އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ނޫނޯ އެސްޕިރިޓޯ ސަންޓޯ ސައުދީ ފުޓްބޯޅަ ކްލަބް، އަލް އިއްތިހާދްގެ ކޯޗްކަމުގެ މަޤާމުން ވަކިކޮށްފިއެވެ.

ޕޯޗުގީޒަށް ނިސްބަތްވާ ނޫނޯގެ އިރުޝާދުގެ ދަށުން އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޖަވިޔާ އަތުން އަލް އިއްތިހާދް ވަނީ 2-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެންމެ ފަހުން ކުޅުނު ލީގްގެ 5 މެޗުންވެސް އަލްއިއްތިހާދު ވަނީ ބަލިވެފައެވެ. އެއާއެކު، އެ ކްލަބް ވަނީ ލީގް ތާވަލުގެ 6 ވަނައަށް ޖެހިފައެވެ. އެހެން ނަމަވެސް، ނޫނޯގެ ކޯޗްކަމުގައި އަލް އިއްތިހާދަށް ވަނީ ނިމިދިޔަ ސީޒަންގެ ސައުދީ ޕްރޯ ލީގްގެ ކަޕް ހާސިލުކުރެވިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއަހަރުގެ ޖޫން މަހުގައި ކްލަބާއި ގުޅުނު ކަރިމް ބެންޒެމާއާއި ނޫނޯއާއި ދެމެދު ވަނީ މައްސަަލަ ޖެހިފައެވެ. އެހެންކަމުން، ނޫނޯ ކްލަބުން ވަކިކުރުމުގެ އެއް ސަބަބަކަށް ބެންޒެމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ނޫނޯ އަލް އިއްތިހާދާއި ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާއަކީ މީގެ ކުރިން ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމް ހޮޓްސްޕާގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން