އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 ޑިސެމްބަރު 2023 - 15:45
އިންސާނާގެ ޙިއްސުތަކުގައި ވާ މުޢުޖިޒާ (5) - ދޫ

ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

ޅ. ދޫ: ރަހަބެލުމުގެ ޙިއްސު

ދުލަކީ 17 ޢަޟްލާތު ނުވަތަ އިންސާނާގެ މަސަލް ބައިގެ މައްޗަށް އެކުލެވޭ ގުނަވަނެކެވެ. އެއީ ހުރިހައި ދިމާލަކަށް ޙަރަކާތް ކުރާ ގުނަވަނެކެވެ. އަދި މި ޙަރަކާތް ކުރުމަށް އެހީވުމުގެ ގޮތުން ތިން އަޢުޞާބު ނުވަތަ 3 ނާރު ހިނެމޭ ގުނަވަނެކެވެ. ދުލުގެ ސަޠަޙައި ގައި، (އެބަހީ: މަތީ ފަށަލާގައި) 900 ޓޭސްޓު ބަޑު (ރަހަބަލާ އުންތަކެއް) ހިމެނެއެވެ. މި އުންތައް މުޅި ދުލުގެ މަތީ ފުށުގައި ހުންނަ އިރު، އެކި ހިސާބުގައި ހުންނަ ޓޭސްޓު ބަޑު ނުވަތަ އުމުން ބަލަނީ އެކި ރަހައެވެ. އެއީ މިސާލަކަށް ފޮނިރަހަ، ހުތްރަހަ، ހިތިރަހަ، އަދި ލޮނުރަހަ އެވެ. މިއީ އަސާސީ ރަހަތަކެވެ. މީގެ މައްޗަށް ބިނާކޮށް، އެހެން ރަހަތައް ވެސް ދުލުން ދެނެގަނެވެއެވެ.



ހިތި ރަހަ ދެނެގަނެވެނީ ދުލުގެ އެންމެ ބުޑުންނެވެ. އަދި ހުތް ރަހަ ދުލުގެ ދެ ކައިރިން ނުވަތަ ދެއަރިމަތިންނެވެ. ލޮނު ރަހަ މުޅި ސަޠަޙައިންނެވެ. އަދި ފޮނި ރަހަ ބަލަނީ ދުލު ކުރިންނެވެ. މިހެން މިކަން ހުންނަ އިރު، އެކި ދިމަދިމާލު ގައި، ކާތަކެތި އެއް ފަހަރާ ޖެހުމަކުން، އެއްވެސް ޙާލެއް ގައި، ރަހަތައް މަސްހުންޏެއް ނުވެއެވެ. އެކަމަކު އެއް ފަހަރާ ފޮންޏާއި ހިތި ގުޅުމުން އާ ރަހައެއް އުފެދެއެވެ. މިސާލަކަށް ފޮނި އެއްޗަކާ ހިތި އެއްޗެއް އެއްކޮށް މޮޑެފައި ދުލުގައި ޖެއްއްސުމުން ނުވަތަ އެ ދެ ރަހަލާ އެއްޗެއް ހަފާލުމުން ދެރަހަ އެކުލެވޭ ރަހައެއް ލައިފާނއެވެ. އެކަމަކު މީގެ މާނަ އަކީ، ދުލަށް ރަހަ އޮޅުމެއް ނޫނެވެ. މި ގޮތަށް ހުތާއި ލޮނު ރަހައިގައި ވެސް ވާނެއެވެ.

ދުލާ ބެހޭ އިތުރު މައުލޫމާތު:

ދޫ ޙަރަކާތްކުރާ ތަފާތު ކޮންމެ ދިމާ އަކީ، ވަކި އަކުރެއްގެ މަޚްރަޖު ނުވަތަ އަޑު ނުކުންނަ ދިމާއެކެވެ. އިންސާނާ އަށް ފަސޭހައިން އެކި އަޑުއަޑުން އެކި ބަސްބަހުން ވާހަކަ ދައްކައި ބަސް މޮށެވެނީ އެހެންވެއެވެ. އިންސާނާ އަނގައިން އެއްޗެއް ހަފާ އިރު، ނުވަތަ އެއްޗެއް ދިރުވައިލާ އިރު، ކުޅު އުފައްދާ ހަ ގުލޭންޑު މަސައްކަތް ކުރާނެއެވެ. އޭގެ ބޭނުމަކީ، އެ ކާ އެއްޗެއް ފަސޭހައިން އެކުވެ ދިޔާކޮށްދިނުމެވެ. އަދި ދަތްތަކުގެ ދަށަށް އެ ތަކެތި ފަސޭހައިން ދިމުމަށް މަގު ފަހިކުރުމެވެ. ކާތަކެތި ހަޖަމު ކުރުން ފަސޭހަވުން ފަދަ އެހެން ބޭނުންތަކެއް ވެސް އޭގައި ހުރެދާނެއެވެ.



މިއީ އިންސާނާގެ ހަށިގަނޑުގައި ހުރި އިޙްސާސްވާ ގުނަވަންތަކުގެ ދައުރެވެ. އެހެން ނަޒަރަކުން ބަލައިފި ނަމަ އިންސާނާ ފެންނާނީ، ބިޔަ ފެކްޓަރީއެއް ގައި މެނޭޖަރުން ތިބެގެން މެނުއަލްތަކާއި، އަތްމަތީ ކަރުދާސްތައް ލިޔެގެން، ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ،ހިނގާ މަސައްކަތެއް ހެންނެވެ. އެކަމަކު މި ހުރިހައި ކަމެއް މި ހިނގަނީ އެ ފަދަ ބެލެހެއްޓުންތެރިން ތަކެއް ނެތި، ﷲ ތަޢާލާގެ އަމުރުފުޅަށް، ޕުރޮގުރާމު ކުރެވިފައި ހުރި ގޮތަށެވެ. ﷲ ތަޢާލާ ފުއްޞިލަތު ސޫރަތުގައި ވަހީ ކުރައްވާފއި ވެއެވެ. {سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ } فصلت53 މާނައީ: "އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަން ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަން ރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ."

ކީރިތި ޤުރްއަނުގައި ދުލުގެ ވާހަކަ އެ ލަފްޒުގެ ތަފާތު މާނަތަކުގައި 24 އާޔަތެއްގައި ބަޔާންކުރައްވާފައި ވެއެވެ. ޢަރަބި ބަހުގައި ދުލަށް ކިޔަނީ ލިސާނެވެ. އަދި ބަސްމޮށުމަށް ވެސް ލިސާނޭ ކިޔައެވެ. (ނިމުނީ)

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން