެ. ކޮންމެ އަކުރެއް ރަމްޒުކޮށްދެނީ ދުޅަހެޔޮކަމަށް ބޭނުންވާ ކޮންމެވެސް އެއްކަމެކެވެ. ޝީލްޑްގެ މާނައަކީ ރައްކާތެރިކުރާ އައްޑަނައެވެ.

މިގޮތުން ލަފުޒުގައި އެންމެ ފުރަތަމަ ހިމެނޭ 'އެސް' އަކުރު ރަމްޒުކޮށްދެނީ 'ސްލީޕް' ނުވަތަ ނިދުން ކަމުގައި އެންޖީކޮކް ވިދާޅުވެއެވެ. އަދި އެއީ 7 ގަޑިއިރު (ސެވެން އަވަރސް) ގެ ނިދި ފުރިހަމަކުރުން ކަމުގައި ވިދާޅުވެއެވެ. އެއަށްފަހު މިބަހުގައި ހިމެނޭ 'އެޗް' އަކުރުން ބުނެދެނީ 'ހައު ޓު ހެންޑުލް ސްޓްރެސް' ކަމަށެވެ. އެއީ ސްޓްރެސްވާ ކަންކަމާއި ކުރިމަތިލާނެ ގޮތް ހޯދައި ދެނެގަތުމެވެ. އެކަމަށްޓަކައި މެޑިޓޭޓްކޮށް ނުވަތަ އެކަނި ވަގުތު ހޭދަކޮށް ސިކުނޑިތާޒާކޮށްލެވިދާނެއެވެ.



ޝީލްޑުގައި ހިމެނޭ 'އައި' އަކީ 'އިންޓްރެކްޝަން'އެވެ. މިއީ މީހުންނާއި ވާހަކަ ދައްކައި މުޢާމަލާތު ކުރުމެވެ. އަދި މީހުންނާއި ގުޅުން ބަދަހިކުރުމެވެ. އެއަށްފަހު އަންނަ 'އީ' އަކުރަކީ އެކްސަސައިޒްއެވެ. މިއީ ކަސްރަތުކުރުމެވެ. އެންޖީކޮކް ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކުވެސް ވަގުތު ހޯއްދަވައިގެން ކޮންމެވެސް ކަސްރަތެއް ކުރައްވައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް، ޓެނިސް، ގޮލްފް، ފެތުން ނުވަތަ ގަސްއިންދުން ފަދަ ކޮންމެވެސް އެއްކަމެއް ކުރުމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރައްވައެވެ. ނުވަތަ ކޮންމެ ދުވަހަކުވެސް މިއިން ކޮންމެ ކަމަކަށް ކޮންމެވެސް މިންވަރެއްގެ ވަގުތު ހޯއްދަވައެވެ.

ޝީލްޑުގައި ހިމެނޭ 'އެލް'އަކީ 'ލާން' އެވެ. ލާންގެ މާނައަކީ އުނގެނުމެވެ. ނުވަތަ ދަސްކުރުމެވެ. އަދި މިއުމުރުގައިވެސް އަބަދުވެސް ކޮންމެވެސް އައުކަމެއް ދަސްކުރުމަށް އެންޖީކޮކް ސަމާލުކަން ދެއްވައެވެ. މިގޮތުން މިހާރު ވީޑިއޯ އެޑިޓިން ދަސްކުރައްވަމުން ގެންދަވާ ކަމަށް މިވީޑިއޯކޮޅުގައި ވިދާޅުވެއެވެ. 'ޑ' އަކުރުން ރަމްޒުކޮށްދެނީ ޑައެޓެވެ. ޑައެޓަކީ ކާނާއެވެ. އެންޖީކޮކް ވިދާޅުވަނީ ކެއުމުގައި ކާބޯހައިޓްރޭޓްއާއި ހަކުރު ހިމެނޭ ބާވަތްތައް މަދުކޮށް ތަރުކާރީއާއި މޭވާ ކެއުމުގައި ގިނަކުރާކަމަށެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިޚާބު އޮތީ 1 ސެޕްޓެމްބަރު 2023 ގައެވެ. މިއިލެކްޝަންގައި އެންޖީކޮކްގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން