ތުއްތު ދަރިފުޅުގެ ސިކުނޑި ތަރައްގީވުމުގައި މުހިންމީ ސިއްހަތަށް ފައިދާހުރި ކާނާ ދިނުން އެކަންޏެއް ނޫނެވެ. ތުއްތު ދަރިފުޅުގެ ވިސްނުންތެރިކަން ބިނާކުރުމަށް ވަރަށް ބައިވަރު ކަންކަން ކުރަން ޖެހެއެވެ. ފައިދާ ހުރި ކާނާގެ އިތުރުން ލޯބިން ބައްދާލުމާއި، ކޮންމެ ބޮސްދިނުމާއި، އެކުގައި ކުޅޭ ކުޅެލުމުންވެސް ތުއްތު ދަރިފުޅުގެ ސިކުނޑި ބިނާކުރުމަށް އެހީތެރިވެމުންދެއެވެ.

ތުއްތު ދަރިފުޅުގެ ސިކުނޑި ތަރައްގީވުމުގައި މައިންބަފައިންނާއި، އާއިލާއިން ކުރެވިދާނެ މުހިންމު ކަންތައްތައް:

* އުމުރު: 3 މަސް

ތުއްތު ދަރިފުޅަށް ތިން މަސް ފުރުނީމަ އޭނާގެ ލޮލުގެ ފެނުން ސާފުވާނެ ފަށާނެއެވެ. ވީމާ، އެ ދުވަސްކޮޅުގައި ކުއްޖާ ކުރިމަތީގައި ކުލަގަދަ ކުޅޭ ތަކެތި ގެންގުޅުނީމާ، ކުއްޖާގެ ސަމާލުކަން އިތުރުވާނެއެވެ. މި އުމުރުގައިވެސް ތުއްތު ދަރިފުޅާއި ގިނަގިނައިން ވާހަކަ ދައްކަން ވާނެއެވެ. އަދި އެކި އެއްޗެހީގެ ފޮޓޯ ދައްކާ ކުއްޖާއަށް އެއްޗެހި ތައާރަފްކުރަން ވާނެއެވެ. ވާހަކަ ނުދެއްކުނަސް، ކުއްޖާ އެކަމަށް ޝައުގުވެރިކަން ބަހައްޓާ އެކަމުގައި ބައިވެރިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ތިން މަހުގެ ތުއްތު ކުދިންނާއި ވާހަކަދައްކާއިރުގައި މޫނުމައްޗަށް ގެންނަ ހަރަކާތްތައް ނަކަލުކޮށް އޭނާއަށް ދައްކާ ހަދާށެވެ. މި އުމުރުފުރާގައި ކުއްޖާ ގެންގުޅޭ މީހުން އޭނާ ކުރިމަތީގައި މޫނުމައްޗަށް ގެންނަ ހަރަކާތްތައް އެކުއްޖާ ނަކަލުކުރަން ފަށާނެއެވެ.

މީގެއިތުރުން، ކޮންމެ ދުވަހަކުވެސް މަދުވެގެން 15 މިނެޓްގެ ވަގުތުކޮޅެއް ކުއްޖާއާއިއެކީގައި ކުޅެން ހޭދަކުރުމަށް އާދަކުރާށެވެ. 15 މިނެޓް ވަންދެން ތުއްތު ދަރިފުޅާއި އެކީ ކުޅެ ހެދުމުން، އޭނާގެ ސިކުނޑި ތަރައްގީވުމުގައި ފައިދާކުރާނެއެވެ.

* އުމުރު: 6 މަސް

6 މަސް ފުރުނީމަ، ކުއްޖާގެ ހަރަކާތްތެރިކަން އިތުރުކުރުމަށް، އޭނާ އަތަށް ކުޑަކުދިންގެ ކުޅޭ އެއްޗެހި ދޭން ވާނެއެވެ. އަދި މިއީ ކާންދޭން ފަށާ އުމުރަށްވިޔަސް، މާމުއި ނޫން އެހެން ހުރިހާ ކާނާ ދެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މާމުއި ދޭން ބޭނުމިއްޔާ އެއް އަހަރު ފުރުނީމަ ނޫނީ މާމުއި ނުދިނުމަށް ޑޮކްޓަރުން ނަސޭހަތްތެރިވެއެވެ.

* އުމުރު: 1 އަހަރު

އެއް އަހަރު ފުރުނީމަ، ކުއްޖާއަށް މީހުން ދައްކާ ވާހަކަ ރަނގަޅަށް ދޭހަވާން ފަށާނެއެވެ. މި އުމުރުގައި ކުއްޖާ ކުރާ ކަންތައްތަކަށް ޕޮޒިޓިވް ކޮމެންޓްސް ނުވަތަ "ވަރަށް ރަނގަޅޭ" ދޭހަވާ ބަސްތައް ބުނުމަށް އާދަކުރާށެވެ. އޭރުން ކުއްޖާގެ ކޮންފިޑެންސް އިތުރުވެގެންދާނެއެވެ. އަދި ވީހާވެސް ގިނަގިނައިން އެކި އެއްޗެއްސާއި ތަކެއްޗާއި މީހުންގެ ނަންތައް ކުއްޖާއަށް ތައާރަފްކުރަމުންދާށެވެ.

މީގެއިތުރުން، ކުއްޖާ ކުޅޭ ގަޑި ނިމުމުން ކުޅެން ގެންގުޅޭ ތަކެތި ރައްކާކުރުމަށް ކުއްޖާގެ އަތްމައްޗަށް ދޫކޮށްލާށެވެ. އަދި ތަފާތުވައްތަރުގެ ކުޅޭ ތަކެތި ގެންގުޅުމުގައި މިނިވަންކަން ދޭށެވެ. މިއީ އަމިއްލަ ވިސްނުން ބޭނުންކޮށް އަތްފަތް ހަރަކާތް ކުރުމުގެ ހުނަރު ތަރައްގީ ކުރުމަށް ފައިދާކުރުވަނިވި ކަމެކެވެ.

މިއުމުރުގައި ދަރިފުޅަށް ދައްކާ މަންޒަރުތަކާއި ބެހޭގޮތުން ސުވާލުކޮށް ހަދާ، ވަށައިގެންވާ މާހައުލުގައި ވާ ތަކެއްޗާއި ބެހޭގޮތުންވެސް ވާހަކަދައްކާ، ކުއްޖާ ފެންވަރުވާ ގަޑިއާއި ކާންދޭ ގަޑީގައިވެސް ކުއްޖާއާއި ވާހަކަދައްކާށެވެ. އޭރުން ކުއްޖާގެ ކިބައިގައި ކަން ކަމާމެދު ހުންނަ ޝަޢުޤުވެރިކަން އިތުރުވެގެންދާނެއެވެ. އަދި މި އުމުރުގައި ކުއްޖާއަށް ކުދިކުދި އިރުޝާދުތައް ބުނެދޭން ވާނެއެވެ. އޭރުން އަވަހަށް ވާހަކަދައްކަން ފަށާނެއެވެ.

* އުމުރު: 2 އަހަރު

އުމުރުން 2 އަހަރު ފުރުނީމާ، މި ހިސާބުން ކުއްޖާއަށް އެއްޗެހި ދަސްކުރުމަށް ހޭނެން ފަށާނެއެވެ. މި އުމުރުގައި ކުއްޖާއަށް ކާޓޫން ފަދަ އެއްޗެހި ދެއްކިޔަސް، މާ ގިނައިން ދައްކަން އާދަނުކުރާށެވެ. ޓީވީ ނުވަތަ އިންޓަނެޓުން ލިބޭ ފިލާވަޅުތަކަށްވުރެ އާއިލާ އާއި އެކުގައި އުޅޭ މީހުންގެ ފަރާތުން ލިބޭ ފިލާވަޅު މާ ރަނގަޅުކަަމަށްވެސް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ޗައިލްޑްކެއަރ އެކްސްޕާޓުން ބުނާ ގޮތުގައި ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް ކުއްޖާއަށް ވާހަކަ ފޮތެއް ނުވަތަ މައުލޫމާތު ފޮތެއް ކިޔައި ދިނުމުގައި ހޭދަކުރަންވާނެއެވެ. ފޮތް ކިޔައިދޭ ގަޑީގައި ކުޑަކުއްޖާ ޝައުގުވެރިވާ ގޮތަށް ފޮތުގައި ވާ ވާހަކައާއި މަންޒަރުތައް ހުށަހަޅާ އެއާއި ބެހޭގޮތުން ސުވާލު ކުރަން ވާނެއެވެ. އަދި އޭނާއަށް ސުވާލަށް ޖަވާބު ދޭން ހިތްވަރުދޭންވާނެއެވެ.

މިއުމުރުގައި ކުޅޭ އިރުގައި ވީހާވެސް އިލްމު އުނގެނޭ ފަދަ ގޭމްތައް ނުވަތަ ހަރަކާތްތައް ތައާރަފްކޮށްދިނުމަށް އިސްކަންދޭށެވެ. މިސާލަކަށް ޝޭޕްސްއާއި ކުލަކުލައިގެ ކަރުދާހުގެ ކަޓްއައުޓްތައް ދީ ހަދާށެވެ. އޭރުން އެ އެއްޗެހި ގުޅުވާ ހަދަން ދަސްވާނެއެވެ. އަދި މިއުމުރުގައި ބާރަށް ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމަޑުން އެއްޗެހި ވިސްނަދޭން އުޅުނީމަ ކުއްޖާއަށް ފަސޭހައިން ކަންތައްތައް ދޭހަވާނެއެވެ. މިއީ ވިސްނާލަން ވަރަށް މުހިންމު ނުކުތާއެއް ކަމަށް ނަފްސާނީ އިލްމުވެރިން ފާހަގަކުރެއެވެ.

ބައެއް ކުދިންނަށް އުމުރުން 4 އަހަރު ވާ އިރުވެސް، ވާހަކަދެއްކުމުގައި އުނދަގޫތައް ދިމާވެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ވާހަކަދެއްކުމުގައި އުނދަގޫތައް ދިމާވާނަމަ، ކުއްޖާއާއި ވާހަކަދައްކާއިރު އެއް ބަހުރުވައަކުން ވާހަކަދައްކަން ސަމާލުކަން ދޭށެވެ. ލަހުން ވާހަކަދައްކަން ފަށާ ކުދިންނާއި އެކި ބަހުރުވައިން މުއާމަލާތް ކުރީމަ އެކުދިންނަށް ވަރަށް ބޮޑަށް އޮޅުން އަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން