މަރިޔަމް ލަމްޙާ ރަޝީދު   6 އޮކްޓޯބަރު 2023 - 13:54
ކޮންމެ އިންސާނަކުވެސް ދުނިޔެ ދޫކޮށް ދާންޖެހޭނެއެވެ. މިދުނިޔޭގެ ވަގުތީ އާލާމުގައި ހަމަ އެކަކަށްވެސް ތާއަބަދަކު ނުތިބެވޭނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހަލަބޮލި ދިރިއުޅުމުގެ ތެރެއިން މިކަން ހަނދާންވަނީ ކާކަށްހެއްޔެވެ؟ މި ދުނިޔެއަކީ އިންސާނުން މަޑުކޮށްލާ ވަގުތީ މަންޒިލެއްކަން ހަނދުމަ ނެތި ކޮންމެ އިންސާނަކުމެ މަރުގެ ރަހަ ދެކޭނެކަމަށް ހަތް އުޑުމަތިން ﷲ ބާވަތްލެއްވި ބަސްފުޅުގައި އެބަ އޮތްކަން ހަނދާން ކުރަނީ ނުވަތަ އެކަން ހިތްމައްޗަށް ގެންނަނީ މަދު ބައެކެވެ.

މީހަކު ނިޔާވެގެން އުޅޭ ޚަބަރު ލިބުމުންވެސް މިހާރު އަސަރުކުރާ ބަޔަކު ނޫޅެއެވެ. ފަސްދާނުލުމަށްފަހު މަރުވި މީހާއާއިމެދުވެސް ވިސްނާނުލެވޭތާ އަމިއްލަ މަރުމަތިންވެސް ހަނދާނެއް ނުވެއެވެ. އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯއެވެ. ދުނިޔޭގައި އެކަކު އަނެކަކަށް ނަސޭހަތްދީ ހަނދާންކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ. އެހެންކަމުން ތަޤުދީރުކުރެވިފައިވާ މިކަންތަކަށް ވިސްނާލުމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ރަސްގެ ކިޔުންތެރިންނަށް އެކަން ހަނދާންއާކޮށްދެވޭތޯ މަސައްކަތްކޮށްލާނަމެވެ.

ތިބާގެ ކައިރިއަށް މަރުއައިހިނދު، ކައިރީގައި ތިބި އެންމެން ތިބާގެ ހަށިގަނޑު އުފުލައިގެން ޑޮކްޓަރީގޮތުން ކަމެއް ކުރެވެން އޮތްތޯ ބަލަން ހަސްފަތާލަށް ގެންދެއެވެ. ދެން އެތަނުން ތިބާގެ މަރު އިއުލާން ކުރެވެއެވެ. ސޯޝަލް މީޑީއާގައި ގާތްތިމާގެ މީހުންނާއި ފެނިދެނިވެއުޅޭ އަވަށްޓެރީންނަށް ދަންދެން ތިބާގެ ނަމުގައި ދުޢާތައް ލިޔެ އެނބުރިދާން އޮތް އާލަމަށް ދަތުރުކޮށްފިކަމަށް ދޭހަވާ އަސަރުގަދަ ލިޔުންތައް ލިޔަންފަށައެވެ. އަދި ތިބާގެ ހަށިގަނޑު ހިނަވައި ކަފުންކޮށް ކަށުކަމާއިކެމީގެ މަސައްކަތްތައް ކުރެއެވެ.

އެއަށްފަހު ތިބާގެ ހަށިގަނޑު މިދުނިޔެމަތީގައި އެންމެ ފަހުފަހަރަށް މިސްކިތަށް ވެއްދެއެވެ. އަދި ތިބާއަށް ހެޔޮއެދޭ ހުރިހާ ބަޔަކާއި މިސްކިތުގައި ތިބޭ ޞާލިހު އަޅުންގެ ބަޔަކު ތިބާގެ މައްޗަށް ދުޢާކޮށް ތިބާގެ ކަށުނަމާދު ފުރިހަމަ ކުރެއެވެ.

އަދި އެއަށްފަހު ގަބުރުސްތާނުގައި ތިބާގެ ފުރާނަ ނެތް މަސްގަނޑަށް ޚާއްސަކޮށް ކޮނެފައިވާ ކަށްވަޅަށް ތިބާ ތިރިކުރެވެއެވެ. އެހާހިސާބުން އާއިލާގެ މީހުންނާއި އެކުވެރިން ތިބާ ވަޅުލުމަށްފަހު އެނބުރި ގެއަށް ހިނގައިދެއެވެ. ތިބާއާއިއެކު ވީހައި ބަޔަކު އެބައެއްގެ ހަލަބޮލި ދިރިއުޅުމާއިގެން މަސްޢޫލުވެ ކުރިއަށްދާންފަށައެވެ. ތިބާގެ ހަށިގަނޑު ކަށްވަޅުގެ ޤުދުރަތީ ނިޒާމުގެ ތެރެއިން ތިބާގެ ހަށިގަނޑުގެ މަސްތައް ފަނިފަކުސާގެ ކާނާއަށްވާން ފަށައެވެ.

ކަން މިހެން ހުރިނަމަވެސް، މިވަގުތީ ދުނިޔެމަތީގައި ބޮޑާވެފައި ތިމާގެ އާއިލާ މީހުންނާއި ގިނަ އެކުވެރިން ތިބޭނެއޭ ބާރުލާފައި ބުނާ މީހުންގެ އަޑުތައް އެހާމެ ގަދައެވެ. އެހެންނަމަވެސް ވިސްނާލާށެވެ.

ތިބާ ފަސްދާނުލުމަށްފަހު އާއިލާގެ މީހުން ދާނީ ގެއަށެވެ. އަދި އެކަކު އަނެކަކަށް އަޅާލުމުގައި މަޝްއޫލުވާނެއެވެ. އަދި ތިބާ ފަސްދާނުލުމަށްފަހު ގަޑި ދެގަޑިއިރުފަހުން ދަންނަ މީހުންނާއި އެކުވެރިން ތިބާގެ އާއިލާއަށްގުޅައި މޫނު ދެކިލާން ނުދެވުނީތީ މާފަށް އެދެން ގުޅަންފަށާނެއެވެ. އަދި ދުވަހުގެ އިރު ނުއޮއްސެނީސް ތިބާގެ އެކުވެރިން އެމީހުންގެ އާއިލާތަކާއިއެކު އަނެއްދުވަހުގެ މަސައްކަތްތަކާއި ކަންކަން ރާވަންފަށާނެއެވެ.

ތިބާ ފަސްދާނުލެވުނުތާ 24 ގަޑިއިރު ފާއިތުވުމުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް އެއްކޮށް ހަލާކުވާންފަށައެވެ. އެއީ މިދުނިޔެމަތީ ވަރަށް ފަރުވާތެރިކަމާއެކު ރީތިކޮށް ޒީނަތްތެރިވެ ބަލަހައްޓަމުންދިޔަ ހަށިގަނޑެވެ.

ތިބާގެ ހަޑިގަނޑު ކަށްވަޅަށް ތިރިކުރެވާތާ 24 ގަޑިއިރުތެރޭގައި މުޅިހަންގަނޑު ހަލާކުވެގެން ދާއިރު، މިދުނިޔެމަތީގައި ތިބާގެ ވަގުތުތައް ބޭކާރުކުރުމުގައި އެންމެ ބޮޑު އެއްއަސްލުކަމަށްވާ ތިބާގެ މޮބައިލް ފޯނު އެކްޓިވްކޮށް އޮވެއެވެ.

އިއްޔެ ދުނިޔޭގައި ހުރިއިރު އެންމެ ފަހުވަގުތާ ޖެހެންދެން ކޮށްފައިހުރި މެސެޖުތަކާއި ސޯޝަލް މީޑިއާއަށް ދޫކޮށްފައިދިޔަ ފޮޓޯތަކާއި ވީޑިއޯތަކަށް މެދުނުކެނޑި ނޮޓިފިކޭޝަންތައް އަންނަމުންދެވެ. އަދި ތިބާގެ ނަމާދުތައް އަޅާފައި އަދާކުރި ވަޒީފާގެ ގޮތުން ގުޅުންހުރި އެކިއެކި މީހުންނާއި ތިބާގެ މަރުގެ ޚަބަރު ނޭނގޭ މީހުން ދުނިޔަވީ އެކިއެކި ކަންކަމުގައި ތިބާގެ ފޯނަށް މެދުނުކެނޑި ގުޅައި މެސެޖު ފޮނުވުމުގައި އަވަދިނެތި އުޅެއެވެ. ނަމަވެސް ތިބާއަށް އެމީހުންނަށް މިއަދު ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟

ތިބާ މަރުވުމަށްފަހު 3 ދުވަސް ނުވަނީސް ތިބާ ހުރި ވަޒީފާގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާންކުރެވެއެވެ. އެވަގުތު ކަށްވަޅުގައި ދާނީ ތިބާގެ މުޅި ހަށިގަނޑު ފޯވެ ފުފެމުންވެ. ތިބާ ވަކިވިތާ ހަފްތާއެއް ވުމުން ދަރިފުޅު އަނބުރާ ވަޒީފާއަށް ނުކުމެއެވެ.

މަހެއް ފަހުން ހުރިހާ ދަރިން އެމީހުންގެ ވާރުތަ މުދަލާއި ބެހޭގޮތުން ވާހަކަ ދައްކަން ފަށައެވެ. އޭރު ތިބާގެ ދަތްތަކާއި ނިޔަފަތިތައް ކަށްވަޅުގެ ވެލީގެ ތެރެއަށް ވަކިވަމުންދާނެއެވެ. އަދި ތިބާގެ މަރަށް އަހަރެއްވުމުން މީހަކު ބުނެލާނެއެވެ. 'ހީވަނީ އިއްޔެ ހިނގައިދިޔަ ކަމެއް ހެނެވެ. އޭނާގެ ވަކިވުމަށް އަހަރެއް ފާއިތުވިހެންވެސް ހީނުވެއެވެ.

އަދި ތިބާގެ މަރަށް 10 އަހަރު ފާއިތުވުމުން އެކުވެރިން ތިބާގެ ފޮޓޯއެއް ފެނުމުން ނޫނީ ތިބާގެ ހަނދާނެއް ނުވާނެއެވެ. އޭރު ތިބާގެ ކަށްވަޅުގައި ތިބާގެ ކަށިތައް ފިޔަވައި އިތުރު އެއްޗެއް ފެންނާކަށް ނުހުންނާނެއެވެ.

ތިބާގެ ދުނިޔޭގެ ހަޔާތް ނިމުމަށްފަހު ތިބާގެ މަތިން ހަނދާން ނެތުމަކީ އެހާވެސް ކުޑަ ދުވަސްކޮޅެއްގެ ކަމެކެވެ. މިއީ ދުނިޔެއެވެ. މިއަދު ކައިރީގައި ތިބި ބަޔަކު ތިބާއާއި އެކު ވެދާނެއެވެ. ތިބާ ދިޔުމަށްފަހު ތިބާގެ މަޤާމަށް އެހެން ބަޔަކު އަންނާނެއެވެ.

ތިބާ އެހެންމީހުންނަށްޓަކައި ވަގުތާއި ހަކަތަ ހުސްކޮށް އަމިއްލަ ނަފްސު ޤުރުބާން ތިޔަކުރަމުންދަނީ އާޚިރަތް ވިއްކާލާފައި ނޫންހެއްޔެވެ؟ އެމީހުން ތިބާއަށްޓަކައި ކަމެއް ކޮށްނުދެވޭ ދުވަހު ތިބާ ވާނީ އެކަނި ހާލުގައެވެ. އެހެންކަމުން ތިބާގެ ދީނާއި އަޅުކަންތައް ދޫކޮށް ދުނިޔަވީ ކަންކަމުގައި ޣާފިލުވެ އުޅޭއިރު މިދުނިޔެއިން ތިބާ ނެތި ދިއުމުން ތިމާއަށް ވާނެ ގޮތް އެއްފަހަރު ނަމަވެސް ހިތްމައްޗަށް ގެނަސް އެކަންކަމާއި މެދު ފިކުރު ހިންގާލުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން