ފްރާންސާއި ޕޯގަލް ޔޫރޯ 2024 އަށް ކޮލިފައިވެއްޖެއެވެ.

ފްރާންސް ޔޫރޯއަށް ކޮލިފައިވީ ނެދަލޭންޑްސްއާއި ބައްދަލުކުރި މެޗްގައި 2-1 ގެ ނަތީޖާއެއް ހޯދައިގެންނެވެ. އަދި ޕޯޗުގަލް ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ސްލޮވޭކިއާގެ މައްޗަށް ކުރި ހޯދާފައެވެ.

ގްރޫޕް ބީގައި ކުޅެގެން ފްރާންސް ފަހަތުން އަރާ ނެދަލޭންޑްސް ބަލިކުރީ އެޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ޖަހައިދިން 2 ލަނޑުންނެވެ. އެމްބާޕޭ ވަނީ ފެންޑަރު ޖޮނަތަން ކްލައުސްގެ އެހީއާއިއެކު ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްގައި ފްރާންސަށް ލަނޑު ޖަހާދީފައެވެ.

ފްރާންސްގެ މި ލަނޑަށްފަހު ގިނަ ކުޅުންތެރިން އަނިޔާގައި ތިބި ނެދަލޭންޑްސްއިން ކުޅުން ރަނގަޅުކުރިއެވެ. ނަމަވެސް ފުރަތަމަ ހާފްގައި ކުޅުންތެރިންނަށް ލިބުނު ހުސް ފުރުޞަތުތަކުގެ ބޭނުން ނުހިފުނެވެ. ފުރަތަމަ ހާފް ނިމުނީ 1-0 އިން ފްރާންސް ކުރީގައި އެޮވެގެންނެވެ.

ދެވަނަ ހާފްގެ 53 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ޤައުމީ ޓީމަށް އޭނާ ޖަހައިދިން 42 ވަނަ ގޯލް ކާމިޔާބުކޮށްގެން ފްރާންސަށް ލީޑް ފުޅާކޮށްދީފައެވެ. މެޗްގެ 83 ވަނަ މިނެޓްގައި ސްޓީވަން ބާގްމަން ތަނަވަސްކޮށްދިން ފުރުޞަތެއްގެ ބޭނުން ހިފައިގެން ނެދަލޭންޑްސްއަށް ލަނޑު ޖަހާދިނީ ޑިފެންޑަރ ހާޓްމަންއެވެ.

މިއާއިއެކު، ފްރާންސް މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. އަދި ނެދަލޭންޑްސް އޮތީ ގްރޫޕް ބީގެ ތިން ވަނައިގައެވެ.

ފްރާންސްއަކީ 1988 އިން ފެށިގެން ކޮންމެ ފަހަރަކުވެސް މެދުކެނޑުމެއްނެތި ޔޫރޯއަށް ކޮލިފައިވާ ޤައުމެކެވެ. ނެދަލޭންޑްސްއިން ކޮލިފައިންގ މެޗެއްގައި ދެން ބައްދަލުކުރާނީ ގްރީސްއާއިއެވެ.

ގްރޫޕް ޖޭގައި ހިމެނޭ ޕޯޗުގަލްއާއި ސްލޮވޭކިއާ ބައްދަލުކުރި މެޗްގެ ފުރަތަަމަ ހާފްގެ 18 ވަނަ މިނެޓްގައި ޕޯޗުގަލްއިން ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުން ޕީއެސްޖީގެ ގޮންކާލޯ ރާމޯސް ކާމިޔާބު ކުރި ލަނޑެކެވެ.

އެއަށްފަހު، ފުރަތަމަ ހާފްގެ 28 ވަނަ މިނެޓްގައި ޕޯޗުގަލަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑާއިއެކު، އެޓީމަށް ލީޑް ފުޅާކުރެވުނެވެ. ޕެނަލްޓީއަކުން ކާމިޔާބުކުރި މި ލަނޑާއިއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއިން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެހުނު ބޯ ވާރޭގެ ތެރޭގައި ސްލޮވޭކިއާއިން ވަނީ ކުޅުން ރަނގަޅުކޮށްގެން ޖެހުނު އެއް ލަނޑާއިއެކު ފަރަގު ކުޑަކޮށްފައެވެ. 69 ވަނަ މިނެޓްގައި އެ ލަނޑު ސްލޮވޭކިއާއަށް ކާމިޔާބުކޮށްދިނީ ފެންޑަރު ޑޭވިޑް ހަންކޯއެވެ. އެހެން ނަމަވެސް، ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހިތާ 3 މިނެޓް ފަހުން ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް 3 ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑް ފުޅާކޮށްފައެވެ.

ރޮނާލްޑޯ ޖެހި މި ލަނޑަކީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅުނު 202 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 125 ވަނަ ލަނޑެވެ. ރޮނާލްޑޯއަކީ ދުނިޔޭގައި، ޤައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ހަދާފައިވާ ތަރިއެކެވެ.

ފަހު ހާފުގެ 80 ވަނަ މިނެޓުގައި ސްލޮވޭކިއާގެ މިޑްފިލްޑަރު ސްޓެނިސްލާވް ލޮބޮޓްކާ ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ 3-2 އަށް ބަދަލުވިއެވެ. މިއާއިއެކު، ޕޯޗުގަލް ޔޫރޯ 2024އަށް ކޮލިފައިވީއިރު، ސްލޮވޭކިއާ މިވަގުތު އޮތީ ގްރޫޕް ޖޭގެ 2 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން