ޖެމިނައި
ޖެމިނައި
ގިނަ ބައެއް އިންތިޒާރުކުރަމުން އަންނަ ގޫގުލްގެ "ޖެމިނައި" އާޓިފިޝަން އިންޓެލިޖެންސް މޮޑެލްއަކީ އޯޕަންއޭއައިގެ ޖީޕީޓީ-4 ލާޖް ލެންގްވެޖް މޮޑެލް (އެލްއެލްއެމް) އަށްވުރެ މޮޅު މޮޑެލްއެއްކަމަށާއި، ވިސްނުންތެރިކަމުގެ ތަހުލީލުތަކުގައި އިންސާނުންގެ "އެކްސްޕާޓް ލެވެލެ" ގެ މީހުންނާވެސް ވާދަކުރެވޭ ފެންވަރުގެ އީޖާދެއްކަމަށް ގޫގުލްއިން ބުނެފިއެވެ.

މެއި މަހު ގޫގުލްގެ ސީއީއޯ، ސުންދަރް ޕިޗާއީ ތަޢާރަފްކުރި އޭއައި މޮޑެލްގެ ތިން ވައްތަރެއްކަމުގައިވާ ނެނޯ، ޕްރޯ އަދި އަލްޓްރާ، ނެރުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު މީގެތެރެއިން އެންމެ މޮޅުވާނީ ޖެމިނައި އަލްޓްރާކަމަށް ގޫގުލްއިން ވަނީ ހާމަކޮށްފައެވެ.

ގޫގުލް އިން ހާމަކުރިގޮތުގައި އަލްޓްރާއިން ގީޕީޓީ-4 އަށް އެކުންފުނިން ގޮންޖަހާލާނެއެވެ.

ގޫގްލްގެ ރަސްމީ ބްލޮގްގައި ޖެމިނައި ޕްރޯގެ ވާޝަންއެއް މިހާރުވެސް ގޫގުލްގެ ބާޑް ޗެޓްބޮޓުން ބޭނުންކުރަމުން އަންނަކަމަށް ލިޔެފައިވާއިރު، ޖެމިނައި އަލްޓްރާގެ އިތުބާރާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް ގެންދަނީ ޓެސްޓުތައް ހަދަމުންނެވެ. އަދި ޖެމިނައި އަލްޓްރާ ފުރިހަމަކުރުމަށްފަހު ގޫގުލްގެ ބާޑް އަށް އިންޓެގްރޭޓްކުރެވޭނެ ކަމަށްވެސް ގޫގުލްއިން ބުނެއެވެ.

ގޫގުލްއިން ހިއްސާކުރި ކުރު ވީޑިއޯއަކުން ފެންނަ މައުލޫމާތު ފިޔަވައި ގޫގުލްގެ އޭއައި މޮޑެލްއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެއެވެ. އެގޮތުން، މި އައު އޭއައިގެ ޕެރެމީޓަރ ތަކަކީ ކޮބާކަމާއި، އޭއައި ޓްރެއިން ކޮށްފައިވަނީ ކޮން މައުލޫމާތު ސެޓުތަކެއްގެ މައްޗަށްކަމެއްވެސް ސާފެއްނޫނެވެ. ވީމާ، އެހެން އޭއައި މޮޑެލްތަކާއި އަޅައިކިޔުމުގެ ފުރުސަތެއްނެތެވެ.

އަޑުއިވެނީ ޖެމިނައި އޭއައި މާކެޓުކުރުމަށް ގޫގުލްއިން ދައްކާ ފޮނި ވާހަކަތަކެވެ.

ގޫގުލްގެ ބްލޮގްޕޯސްޓާއި ހަވާލާދީ އެނގިފައިވާގޮތުގައި، ޖެމިނައި އަކީ މަލްޓިމޯޑަލް އޭއައިއެކެވެ. މީގެ މާނައަކީ، ލިޔުންތަކާއި، ކޯޑާއި، އަޑާއި، ތަސްވީރާއި، ވީޑިއޯ ހިމެނޭގޮތަށް ތަފާތު ވައްތަރުގެ އެކި މައުލޫމާތު އެއްކޮށްގެން ޖެމިނައި އަށް ޕްރޮސެސްކުރެވޭނެއެވެ.

އޯޕެންއޭއައިގެ ޖީޕީޓީ-4 އާއި ޖެމިނައިއަށް ވާދަކުރެވެނީ ކޮންގޮތަކުން ހެއްޔެވެ؟

ގޫގުލްއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސިވް މަލްޓިޓާސްކް ލެންގްވެޖް އަންޑަސްޓޭންޑިންގް (އެމްއެމްއެލްޔޫ) ޓެސްޓުން ޖެމިނައިއަށް 90 އިންސައްތަ ލިބިފައިވާކަމަށެވެ. މި ޓެސްޓަކީ ހިސާބު، ފިޒިކްސް، ހިސްޓްރީ، ލޯ، މެޑިސިން އަދި އެތިކްސް ހިމެނޭގޮތަށް 57 މާއްދާ ބޭނުންކޮށްގެން ދުނިޔޭގެ ޢިލްމީ މައުލޫމާތު އެނގޭ މިންވަރާއި، މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ބެލޭގޮތަށް ތައްޔާރުކޮށްފައިވާ ޓެސްޓެކެވެ.

މިއީ އެކްސްޕަރޓް ލެވެލް އިންސާނުންނަށްވުރެ މަތިން ޕޮއިންޓް ހޯދި ފުރަތަމަ އޭއައި މޮޑެލްއެވެ. އެކްސްޕަރޓް ލެވެލް އިންސާނުންނަށް މި ޓެސްޓުން ލިބެނީ 89.8 އިންސައްތައެވެ. އަދި ގޫގުލްއިން ބުނެފައިވަނީ ޖީޕީޓީ-4 އަށް މިޓެސްޓުން ލިބުނީ އެންމެ 86.4 އިންސައްތަކަމަށެވެ.

އެހެންނަމަވެސް، ގޫގުލްގެ ބާޑްގައި ބޭނުންކުރާ ޖެމިނައި ޕްރޯ މޮޑެލްއަށް މިޓެސްޓުގައި ޖީޕީޓީ-3.5 މޮޑެލްއަށް ވުރެން މަތިން ހޯދުނީ ކިރިޔަކިރިޔާއެވެ. ވީމާ، ގޫގުލްގެ ފޮނި ވާހަކަތަކުގައި ހުރީ ކިހާވަރެއްގެ ހަގީގަތެއްކަން ދެނެގަނެވޭނީ ޖެމިނައި އަލްޓްރާ "ފުރިހަމަކޮށް" ބޭނުންކުރުމަށް ލޯންޗުކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން