އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   8 ޑިސެމްބަރު 2023 - 11:3
މާމުއިގެ ފަރުވާ (1)

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

މާމުޔަކީ އިންސާނާއަށް ޝިފާ ހުރި އެއްޗެކެވެ.

މާމުޔަކީ އޭގައި އިންސާނުންނަށް ޝިފާ ހުރި އެއްޗެއް ކަމަށް ﷲ سُبْحَانَهُ وَتَعَالَى ތަޢާލާ އައްނަޙްލު ސޫރަތުގެ 69 ވަނަ އާޔަތުގައި ވަހީ ކުރައްވާފއި ވެއެވެ. (وَ أَوْحَى رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَ مِنَ الشَّجَرِ وَ مِمَّا يَعْرِشُونَ ثُمَّ كُلِي مِنْ كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِنْ بُطُونِهَا شَرَابٌ مُخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ) النحل: 68-69 މާނައީ: "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ކުރައްވައި އެންގެވި އެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރި ރަސްކަލާނގެ، ފަސޭހަކޮށްދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއީގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ."

މާމުޔާއި މާމުއި ކުޅަނދުރާ ބެހޭ ބައެއް މަޢުލޫމާތު

ދުނިޔޭގައި މާމުއި އުފައްދާ މިންވަރު: ދުނިޔޭ ގައި މާމުއި އުފައްދާ މިންވަރު މިހާރު އަހަރެއްގެ މައްޗަށް 1.1 ބިލިއަން ކިލޯ ގުރާމަށް ވުރެ މައްޗެވެ.

އެންމެ ގިނައިން މާމުއި އުފައްދާ ޤައުމުތައް: އެންމެ ގިނައިން މާމުއި އުފައްދާ ޤައުމަކީ ޗައިނާ އެވެ. އެއަށް ފަހު ޔުނައިޓެޑު ސްޓޭޓުސް އޮފް އެމެރިކާ އެވެ. ދެން އާޖެންޓީނާ އެވެ. ރޫސީ ވިލާތާއި މެކްސިކޯ އާއި ތުރުކީ އާއި ޔުކުރޭން ވެސް ގިނައިން މާމުއި އުފައްދާ ޤައުމުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެންމެ ބިޔަ މާމުއި ކުޅަނދުރު: ދުނިޔޭގެ އެންމެ ބިޔަ މާމުއި ކުޅަނދުރަކީ ކުޅަނދުރުގެ ތެރޭގައި ބިނާ ކުރުމުގެ މަސައްކަތް ކުރާ ބާވަތުގެ ކުޅަނދުރެވެ. އޭގެ ބައެއް ކުޅަނދުރުގައި 4 ސެންޓި މީޓަރު ހުރެ އެވެ. އަދި މާމުއި އުފައްދާ ބިޔަ ކުޅަނދުރުގެ ނަމުން ނަން ދީފައިވާ ކުޅަނދުރުގައި 20 މިލިމީޓަރު ހުރެ އެވެ.

އެންމެ ކުދި މާމުއި ކުޅަނދުރު: އެންމެ ކުޑަ ކުޅަނދުރުގެ ތެރޭގައި ދެ ބާވަތެއް އުޅެ އެވެ. އެ ތަނުން އެއް ބާވަތަކީ ކަށި ނުޖަހާ ބާވަތުގެ ކުޅަނދުރެކެވެ. އޭގައި ހުންނަނީ އެންމެ 2 މިލިމީޓަރެވެ. އަދި އެންމެ ކުދި ކުޅަނދުރު ކަމުގައި ބަލާ النحلة القزمة (އައްނަޙްލަތުލް ޤަޒުމާ) އިނގިރޭސި ބަހުން ނަމަ ޑުވާފު ކުޅަނދުރު. މި ބާވަތުގެ މާމުއި ކުޅަނދުރުގެ ދިގުމިނަކީ އެއް ސެންޓިމީޓަރެވެ.

މާމުއި ކުޅަނދުރުގެ ހަތާ: ބޮޑެތި ބިޔަ މާމުއި ކުޅާނދުރު ހަތާއެއްގައި 50 ހާހާއި 60 ހާހާ ދެމެދުގެ ޢަދަދަކަށް ކުޅަނދުރު އުޅެ އެވެ.

ކުޅަނދުރު އުދުހޭ ބާރުމިން: މަސައްކަތް ކުރާ ކުޅަނދުރު އުދުހޭ ބާރުމިނަކީ ގަޑިއަކު 25 ކިލޯމީޓަރެވެ. 1000 ހޯސްޕަވަރުގެ ބައެއް ސްޕީޑު ބޯޓުތަކަށް ގަޑިއަކު ކަޑައްތު ކުރެވެނީ 47 ކިލޯމީޓަރެވެ. އެއްވެސް އިންޖީނެއް ނެތި ޖެޓު ފިއުލް ފަދަ މޮޅު ތެޔޮ ނާޅައި އުދުހޭ މި ސޫފީގެ ދުވެލީގެ ބާރުމިނަށް ވިސްނަވާށެވެ. މީގެ އިނޖިނޭރަކީ ކާކު ހެއްޔެވެ؟

މާމުއި ކުޅަނދުރުގެ ރަހަބެލުމުގެ ޙިއްސު: ކުޅަނދުރަށް ފޮންޏާއި ހުތާއި ލޮނާއި ހިތި ރަހަ ދެނެގަނެވެ އެވެ.

މިބާވަތުގެ ކުޅާނދުރު އުފައްދާ މާމުއި: މަސައްކަތް ކުރާ ކުޅަނދުރު އޭގެ ޙަޔާތު ގައި 45 ގުރާމު މާމުއި އުފެއްދޭހައި ފޮނި މާމެލާމެލީން އެއް ކުރެ އެވެ. Illinois ޔުނިވަސިޓީގެ ޢިލްމީ ބަޙުސު ކުރާ ބޭފުޅުން ކަށަވަރު ކޮށްދެއްވާ ގޮތުގައި މާމުއި ކުޅަނދުރުގެ ސުލޫކު ހުންނަ ގޮތުން އެއީ ވަރަށް ވިސްނުން ތޫނު އެއްޗެއްކަން އެނގެ އެވެ.



މާމުއި ކުޅަނދުރުގެ ސިކުނޑި: މާމުުއި ކުޅަނދުރުގެ ސިކުންޑީ ގެ ސައިޒަކީ ގަލަމު ތުނޑުން ޖަހައިލަން ދަތި މިންވަރުގެ ކުޑަ ނުގުތާއެއް ކަމުގައި ވިޔަސް އެ ކަވި ސިކުނޑީ ގައި އެއް މިލިއަން ޢަޞަބީ ސެލް ހިމެނެ އެވެ. ސައިންސުވެރިން ވިދާޅުވާ ގޮތުގައި މާމުއި ކުޅަނދުރު އެ ކުރާ މަސައްކަތް ކުރުމަށް އެކަށީގެންވާ ވަރުގެ ޖާގައެއް އޭތީގެ ސިކުޑިއަކު ނެތެވެ. އެހެންވީމައި އޭގެ ސިކުނޑި އަކީ އިންސާނުންގެ ބުއްދި ޙައިރާން ކުރަނިވި މިންވަރަށް މޮޅަށް ޕުރޮގުރާމު ކޮށްފައިވާ ވަރަށް ހަމަ ސިކުނޑިއެކެވެ. މިއީ މާމުއި ކުޅަނދުރުގެ އެއް ޢަޖާއިބެވެ. އަޖައިބު ކުރުވަނިވި އަނެއް ކަމަކީ ކުޅަނދުރު މާމުއި އުފައްދާ އިރު އެ ކުޅަނދުރުން ނަޤުލުވާ މަޢުލޫމާތު މާމުއި ގައި ރައްކާކުރެވިފައި ހުރެ އެވެ. ކުޅަނދުރުގެ ބަނޑު ގައި ޢަމަލާއި ރައްދު ޢަމަލުތައް ހިނގައި މާމުއި އުފެގިގެން އަންނަ އިރު އެ ކުޅަނދުރު ފޮނި ބުއި މާމެލާމެލީގެ މަޢުލޫމާތާއި އޭގެ ތާސީރުގެ މަޢުލޫމާތު މާމުއި ގައި ރައްކާކުރެވިފައި ހުރެ އެވެ. އެއީ ﷲ ތަޢާލާ އެ ތަކެތީގައި ޕުރޮގުރާމު ކުރައްވާފައި ވާ މަޢުލޫމާތެވެ. މާމުއި ގައި ޝިފާ އެކުލެވިގެން ވުމުގެ ސިއްރަކީ އެއީ ކަމުގައި ވެދާނެ ކަމަށް ޢިލްމުވެރިން ހާމަ ކުރައްވަ އެވެ.

މާމުއި ގައި ހުރި ބައެއް ފައިދާ



މާމުޔާ ބެހޭ ގޮތުން ޢިލްމީ ބަޙްސު ކުރައްވާ ބޭފުޅުންގެ ދިރާސާ ތަކުން ހާމަވާ ބައެއް މަޢުލޫމާތު ހާމަކޮށްލާނަމެވެ. މިހައި ހިސާބުން ވެސް އަޑުއެހުންތެރިންނަށް ނަޞޭޙާތެއް އަރިސްކޮށްލާނަމެވެ. އެއީ އަބަދު ވެސް ގެއިން މާމުއި ހުސް ނުކުރައްވައި ބަހައްޓަވާށެވެ.

މާމުއި އަކީ ވަރަށް ވަރުގަދަ އަށް ސާފުކޮށްދޭ ބާރެއް ހުރި މާއްދާއެކެވެ.

ޔުނިވަސިޓީ އޮފް ވައިކަޓޯ ގެ ޑޮކްޓަރު ޕީޓާ މޮލާން އަށް ހާމަވެފައި ވާ ގޮތުގައި މާމުއިގެ ހުރިހައި ބާވަތަކީ ވެސް ވަރަށް ބާރު ގަދަ ޖަރާސީމު މަރާ ބާރު ހުރެ އެވެ. މާމުއި ގައި ހުންނަ މިންވަރަށް ސާފުކޮށްދިނުުގެ ބާރު ހުރި އެއްވެސް މާއްދާއެއް ދުނިޔޭ ގައި ނެތް ކަމަށް އޭނާ ވިދާލުވެ އެވެ. އެއީ މާޟުއި ކުޅަނދުރު ގެ ހަށިގަނޑުން ބޭރު ކުރާ އެންޒައިމު ތަކެއްގެ އެހީގައި ނުކުންނަ hydrogen peroxide (ހައިޑުރިޖަން ޕެރޮކްސައިޑު) ގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެ އެވެ. ޑރ. މޮލާން އިތުރަށް ހާމަ ކުރެއްވި ގޮތުގައި މާމުއި ގެ މައްޗަށް އޭނާ 20 އަހަރު ވަންދެއް މެދުނުކެނޑު ކުރެއްވި ދިރާސާއިން ހާމަވި ގޮތުގައި މާމުޔަކީ ދާއިމީ ގޮތެއްގައި ބަނޑު ހަރު ވުމުގެ މަސްއަލަ އަށް ޙައްލު ހޯދޭނެ ބޭހެކެވެ. އަދި މާމުއި ބޭނުން ކުރުމުގެ ސަބަބުން ދިމާވާނެ އިތުރު އެއްވެސް މަސްއަލައެއް ވެސް ނެތެވެ. އޭނާ ވިދާލުވާ ގޮތުގައި އޭނާގެ ބޭސް ދަބަހުގައި ގެންގުޅޭ ބާހަކީ މާމުޔާއި ބެންޑޭޖު އެކަންޏެވެ.

ޑރ. މޮލާން އިތުރަށް ހާމަ ކުރެއްވި ގޮތުގައި، މާމުޔަކީ އެހެން އެއްވެސް ބޭހަކާ ނުލައި، ގިނަގުނަ ބަލިބައްޔަށް ޝިފާ ހޯދޭނެ އެއްޗެކެވެ. އޭނާ ވިދާޅުވާ ގޮތުގައި، ހަމަ އެކަނި މާމުއި ބޭނުން ކޮށްގެން، ފިހުމާއި، ފޮޅު ނެގުމާއި، ދޮސްލުން ފަދަ އެތައް ކަމަކަށް ފަރުވާ ހޯދޭނެ އެވެ. އޭގެ ސަބަބުން ޒަޚަމުގައި ހުންނަ ފާރުގަނޑު ފަސޭހަވެ، އެ ފާރުގަނޑަށް ހަން އަރައި، އެތަން ކުރިން ހުރި ގޮތަށް ބަދަލުވާން މާގިނަ ދުވަސްތަކެއް ނުނަގާނެ އެވެ.

ފަރުވާއެއް ނެތް އެތައް ބާވަތެއްގެ ޖަރާސީމީ ބަލިތަކަށް މާމުއިން ޝިފާ ލިބޭތީ އެމެރިކާގެ މުޙައްލިލުންތަކެއް ޙައިރާން ކުރުވައިފި އެވެ. އެ މީހުން ބުނާ ގޮތުގައި މާމުޔަކީ، އެންމެ މޮޅު ފަނިމަރާ ބޭހެވެ. މި ޒަމާނުގެ ބޭސްވެރިކަމުގެ ބަހުރުވައިން ނަމަ މާމުޔަކީ، އެންޓި ބައޮޓިކެކެވެ.

މާމުއި އިން ހަމުގެ ކެންސަރަށް ފަރުވާ ހޯދެ އެވެ.

ގިނަގުނަ ތަޖުރިބާ ތަކަކަށް ފަހު ކެންސަރު ބަލީގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ Glenys Round ވިދާޅުވެފައިވަނީ، އޭނާ އަށް މާމުއި އިން، އާދަޔާ ޚިލާފު ކަމެއް ފެނިވަޑައިގެންފި ކަމަށެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި، ހަމުގެ ކެންސަރަށް ބޭނުން ކުރާ އެތަކެއް ބޭހަށް ވުރެ މާމުއި އިން ކުރާ އަސަރު މާ ބޮޑެވެ.

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން