އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި އިމާރާތްކުރާ މިސްކިތްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި ށ. މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ 15.1 މިލިއަން ރުފިޔާއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.

މި ރަސްމިއްޔާތުގައި ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން