ރާއްޖެއިން އުމްރާއަށް މީޙުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީޙުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 43 ކުންފުންޏަކަށެވެ. މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި އަންނަ މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށްއެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބުނެފައިވާ ޝަރުތު ފުރިހަމަވަވާ ކުންފުނިތަކަށެވެ. އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދެނީ ހިއްސާދާރުންގެ ޖިނާއީ މައްސަލައެއް ނެތް ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުނި ތަކަށެވެ.

އުމްރާއަށް މީޙުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނަމުން ދާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން 20،000 ރުފިޔާގެ ގެ ފީއެއް ސަރުކާރަށް ދައްކަން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން