ދެކުނު ކޮރެއާ މީހެއް ވެއްޖެއްޔާ އެމީހުންގެ މޫނުމަތީގެ ހަންގަނޑު ފެންނާނީ އާދަޔާ ޚިލާފަށް އޮމާން ކަންމަތީގައެވެ. ދެކުނު ކޮރެއާގައި ކޮންމެ އުމުރު ފުރާއެއްގެ މީހަކަށް ވިޔަސް، މޫނުމަތިން ޚާއްސަ ތާޒާ ކަމަކާއި އޮފް ކަމެއް ފެނިގެންދެއެވެ. މިއީ ޤުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމެއް ނޫނެވެ. އެހެން މީހުންނާއި ޚިލާފަށް ދެކުނު ކޮރެއާ މީހުން ހަންގަނޑުގެ އޮމާންކަން ދެމެހެއްޓުމަށްބުރަ މަސައްކަތެއް ކުރަންޖެހޭ ރޫޓިން އަކަށް އާދެވެގެން ބޯލަނބައެވެ. ދެކުނު ކޮރެއާ މީހުން މިއަށް ކިޔަނީ "ގްލާސް ސްކިން ކެއަރ"އެވެ.

އެމީހުން ކޮންމެދުވަހަކުވެސް ނިދުމުގެ ކުރިން އަދި ހެނދުނު ހޭލުމަށްފަހު، ރީތިވާން މަސައްކަތްކުރާ އެކި ސާމާނުތައް ބޭނުންކުރެއެވެ. ތިރީގައި މިވަނީ ދެކުނު ކޮރެއާ މީހުންގެ ހަމުގެ ރީތި ކަމުގެ ސިއްރުތަކެކެވެ.

ސްޓެޕް 1 : ފޭސް ވޮޝް

ނިދުމުގެ ކުރިން މުޅި ދުވަހު މޫނުގައި ހާކާފައިވާ ފުށާއި، ކްރީމް ނުވަތަ މޭކަޕް ރަނގަޅަށް ފިލުވާށެވެ. އަދި ހަމާއި ގުޅޭ ފޭސް ވޮޝްއެއްގެ އެހީގައި މޫނު ދޮންނަން އާދަކުރާށެވެ. އެކި މީހުންގެ ހަންގަނޑަށް ބޭނުންވާނީ އެކި ބާވަތުގެ ޕްރޮޑަކްޓްތަކެވެ. ބައެެއް މީހުންގެ މޫނުގައި ތެޔޮކަން ގަދަވާނެއެވެ. އަނެއްބައިމީހުންގެ މޫނުގެ ހަންގަނޑު ކުރަކިވާނެއެވެ. އެހެން ނަމަވެސް، ޖެލް-ބޭސްޑް ފޭސް ވޮޝް އެއީ ހުރިހާ ވައްތަރެއްގެ ހަމަކަށް ފަރުމާ ކުރެވިފައިވާ ފޭޝް ވޮޝްތަކެކެވެ. އަދި ދެކުނު ކޮރެއާގައިވެސް މިއީ ވަރަށް މަޤްބޫލު ބާވަތެކެވެ.

ސްޓެޕް 2: އެކްސްފޮލިއޭޓް ކުރުން

މިއީ ހަފްތާއަކު 2 ދުވަހު ކުރަންޖެހޭ ކަމެކެވެ. ސްކްރަބް ބޭނުންކޮށްގެން އެކްސްފޮލިއޭޓް ކުރުމުން ހަންގަނޑުގައި ހުންނަ މިލަތައް ފިލައިގެންދާނެއެވެ.

ސްޓެޕް 3: ޓޯނަރ ބޭނުންކުރުން

ދުވާލު ގަޑީގައި މޫނު ދޮވުމަށްފަހު، މޫނުގައި ޓޯނަރ ހޭކުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢާންމުކޮށް ބާޒާރުގައި ހުންނަ ޓޯނަރތަކަކީ އޭގައި ހުންނަ އަލްކޮހޯލްގެ ސަބަބުން މޫނުގެ ތެތްކަން ކަނޑުވާ ބާވަތްތަކެކެވެ. ރޯޒް ވޯޓަރ ކަހަލަ ގުދުރަތީ ބާވަތްތަކަކީ ޓޯން ކުރުމަށް ރަނގަޅު ބާވަތްތަކެެވެ.

ސްޓެޕް 4: ސްކިން ކެއަރ އެސެންސް

މިއީ ދެކުނު ކޮރެއާއިން ތައާރަފްވި ޢާންމުކޮށް ނުފެންނަ ބާވަތުގެ ސްކިން ކެއަރ ޕްރޮޑަކްޓެކެވެ. ގިނަ މީހުން އެސެންސްއާއި ސީރަމް އެއީ އެކައްޗެއް ކަމަށް ޤަބޫލުކުރެއެވެ. އެކަމަކު، ސީރަމްއަކީ އެސެންސަށްވުރެ އޮލަ ޕްރޮޑަކްޓެކެެވެ. އެއާއި ޚިލާފަށް އެސެންސްއަކީ ވޯޓަރ-ބޭސްޑް ޕްރޮޑަކްޓެކެވެ. އެކަމުގެ ސަބަބުން ހަމުގައި ހުންނަ ގުދުރަތީ ތެލުގެ ފަށަލަ ބެެލެންސްކޮށް، ހަމުގެ ޕީއެޗް ލެވެލް އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ހަމުގެ ޕީއެޗް ލެވެލް ބެލެންސް ނުކުރެވޭނަމަ، ހަންގަނޑުން މާ ބޮޑަށް ތެޔޮ އުފައްދާނެއެވެ. ނަތީޖާއެއްގެ ގޮތުން، ބިހި އަދި އޮށާޅަ ނެގުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ސްޓެޕް 5: ސީރަމް/ ހަމަށް ޚާއްސަ ތެޔޮ

ހަންގަނޑު މާ ބޮޑަށް ކުރަކިވުމަކީ މޫނުގައި މާ އަވަހަށް ރޫޖެހެން މަގުފަހިވާ ކަމެކެެވެ. މިކަމަށް ޑާމަޓޮލޮޖިސްޓުން ދޭ އެންމެ ބޮޑު ނަސޭހަތަކީ މޫނުގެ ތެތްކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން، ނުވަތަ "މޮއިސްޗަރައިޒް" ކުރުމެވެ. ދެކުނު ކޮރެއާ މީހުންނަކީ ވިޓަމިން އީ އިން މުއްސަނދި ސީރަމް އާދަވެގެން ބޭނުންކުރާ ބަޔެކެވެ.

ސްޓެޕް 6: މޮއިސްޗަރައިޒާ

ސީރަމް ހޭކުމަށްފަހު، އޮލަކަން ދަށް މޮއިސްޗަރައިޒާއެއް ބޭނުންކުރާށެވެ.

ސްޓެޕް 7: ސަންސްކްރީން

އަވީގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކުރުމަށް އަތްވަށް ނިކުންނަ އިރު ސަންސްކްރީން މުޅި ގައިގައި އުނގުޅަން ވާނެއެވެ. ރާއްޖެ ފަދަ ޓްރޮޕިކަލް ސަރަހައްދަކަށް އެސްޕީއެފް 50 + ޔޫވީއޭ/ޔޫވީބީ ސަންސްކްރީނެއް ބޭނުންކުރުން ބުއްދިވެރިއެވެ. ގެއިން ބޭރަށް ނިކުތުމުގެ 20 މިނެޓް ކުރިން ސަންސްކްރީން ހާކަން ސަމާލުކަން ދޭށެވެ.

ސްޓެޕް 8: ޝީޓް މާސްކް/ ކްލޭ މާސްކް

ދެކުނު ކޮރެއާ މީހުންގެ މޫނުން އެންމެ ބިއްސެއްވެސް ނުފެންނަނީ ހަންގަނޑަށް އެކަށީގެންވާ ވަރަށް ފަރުވާ ބަހައްޓާތީއެވެ. މޫނުގެ އާރޯކަން ދެމެހެއްޓުމަށް ހަފްތާއަކު އެއްފަހަރު މާސްކްއެއް ބޭނުންކުރުން ވަރަށް މުހިންމެވެ. "ގްލާސް ސްކިން" ހާސިލުކުރުމަށްޓަކައި ދެކުނު ކޮރެއާ މީހުން ހަފްތާއަކު އެއްފަހަރު ޝީޓް މާސްކް ނުވަތަ ކްލޭ މާސްކް ބޭނުންކުރެއެވެ. އެއިން ހަމުގައި ހުންނަ ވަޅުތައް ރަނގަޅަށް ސާފުކޮށްދެއެވެ. އޭރުން ބިހި ނަގާ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ.

ރަނގަޅު ދިރިއުޅުމުގެ އާދަތައް

މޫނަށް ފަރުވާ ކުރުމަކުން އެކަންޏެއް ރީތި ހަންގަނޑެއް ހާސިލެއް ނުކުރެވޭނެއެވެ. އެކަމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރާ ގޮތަށްވެސް ބަލަން ޖެހެއެވެ. އެގޮތުން، ރަނގަޅަށް ފެން ބުއިމާއި، ފައިދާހުރި ކާނާ ބޭނުންކުރުމާއި ނިދި ހަމަކުރުމަކީ ރީތި ހަންގަނޑެއް ހާސިލުކުރަން ޚާއްސަ އިސްކަމެއް ދޭންވީ ކަންތައްތަކެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޚޮރެއާ

10-Nov-2023

ތިހުރިހާ އެއްޗެއް ހޯދިދާނެ.. ނުލިބެނީ ވަގުތު..



ޓްރެންޑިން