ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބައެއް ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ، ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ އޭބީސީ، އެސްފޮލްޓް އަދި ރޫފިންގ ސްޓްރަކްޗަރ މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 1،800 އަކަމީޓަރުގެ ރަންވޭއެއް ހެދުމާއި، 81،443 އަކަމީޓަރުގެ އޭޕްރަން ހެދުމާއި، 2،919 އަކަމީޓަރުގެ ޓެކްސީވޭ ހެދުމާއި، 895 އަކަމީޓަރުގެ ފަޔަރ ޕެޑެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 3،059 އަކަ މީޓަރުގެ އެއަރޕޯޓް ރޯޑް ހެދުމާއި، 1،185 އަކަމީޓަރުގެ ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް، އަދި އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރާނެއެވެ.

ހަމައެއާއެކު، ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމާއި، ފެންސިންގ ޖެހުމާއި، ޕެރިމީޓަރ ލައިޓިންގ ޖެހުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުމާއި، ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

އެމްޓީސީސީން ބުނީ މިއީ 264.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން