މީގެ ކުރީގައި ޗެލްސީއާއި ލިލްއަށް ކުޅެފައިވާ އީޑަން ހަޒާޑް އުމުރުން 32 އަހަރުގައި ފުޓްބޯޅަ ކުޅުމުން ރިޓަޔާ ވެއްޖެއެވެ.

16 އަހަރު ވަންދެން ފުޓްބޯޅަ ކުޅެފައިވާ ހަޒާޑް އެންމެ ފަހުން މަސައްކަތްކުރީ ރެއާލް މެޑްރިޑްގެ ސްކޮޑްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި އަނިޔާއާއި ފިޓްނަސްގެ މައްސަލަތަކާއި ގުޅިގެން ރެއާލްގައި އޭނާ ހޭދަކުރީ ނާކާމިޔާބު ދުވަސްތަކެކެވެ.

ހަޒާޑް ވަނީ ބެލްޖިއަމްގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ. ނިމިދިޔަ ޑިސެމްބަރގައި ހަޒާޑް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ޤައުމީ ޓީމަށް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން 3 ވަނަވެސް ހާސިލުކުރެވިފައެވެ.

ހަޒާޑްގެ ކެރިއަރުގައި އޭނާ ވަނީ 5 ލީގް ޓައިޓަލް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޗެލްސީއަށް ހޯދާދިން 2 ލީގް ޓައިޓަލް ހިމެނެއެވެ. އަދި 2014-2015 ގައި ޕީއެފްއޭގެ ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑްވެސް ހާސިލުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން