ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ނ. މަނަދޫ ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، މިހާރު ކުރިއަށްދަނީ މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން، 14,844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 15,822 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 175 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން