ސްޕެއިންގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން މިއަހަރު ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ޓީމުގެ ކޯޗުކަމުން ވަކިކުރި ޖޯޖް ވިލްޑާ މޮރޮކޯގެ އަންހެން ޤައުމީ ޓީމުގެ ކޯޗްކަމަށް އައްޔަންކޮށްފިއެވެ.

މި މަޤާމަށް ވިލްޑާ ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުރި ފްރާންސްގެ ރެނާލްޑް ޕެޑްރޯސް ޓީމުގެ ކޯޗްކަމުން ވަކިކުރުމަށްފަހުއެވެ. ޕެޑްރޯސް މޮރޮކޯ ޓީމާއި ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ. އޭނާގެ ކޯޗްކަމުގެ ދަށުން މޮރޮކޯ ވަނީ އެކަށީގެންވާ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން، ޕެޑްރޯސް ވަނީ މިއަހަރު ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ރައުންޑަށް މޮރޮކޯ ގެންގޮސްދިނުމުގައި އެހީތެރިވެފައެވެ. މިއީ ވޯލްޑް ކަޕްގެ ގަދަ 16 އަށް އަަރަބި ޤައުމެއް ކޮލިފައިވީ ފުރަތަމަ ފަހަރެވެ.

ސްޕެއިންއިން އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި އެޤައުމުގެ ފުޓްބޯޅަ އެސޯސިޢޭޝަންގެ ރައީސް ލޫއިސް ރުބިއާލޭސް ވަނީ އުފާފާޅުކުރުމުގެ ތެރެއިން ޓީމުގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯގެ ރުހުމާއި ނުލާ އޭނާއަށް ބޮސްދީފައެވެ. ދަނޑުމަތީގައި ޢާންމުން ތެރޭގައި އޭނާ ކުރި މި އަމަލަށް އުމުރުން 41 އަހަރުގެ ވިލްޑާ ވަނީ ފާޅުގައި ތާއީދުކޮށް ރުބިއާލޭސްގެ ދިފާއުގައި ވާހަކަދައްކާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަނީ ހާމޯސޯއާއި ހާމޯސޯގެ އާއިލާއާއި ގާތްމީހުން ކައިރީގައި އެމައްސަލަ ހިންދާލާލުމަށްވެސް ޕްރެޝަރކޮށްފައެވެ. ވިލްޑާ އެހާވަރަށް ވަކާލާތުކޮށްދިން ރުބިއާލޭސް ވަނީ އެދުވަހު ޢާންމުން ތެރޭގައި ވަރަށް ދަށު ދަރަޖައިގެ އަމަލުތައް ހިންގާފައެވެ. އަދި ސްޕެއިންގެ ފުޓްބޯޅަ ފުނޑާލަންވެސް މަސައްކަތްކުރިއެވެ. އެހެންކަމުން، ވޯލްޑް ކަޕް ތަށި މިލްކު ކުރުމުގެ ތިން ހަފްތާ ފަހުން ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ވިލްޑާ މަޤާމުން ވަކިކޮށްފައެވެ.

2015 ވަނަ އަހަރުގައި ސްޕެއިންގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމާއި ހަވާލުވި ވިލްޑާ ވަނީ ރުބިއާލޭސްގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެކަމަކު، ހާމޯސޯއަށް ޕްރެޝަރކުރި ކަމަށް އޭނާ އިންކާރުކުރިއެވެ. އަދި ސްޕެއިން ޓީމުގެ ކޯޗްކަމުން އޭނާ ވަކިކުރީ ބޭއިންސާފުވެރިކޮށް ކަމަށް ވިލްޑާ ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން