ޖިނާއީ ތަހުގީގަކާއި ގުޅިގެން ނިއުކާސަލްއަށް ކުޅެމުންދާ ސަންޑްރޯ ޓޮނާލީއާއި އެސްޓަން ވިލާގެ ނިކޯލޯ ޒަނިއޯލޯ އިޓަލީގެ ޤައުމީ ޓީމް ސްކޮޑުން އުނިކޮށްފިއެވެ.

އިޓޭލިއަން ފުޓްބޯލް ފެޑަރޭޝަން (އެފްއައިޖީސީ)އިން ބުނީ މިދެމީހުން ތިބީ ޔޫރޯ 2024ގެ ކޮލިފިކޭޝަން މެޗްތަކުގައި ބައިވެރިވެވޭނެ "ޙާލަތެއްގައި" ނޫން ކަމަށެވެ. މި ދެ ކުޅުންތެރިން ޓީމުން އެއްފަރާތް ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ފެޑަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، އިޓަލީގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޮނާލީއާއި ޒަނިއޮލޯ އެފްއައިޖީސީގެ ތަހުޤީޤަށް ހާޟިރުކޮށްފައިވަނީ ޖުވާ ކުޅުމުގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މޯލްޓާއާއި އިންގްލެންޑް ކުޅޭ މެޗުގެ ކުރިން ޕްރޮސެކިއުޓަރުން ވަނީ މިދެކުޅުންތެރިންނަށް އެކަމުގެ މަޢުލޫމާތު ދީފައެވެ.

މި ޚަބަރު ފެތުރުނީ އިޓަލީ ލީގް ކްލަބް، ޔުވެންޓަސްގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ތަހުޤީޤުކުރާ ކަން އިއުލާން ކުރުމުގެ އެއް ދުވަސް ފަހުންނެވެ. އުމުރުން 22 އަހަރުގެ ނިކޮލޯ ފަޖިއޯލީއާމެ ތަހުޤީޤު ހިންގަނީ އޮޅުވާލާއިގެން އެކި އައިޑީތައް ބޭނުންކޮށްގެން ޤަވާއިދާއި ޚިލާފަށް އޮޕަރޭޓްކުރާ ވެބްސައިޓްތަކުގައި ޖުވާ ކުޅުމާއި ގުޅިގެން ކަމަށް އިޓަލީގެ މީޑިއާއަކުން ރިޕޯޓްކޮށްފަވެއެވެ. އޭނާ ވަނީ ކުށަށް އިއުތިރާފްވެ ތަހުޤީޤަށް އެއްބާރުލުން ދޭން ފޯނުވެސް ހަވާލުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިލާނަށް ކުޅެމުންދިޔަ ޓޮނާލީ 23، ޖުލައިގައި ނިއުކާސަލްއާއި ގުޅުނެވެ. އަދި ގަލަތަސަރާއިއަށް ކުޅެމުންދިޔަ ޒަނިއޯލޯ 24، އޮގަސްޓްގައި އެސްޓަން ވިލާއަށް ބަދަލުކުރީ ލޯނު އުސޫލުގެ ދަށުންނެވެ.

އިޓަލީ ފުޓްބޯޅަ ފެޑަރޭޝަންގެ ޤަވާއިދުގައިވާ ގޮތުން، މަދުވެގެން ތިން އަހަރުގެ ސަސްޕެންޝަނެއްގެ އިތުރަށް މަދުވެގެން 25،000 ޔޫރޯ (26،520 ޑޮލަރުގެ) ޖޫރިމަނާއަކުން ފުޓްބޯޅަ މެޗުތަކަށް ބެޓް ކުރާ ކުޅުންތެރިންނަށް އަދަބު ދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން