އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   15 ސެޕްޓެމްބަރު 2023 - 12:53
ޒަމްޒަމް ވަޅު
ޒަމްޒަމް ވަޅު
ޒަމްޒަމް ފެނުގައި ވާ އިލާހީ މުއުޖިޒާތް (ހ)

.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!



ކޮންމެ އެއްޗެއްގައި ވެސް ވަނީ، ﷲ ގެ ކުޅަދުންވަންތަވެރިކަމުގެ ހެކިތަކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ މުޢުޖިޒާތައް ބަލައިލި ކޮންމެ ދިމާއަކުން ވެސް ހާމަ އަށް ފެންނާން އެބެހުއްޓެވެ. އެއީ ވަކި އެއްޗެއް ގައި، ވަކި ތަނެއް ގައި ނުވަތަ ވަކި ކަމެއް ގައި ފޮރުވިފައި ހުުުރި ނާދިރު ނުވަތަ މަދު ތަކެއްޗެއް ނޫނެވެ. ގުނައިލެވޭ ހައި މަދު އެއްޗެހި ތަކެއް ގައި ފެންނަން ހުރި ތަދު އެއްޗެއް ވެސް ނޫނެވެ. މި ވާހަކަ މި މޭރުމުން ޢަރަބި ޅެންވެރިއަކު އޭނާގެ ޅެމެއް ގައި ވަރަށް ސާފު ޢިބާރާތުން ވިދާޅުވެދެއްވާފައި ވެ އެވެ. ޢައްބާސީ ދައުރުގެ މަޝްހޫރު ޝާޢިރަކު އެނާގެ ޅެމެއްގައި ވިދާޅުވެފައިވަނީ،

وَفِي كلِّ شَيءٍ لَهُ آيـَةٌ، تَدُلُّ عَلى أنّهُ الوَاحِدُ

(ވަފީ ކުއްލި ޝައިއިން ލަހޫ އާޔަތުން، ތަދުއްލު ޢަލާ އައްނަހުލް ވާޙިދޫ) މާނަ އަކީ، "ކޮންމެ އެއްޗެއް ގައި ވެސް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ވެއެވެ. އެ ހެކިތަކުން އަންގައިދެނީ ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ ކަމެވެ."

މި މަޟްމޫނު ގައި އަލި އަޅުވައިލަން ހަމަޖެހިފައި އޮތީ ޒަމްޒަމް ފެނުގައި ވާ އިލާހީ މުޢުޖިޒާތުގެ މައްޗަށެވެ. އެހެން ކަމުން އަޞްލު މައުޟޫޢަށް ފެށުމުގެ ކުރިން، ޒަމްޒަމް ވަޅާއި ޒަމްޒަމް ފެނާ ބެހޭ ކުރު ތަޢާރުފެއް ގެނައުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ދެކެމެވެ.



ޒަމްޒަމް ގެ މާނަ:

ބަހުގެ ގޮތުން ބަލާއިރު، ޒަމްޒަމްގެ އެއް މާނަ އަކީ، ތަކުރާރުކޮށް ދުރުން އިވޭ، ގޮތް ނޭނގޭ އަޑެވެ. ނުވަތަ އެއީ މިންވަރު ގިނަ ވުމެވެ. އެކަމަކު ދިރާސާ ކުރެއްވި ބޭބޭފުޅުންގެ ބަސްފުޅުތަކަށް ބަލާއިރު، އެ ފެނަށް ޒަމްޒަމް އެވެ ކިޔުނު ސަބަބެއް ކަމުގައި ބޮޑަށް ބެލެވެނީ، ސަލާމް ލެއްވި އިބްރާހީމް ގެފާނުގެ ތުއްޕުޅު ދަރިކަލުން ފެންފޮދަކަށް ބޭނުންފުޅުވެގެން، އެ ތުއްޕުޅު ބޭފުޅާގެ އަރު ތެރެ ހިކިފައިވާ ޙާލުކޮޅުގައި، އޮންނެވި ތަނުން ﷲ ތަޢާލާގެ އަމުރުފުޅަށް، ކޯދުލައި އަރަން ފެށި ފެން، ކޯރުހެދިގެން ދުރަށް ފެތުރިގެން ދާން ފެށުމުން، އެ ގޮތަށް ފެތުރިގެން ދިޔަ ނުދިނުމަށް ޓަކައި، އިސްމާޢީލުގެފާނުގެ މަންމާފުޅު ހާޖަރު، އެ ފެން އަރަމުންދާ ތަނުގެ ވަށައިގެން ވެއްޔާއި ހިލަ ޖައްސަވައި ހިފެހެއްޓެވީތީ، ފެންގަނޑު ހުއްޓުވުމުގެ މާނައިގައި ކަމުގައި ބުނެވެ އެވެ. އެހެން ވީމައި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން ނަމަ ޒަމްޒަމު ގެ މާނަ އަކީ ފެތުރިގެން ނުގޮސް ވެއްޔާ އެކުވެ، މައިތިރި ވުމޭ ވެސް ބުނެވިދާނެ އެވެ. ހާޖަރު އެ ފެން ނުހުއްޓުވި ނަމަ ކޯރުހެދިގެން، އެ ފެން މުޅި ބިމަށް ފެތުރިގެން ދިޔައީސް ކަމަށް ވެސް ބުނެވެ އެވެ.

މި ހިސާބުން ޒަމްޒަމް ވަޅާ ބެހޭ ވަރަށް ކުރު ތަޢާރުފެއް އަރިސްކޮށްލާނަމެވެ. ޒަމްޒަމް ވަޅަކީ، މާތްވެގެންވާ މައްކާ ގައި ހުރި، ﷲ ގެ މުޤައްދަސް ގެފުޅުގެ އިރުމަތީ ފަރާތުން 20 މީޓަރު (66 ފޫޓު) ދުރުގައި ހުންނަ ވަޅެކެވެ. ޒަމްޒަމް ވަޅަކީ، ސަލާމް ލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނާއި އެ ތުއްޕުޅު ދަރިކަލުންގެ މައިކަމަނާ ހާޖަރު ފެންފޮދަކަށް ބޭނުންފުޅު ވެގެން އުޅުއްވަނިކޮށް، ﷲ ތަލާގެ ޤުދުރަތްތެރިކަމުން ބިމުން ނެރުއްވި ފެން އާރެކެވެ. އިސްލާމީ ތާރީޚާއި، ސީރަތު ފޮތްތަކުގައި، މި ކަމާ ބެހޭ ތަފްޞީލުތައް ވަރަށް ފުރިހަމައަށް ހުރުމާ އެކު މި މަޟްމޫނުގައިި މާދިގު ކޮށް މި ވާހަކަ ދައްކާކަށެއް ނެތީމެވެ.

އަލް އިމާމުލް ބުޚާރީ ނެރުއްވާފައިވާ ޙަދީސެއްގައި ވަނީ، ސަލާމް ލެއްވި އިބްރާހީމުގެފާނު އެ ކަލޭގެފާނުގެ ޖާރިޔާ، ނުވަތަ އިސްމާޢީލު ގެފާނުގެ މަންމާފުޅު، ހާޖަރު އާއި އެ ތުއްޕުޅު ކިރުބޯ ދަރިކަލުން، އިސްމާޢީލައިގެން ވަޑައިގެން، ގެފުޅު އަރިހުގައި، މިހާރު ޒަމްޒަމް ވަޅު އެ ހުރި ތަނުގައި، ހުރި ބިޔަ ގަހެއްގެ ދޮށަށް ވަޑައިގަތެވެ. އަދި އެ ހިނދު އެ ގަސް ދަށުގައި، ހާޖަރު އެ ކަމަނާގެ ތުއްތު ދަރިކަލުން އިސްމާޢީލު ބޭއްވެވި އެވެ. އޭރު މައްކާގައި މީހުންނެއް ނޫޅެ އެވެ. އެ ތަނަކީ ކާބޯ އެއްޗެއް، އަދި ފެނެއް ހުރި ތަނެއް ވެސް ނޫނެވެ. ދެން އެ ދެމައިންނަށް ކަދުރު ކޮޅަކާއި، ފެން ހަމަކާ ދެއްވައިފައި، ސަލާމް ލެއްވި އިބްރާހީމްގެފާނު އެ ތަނުން ވަޑައިގަންނަން ފައްޓަވައިފި އެވެ. އެ ހިނދު ހާޖަރު އެ ކަލޭގެފާނު ފަހަތްޕުޅުން ވަޑައިގެން އެއްސެވި އެވެ. އޭ އިބްރާހީމެވެ. މި ހަނަފަސް ވާދީ ގެ ތެރެއަށް އަހަރެމެން ދެމައިން ދޫކޮށްލައްވައިފައި ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮން ތާކަށް ތޯ އެވެ. އެތައް ފަހަރަކު މި ފަދައިން ހާޖަރު ސުވާލު ކުރެއްވުުން ވެސް ޖަވާބެއް ލިބިވަޑައިނުގަތުމުން އެއްސެވި އެވެ. ތިޔައީ ﷲ ތަޢާލާ ކަލޭގެފާނަށް އަމުރު ކުރެއްވި ގޮތް ތޯ އެވެ؟ ދެން އެ ކަލޭގެފާނު އާނ އެކޭ ވިދާޅުވެ ސަނިއްޔާއޭ ކިޔާ ހިސާބަށް ވަޑައިގެންފި އެވެ. އެ ހިސާބުން އެއްވެސް މީހަކަށް އެ ކަލޭގެފާނު ފެނިވަޑައެއް ނުގަންނާނެ އެވެ. ދެން މައްޗަށް ދެ އަތްޕުޅު އުފުއްލަވައި އަންނަނިވި ދުޢާ ކުރެއްވި އެވެ.

(رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ) سورة إبراهيم 37

"އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއް ގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރި ރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުން ކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށްޓަކައެވެ."

އިބްރާހީމްގެފާނު އެ ދެމައިން އެތަނަށް ދޫކުރައްވައި ވަޑައިގަމުމުން، ހާޖަރު، އެ ކަމަނާގެ އަތްޕުޅުގައި ހުރި ކަދުރާއި ފެން ހުސްވަންދެއް ފަރީއްކުޅުއްވައި އުޅުއްވެވި އެވެ. ދެން އެ ތަކެތި ހުސްވުމުން، އެ ދެމައިން ބަނޑުހައިވެ، ފެން ބޮވައިގަނެ، ވަރަށް ބޮޑަށް ކަރުހިއްކައިގެންފި އެވެ. ދެން އެ ކަމަނާ ގޮތް ހުސްވެވަޑައިގެން ތުއްތު އިސްމާޢީލު އެތަނުގައި ބާއްވައިފައި، ފެން ފޮދެއް ލިބޭތޯ ދެކޮޅަށް ދެކޮޅަށް ދުވެވަޑައިގަންވަނަން ފަށްޓަވައިފި އެވެ. އެ ކަމަނާއާ އެންމެ ކައިރީގައި ހުރީ ޞަފާ ފަރުބަދަ އެވެ. ދެން އެ ފަރުބަދަ މައްޗަށް އަރައިވަޑައިގެން ދުރުން މީހެއްގެ ހިލަމެއް ވޭތޯ ބެއްލެވި އެވެ. ދެން ޞާފާ އާޢި މަރްވާއާ ދެމެދު އޮތް ވާދީ ގައި މީހަކު އުޅޭތޯ ބެއްލެވި އެވެ. ވާދީން ވެސް މީހަކު ނުފެނުމުން ޞަފާ ފަރުބަދަ މަަތިން ފައިބައިވަޑައިގެން ވާދީ ކަޑައްތު ކުރައްވައި، މަރުވާ ފަރުބަދަ މައްޗަށް އަރައިވަޑައިގެން މީހެއްގެ ހިލަމެއް ވޭތޯ ބެއްލެވި އެވެ. އެހިސާބުން ވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވި އެވެ. މި ގޮތަށް 7 ފަހަރު ތަކުރާރު ކުރެއްވި އެވެ.

އިބުނު ޢައްބާސްގެ ރިވާޔަތު ގައި އައިސްފައިވާ ގޮތުގައި، އެ ކަމަނާ މަރުވާ ފަރުބަދަ މައްޗަށް އަރައިވަޑައިގަތް ތަނާ އަޑެއް އިވިވަޑައިގަތެވެ. ދެން ފެނިވަޑައިގަތީ ޒަމްޒަމް ވަޅު މިހާރު އެ ހުރި ތަނުގައި ޖިބުރީލުގެފާނު ވަޑައިގެން ހުންނަވަނިކޮށެވެ. ދެން ޖިބުރީލު އެ ކަމަނާއާ މުޚާޠަބު ކުރައްވައި ސުވާލުކުރެއްވި އެވެ. "ކަމަނާ ތިޔައީ ކާކު ހެއްޔެވެ؟ އެ ސުވާލަށް އެ ކަމަނާ ޖަވާބު ދެއްވި އެވެ. "އަހުރެންނަކީ ހާޖަރެވެ. އިބްރާހީމްގެފާނުގެ ދަރިކަލުންގެ މަންމަ އެވެ. ދެން އެއްސެވި އެވެ. އެ ކަލޭގެފާނު ތިޔަ ދެ ކަނބަލުން ޙަވާލު ކުރެއްވީ ކާކާތޯ އެވެ؟ އެކަމަނާ ދެންނެވި އެވެ. ﷲ ތަޢާލާއާ އެވެ. ދެން ޖިބުރީލުގެފާނު ވިދާޅުވި އެވެ. އެ ކަލޭގެފާނު ތިޔަ ދެ ކަނބަލުން އެ ޙަވާލު ކުރެއްވީ އެ ކަމަށް ކުޅަދުން ވަންތަ ފަރާތަކާ އެވެ. ދެން ޖިބުރީލު ގެފާނު އެ ކަލޭގެފާނުގެ ފައިންޕުޅުން ނުވަތަ ފިޔަފަތްޕުޅުން އެތަން ކޮނެލެއްވުމުން އެ ތަނުން ފެން އަރަން ފަށައިފި އެވެ. އެވަގުތު އެކަމާ ހާޖަރު ވަރަށް ބޮޑަށް ޙައިރާންފުޅުވި އެވެ. ދެން އެ ފެން ހިފެހެއްޓެވުމަށް އޭގެ ވަށައިގެން ކިސަޑާ އެކު ހިލަ ޖައްސަވައި ބަންދު ކުރެއްވި އެވެ. ދެން އެ ފެނުން ފެން ފަރީއްކުޅުއްވައި، ދަރިކަލުންނަށް ކިރުފޮދު އެރުވި އެވެ. ދެން ޖިބުރީލު ވިދާޅުވި އެވެ. ތިޔަ ދެމައިން ގެއްލެނި ކުރައްވައިފާނެ ކަމަށް ކަމަނާ ބިރުފުޅުގެން ވަޑައި ނުގަންނަވާށެވެ. ﷲ ގެ ގެފުޅު ހުންނާނީ މި ހިސާބުގަ އެވެ. އެ ގެފުޅު ބިނާ ކުރައްވާނީ ތިޔަ ތުއްތުޕު ބޭފުޅާ އާއި ތިޔަ ބޭފުޅާގެ ބައްޕާފުޅެވެ. ޞައްޙަ ރިވާޔަތްތައް ބުނާ ގޮތުން ދެން މި ތަނަށް އައިސް އެންމެ ފުރަތަމަ ވަަޒަންވެރިވި ބަޔަކީ ޖުރުހުމު ވަންހައިގެ މީހުންނެވެ. ވަރަށް ކުރުކޮށް މި ދަންނަވައިލީ ޒަމްޒަމް ގެ ތާރީޚެވެ. (ނުނިމޭ)

*****

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން