ރާއްޖޭގެ ރިީތި ރިޒޯޓެއް
ރާއްޖޭގެ ރިީތި ރިޒޯޓެއް
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު މިވަނީ މިއިން ދުވަހަކު ނުވެއްޓޭވަރުގެ ފުން ވަޅުގަނަޑަކަށް ވެއްޓިފައެވެ. މިކަމުގެ ނޭދެވޭ އަސަރު ނުކުރާ ހަމަ އެންމެ ވިޔަފާރިވެރިއެއްވެސް ހަމަ އެންމެ ރައްޔިތަކުވެސް ނެތެވެ. މިއަޑިގަނޑުން އަރައިގަނޭވެ ދުވަހެއްވެސް އަދި ހަމަނޭނގެއެވެ. މި އިޤްތިޞާދީ އަޑިގަނޑުގައި އެންމެ ބޮޑު އަސަރެއް ކުރާނެ އެއްބަޔަކީ ރާއްޖޭގެ އިންޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. މިއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ޤައުމެއްހެން މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ. ވަދެ ނުކުމެ އުޅުމަށް ބަންދުވެފައެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް މިވަނީ އިޤްތިޞާދީ ވަރުގަދަ ތޫފާނެއް ލައިގެންފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭނެ ކަން ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ޤަބޫލުކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އެންމެ އަގުބޮޑު އެއް މަންޒިލެވެ. މީގެ އަހަރުތަކެއް ކުރިއާއި އަޅާ ބަލާއިރު ރާއްޖޭގައި ރިޒޯޓެއް ތަރައްޤީ ކުރަންޖެހޭ ހޭދަވެސް އެތައް ގުނައަކަށް މިވަނީ ބޮޑުވެފައެވެ. ތަރައްޤީ ކުރަންޖެހޭ ފެންވަރުވެސް އެހާމެ މައްޗެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ މޫދާއި ދޮންވެލީގެ ގޮނޑުދޮށްތަކާއި މުރަކައިގެ ރީތި ފަރުތަކާއި ކަނޑުއަޑީގެ ރީތި މަންޒަރު ތަކުގެ މައްޗަށް އެކުލެވިގެންވާ ވަރަށް ތަފާތު ފަތުރުވެރި ކަމެކެވެ. އެހެންކަމުން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރާ ފަރާތްތަކުން މި ދޮންވެލި ގޮނޑުދޮށްތަކާއި ފަޅުތަކަށް ޖެހިލުމެއް ނެތި ފައިސާ އޮއްސަނީ އޭގެ ފައިދާ ލިބޭނެކަން ކަށަވަރުވާތީއެވެ. މިދެންނެވި ފައިދާ ހޯދައި ދިނުމުގައި މި ރާއްޖޭގެ މަސައްކަތު އަބާދީގެ ބޮޑު ބައެއް ހިއްސާވެއެވެ. މިދެންނެވި މަސައްކަތްތެރީން ރިޒޯޓުތަކުގައި ހަމައެކަނި ވަޒީފާ އަދާކުރަނީއަކީ ނޫނެވެ. އެމީހުން އެމަސައްކަތް ކުރަނީ މައިންބަފައިންނާއި އަނބިދަރީންނާއި އާއިލާތައް ވެސް ޤުރުބާން ކޮށްފައެވެ. ގިނަ މީހުން ވަޒީފާއަދާ ކުރާން ރިޒޯޓަށް އަރާއިރު އަދި އެއީ ހަމަ ކުޑަ ކުދީންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ލިޔެވިފައިވާ ހިނިތުންވުމާއި އަޅާލުމާއި އިހުތިރާމާއި އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތް ކުރުމުގެ ނަމޫނާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދީ މިދެންނެވި ރާއްޖޭގެ ޒުވާން ޖީލެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެއްވެސް ޢިލްމެއް ތަމްރީނެއް ނެތި ފަތުރުވެރިންނަށް ޚިދުމަތް ކުރަން ނުކުތް ދިވެހި ޒުވާނުން ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަންނަ ފަތުރުވެރިންނަށް ދެއްކީ އެމީހުންގެ މައިންބަފައިންގެ ފަރާތުން ދަސްވި ދިވެހީންގެ އޯގާތެރި ކަމާއި އަޅާލުމާއި އިހުތިރާމު ކުރުމުގެ ރީތި ސަޤާފީ ސިފައެވެ. މިދެންނެވި ފަދަ ގިނަ މުވައްޒަފުންގެ ގެދޮރަކީ ވެސް އާއިލާއަކީވެސް އަނބި ދަރީންނަކީވެސް ރިޒޯޓެވެ. އަނބިމީހާ ވިހައި އަހަރަށްދާ ދަރިއަކު އޮތްކަންވެސް އެނގެނީ އެއްއަހަރު ޗުއްޓީއަށް ރަށަށް ގޮސް އެނބުރި އައިސް އަނެއް އަހަރު ޗުއްޓީއަށް ދާ ފަހުންނެވެ. ދަރިން ބޮޑުވެ ކިޔަވާ ނިމޭއިރު ވެސް ބައްޕައާއެކު އަހަރަކު އެއްފަހަރު ވިއްސަަކަށް ދުވަސް ހޭދަކޮށްލަށް ދަރިފުޅަކަށް ނުލިބެއެވެ. މިއަދު މިހާލަތު ބަދަލުވެފައިވަނީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށްއައި ކުރިއެރުން ރާއްޖެއަށް ވެސް އައުމުންނެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިނާރަކީ ނުވަތަ މައި ބަދައަކީ ފަތުރުވެރިކަމެވެ. މި ރާއްޖޭގެ އިޤްތިޞާދުގެ ގާތްގަނޑަކަށް 75 ނުވަތަ 80 އިންސައްތައަކީ ފަތުރުވެރި ކަމުގެ ހިއްސާއެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެއްދާއިރާއެއްގައި ވަޒީފާއަދާކުރާ ދާއިރާއަކީ ވެސް މިދެންނެވި ފަތުރުވެރިކަމުގެ ދާއިރާއެވެ. ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ މިދެންނެވި ރިޒޯޓް މުވައްޒަފުންގެ އާއިލާތަކަކީ ރިޒޯޓުގައި ވަޒީފާ އަދާ އާއިލާގެ މެންބަރަށް ލިބޭ އާމްދަނީގެ މައްޗަށް ބަރޯސާވެ ދިރިއުޅެމުންދާ އާއިލާތަކެވެ.

މިދެންނެވި މަސައްކަތްތެރިންނަށް ލިބޭ އާމްދަނީގެ ފައިދާ ކުރަނީ ހަމައެކަނި އެމީހުންގެ އާއިލާ ތަކަށް އެކަންޏެއް ނޫނެވެ. އެމީހުންގެ ސަބަބުން އެމީހުން ދިރިއުޅޭ ރަށަށް، ރަށުގެ މުޖުތަމަޢަށް ކުރާ ފައިދާވެސް ވަކިން ކުޑައެއް ނޫނެވެ. މިދެންނެވި މުވައްޒަފުން އެންމެ މަހަކު ވަޒީފާ އަދާ ނުކުރިއަސް ނުވަތަ ވަޒީފާއެއް ނެތި ހުންނާން ޖެހުނަސް އެމީހުންގެ އާއިލާތަކުގެ މެންބަރުންގެ އަނގަޔަކާއި އަތަކާ ދިމައެއް ނުވާނެއެވެ. މިއީ ފެންނާން އޮތް ހަގީގަތެވެ.

މިއަދު މުޅި ދުނިޔެ ތަޖުރިބާ ކުރަމުން މިދާ އިޤްތިޞާދީ ދަތިކަމުގައި އެންމެ ބޮޑު އަސަރެއް ކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. ރިޒޯތުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް ތަކަށެވެ. އެސިނާޢަތާއި ގުޅިފައިވާ އެހެނިހެން ވިޔަފާރި ތަކަށެވެ. މިއަދު މުޅި ޤައުމު މިއޮތީ ލޮކްޑައުންގައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މުޅިން ހުއްޓި ރިޒޯޓުތައް ހުސްވީއެވެ. ލޮކްޑައުންވީއެވެ. މިހާލަތުގައި ރިޒޯޓުތަކުގެ ވެރިން ނިމްމީ ރިޒޯޓުތައް ބަންދު ކުރުމަށެވެ. ޚަރަދުތައް ކުޑަކުރުމަށެވެ. މިދެންނެވި ޚަރަދު ކުޑަކުރުމުގެ ޕެކޭޖްގެ ތެރޭގައި އެންމެ ފުރަތަމަ ގުރުބާން ކުރަން ނިންމީ ރަންބިސްއަޅާ ކުކުޅަށް މިއޮއްހާދުވަހު ހޭހަންކުރި މީހުންނެވެ. ރިޒޯޓުތަކުގެ ނިކަމެތި މުވައްޒަފުންނެވެ.

މިޕެކޭޖްގެ ތެރެއިން މުވައްޒަފުންނަށް ވަރަށް ރަނގަޅަށް ކަންކަން ހަމަޖައްސައިދެއްވި ކުންފުނިތައްވެސް އެބަހުރިކަން މިތާނގައި ފާހަގަ ކުރަމެވެ. އޭގެ ތެރޭގައި ސިޔާސީ ބައެއް ބޭފުޅުން ވަރަށް ގަޔާނުވާ، ހިތްޕުޅާ ނުވާ ރާއްޖޭގެ މަހުޖަނުންގެ ގޮތުގައި ސިފަކުރާ ޤާސިމު އިބްރާހީމާއި ޗަންޕާއާއި ޔުނިވަސަލް ރިޒޯޓްސްގެ ނަން މިތާގައި މިފާހަގަ ކުރަނީ އެބޭފުޅުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެވާހަކަތައް ހާމަކުރައްވާފައި އޮތީމައެވެ.

އިއްޔެ ރާއްޖޭގެ ރިޒޯޓުތަކުގެ އެންމެ ކުރީ ސަފުގައި ތިބީ ދިވެހީންނެވެ. އެންމެ މަތީ މަގާމުތަކުން ފެށިގެން އެންމެ ދަށް މަގާމުތަކުގައި ވެސް ޚިދުމަތްކޮށް ވެރީންގެ ޖީބުތައް މުއްސަނދި ކޮށްދިނީ އެއްކަލަ މިއަދު މިކިޔާ ރިޒޯޓް ބޯއީޒްއެވެ. ނަމަވެސް މިއަދު ރިޒޯޓެއްގެ މަތީ ފަންތީގެ މަގާމަކުން ޖާގަ ލިބެނީވެސް މަދު ދިވެއްސަކަށެވެ. އީދު ރޯދައަށް، ބޯފޮޅިއަށް ރަށަށް ދާތީއާއި މައިން ބަފައިން ބަލި ވެގެން އަބަދު ޗުއްޓީއަށްދާތީ ދިވެހީން ކަމު ނުގޮސްގެން ބޭރުން އަގުހެޔޮކޮށް ބިދޭސީން އެތެރެކޮށް އާލާކުރި ސަގާފަތުގެ ސަބަބުން ދިވެހީންނަށް އޮތް ފުރުސަތު ތައް މިއަދު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މުސާރަތައް ކުޑަވެފައެވެ.

މިއަދު ރިޒޯޓުތައް ބަންދުކޮށްލާއިރު ގިނަ ރިޒޯޓްތަކުން ދިން ޕެކޭޖްގައި އެންމެ ފުރަތަމަ ވެސް ފީ ހޮވާލިއިރު ކުނި ވަށިގަނޑަށް އަޅާލީ ރާއްޖޭގެ އެންމެ އުއްމީދީ ކުރިމަގެއް އޮތް ކަމަށް ގަބޫލުކޮށްގެން އެދާއިރާއަށް އަލަށްވަދެ ތަޖުރިބާ ކުރަމުންދާ އާ މުވައްޒަފުންނެވެ. އަހަރު ނުވާތީ ވަޒީފާއާއި ބެހޭ ޤާނޫނުގައި އެބުނާ އަހަރީ ޗުއްޓީ ނެތީމާ އެކުންދިން ރިޒޯޓުން ފައިބައިގެންދާން ޖެހެނީ ރިޒޯޓަށް އެރިއިރު ހިފައިގެން ދިޔަ ދަބަސްގަނޑާއި ތިންގަނޑެއްޗާއި މުއްދަތެއް ނެތް ގޮތަށް ނޯ ޕޭ ލީވް ދިން ސިޓީލާފައިވާ ސިޓީއުރަ ހިފައިގެންނެވެ. އޭގެ ތެރެއިން ގިނަކުދިން އާއިލާތައް މާލެއައިސް ތަންތަން ކުއްޔަށް ހިފައިގެން ތިބީ މިދެންނެވި ރިޒޯޓް ބޯއީއަށްވެސް ލިބޭނެ އެއްޗެއްވެސް އާމްދަނީގެ ތެރޭގައި ގުނައިގެންނެވެ. ނޫނީ އާއިލާގެ ދިރިއުޅުން ހަމަޖައްސަނީ އޭނާއަށްވެސް ލިބޭ އެއްޗަކަށް ބަރޯސާ ވެގެންނެވެ.

ވަރަށް މާޔޫސްކަމާއެކު މިމައްސަލައިގައި "ރަސް އޮންލައިން" އާއި ވާހަކަދެއްކި ރިޒޯޓްތަކުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނީ ގިނަ ރިޒޯޓުތަކުން ދިވެހި މުވައްޒަފުންނާއި މެދު ޢަމަލު ކުރީ ވަރަށް އިހާނެތިކޮށެވެ. ގިނަ ރިޒޯޓުތަކުން އެންމެ ނިކަމެތިވީ އެންމެ އާދައިގެ މުވައްޒަފުންނާއި އަލަށް ވަޒީފާއަށް ވަދެތިބި ޒުވާނުންނަށް ދިނީ ވަރަށް ނާއުއްމީދީ ތަޖުރިބާއެކެވެ. ބައެއް ރިޒޯޓުތަކުގައި ވަޒީފާއިން ކެޑޭ ނުވަތަ ނޯޕޭ ލީވަށް އެދޭ ސިޓީ ލިބުނީ އޮންނަން ވީ ގޮތަށް ޑްރާފްޓްވެސް ކޮށްފައެވެ. އެގޮތުން ގިނަ ރިޒޯޓުން ދިނީ ނޯޕޭލީވް ސިޓީ ކަމަށް އެމީހުން ބުންޏެވެ.

މިމައްސަލަ މިގޮތަށް ދިމާވީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި ވަޒީފާއާއި ބެހޭ ޤާނޫނެއް އައި އިރު އެޤާނޫނާއެކުއެކީގައި އަންނަން ޖެހޭ އެހެނިހެން ގާނޫނު ތަކެއް ނުވަތަ ކަންތައްތަކެއް މިހާދުވަސް ވެގެން ދިޔައިރުވެސް ހަމައެއް ނުޖެހެއެވެ. ނާދެއެވެ. އުފަން ނުވެއެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް ކެމްޕޭންގައި ސިޔާސީ ލީޑަރުން ނޫނީ އެމީހުން ފޮނުވާ ބަޔަކު އެންމެ ބާރަށް، އެންމެ އަވަހަށް ދުއްވައިގަންނަނީ ރިޒޯޓް ބޯއީސްއާއި ދިމާއަށެވެ. އެމީހުން އަރާ ރަށެއްގައި ދޮންވެލި ފިނޮޅެއް އޮތަސް އެތަނުގައި ރާއްޖޭގައި ނެތް ވަރުގެ ރިޒޯޓެއް ތަރައްގީކޮށް ރަށުގެ ކައިރިން އަނބި ދަރީންނަށް ފެންނަ ހިސާބުން ވަޒީފާ އުފައްދައެވެ. ކައިރީގައި ރިޒޯޓެއް ފެންނަން އޮވެއްޖެއްޔާ އެރިޒޯޓުގައި އުޅޭ މީހުންނަށް ނުކޮށްދޭނެ ހަމައެއް ކަމެއްވެސް ނޯވެއެވެ.

އެއްބަޔަކު ކެމްޕޭންގައި ރިޒޯޓު ބޯއީސްއަށް ފްލެޓް ގަންނަން ޚާއްޞަ ސްކީމްތައް ތަޢާރަފު ކުރެއެވެ. އަނެއް ބައެއްގެ ތަސައްވަރުގައި އޮންނަނީ ވަޒީފާ އަދާކުރާ ރިޒޯޓުން މުވައްޒަފުންނަށް ހިއްސާ ދޭގޮތަށެވެ. އަނެއް ބަޔަކު ވަކާލާތު ކުރަނީ އެވެރިން އަބަދު ހަމައަށް ނުދީގެން ވަކާލާތުކުރާ ސަރވިސް ޗާޖު ބަރާބަރަށް ހަމައަށް ލިބޭނެ ގޮތް މަޖުބޫރުކޮށްގެން ވެސް ހަދައިދޭށެވެ. އަނެއް ބަޔަކު ރިޒޯޓު ބޯއީޒް ކޮންމެ ރެއަކު ނިދާން އަމިއްލަ ރަށަށް އަނބިމީހާކައިރިއަށް ވެސް ގެންގޮސްދޭނެއެވެ. އަނެއް ކެމްޕޭނެއްގައި ވަޢުދު ވާނީ ވެރިކަމަށް އަރާ ގޮތަށް ފައިން ލޮނުވެލި ނުހިކެނީސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށެވެ. އެބުނާ އުޖޫރައެއްވެސް ރިޒޯޓް ބޯއީސް ހިތްހަމަ ޖެހޭ މިންވަރަށް ދޭން ބުނާނެއެވެ. އެކަމަކު އަދި މިހާތަނަށް ވެރިކަން ލިބިގެން މިއިން އެއްވެސް ކަމެއް އެއްވެސް ވެރިއަކަށް، ނުވަތަ ޕާޓީއަކަށް ވެސް ނުކޮށްދެވެއެވެ. އެންމެ ކުޑަ މިނުން މިއަދު މިދިމާވެގެން އުޅޭ ހިތްދަތި ތަޖުރިބާ ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް އެބުނާ އެންމެ ކުޑަ އުޖޫރަވެސް ކަނޑައަޅާފައި ނެތުމުންނެވެ.

ހަގީގަތުގައި މިއީ ސަމާސާ ވާހަކައަކުން މަޖިލީހުގައި ތަޅާލާ ވައި އަނގައަކުން ހައްލުކޮށްލެވޭނެ ކަމަކަށް ދެކި ހިތްހަމަ ޖައްސައިލައިގެން ތިބެވޭ ވަރަށް ވުރެ މާ ހައްސާސް މައްސަލައެކެވެ. ރިޒޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 20 ވަރަކަށް ހާސް މީހުންގެ ވަޒީފާ ގެއްލުނަސް ރާއްޖޭގެ އާބާދީގެ 70 ހާހަކަށް މީހުންގެ ދިރިއުޅުމަށް ބުރޫއަރާނެއެވެ. މިއީ އެންމެ ބައިމިލިއަން ހަމަ ނުވާ މި ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެކެވެ. އެތައް އާއިލާއެއް ނިކަމެތިވެ ހާލުގައި ޖެހޭނެއެވެ. އެމީހުން ތިބީ އެ އާމްދަނީއަށް ބަރޯސާވެގެންނެވެ.

މިހާތަނުން އުފެދޭ ސުވާލަކީ މިބުރަ ސަރުކާރަށް އެކަނި އުފުލޭނެތޯ އުފެދޭ ސުވާލެވެ. ނޫނީ އުފުލޭނީ ކިހާ ދުވަހެއް ވަންދެންކަމާއިމެދު އުފެދޭ ސުވާލެވެ. މިއީ އަވަސް ހައްލުތަކެއް ހޯދައި ނުދެވިއްޖެ ނަމަ ޤައުމުގެ އިޤްތިޞާދު މިހާ އަޑިއަޅާލާފައި އޮތް ވަގުތެއްގައި ހަމަ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން" ކަހަލަ ކަމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ ޓީމުން މިއަދު ބުނެފައިވަނީ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 11 ހާހަށްވުރެ ގިނަ މުވައްޒަފުންނަށް މިހާރުވެސް ނޯޕޭ ލީވަށް އެދުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ. ޓީމުން ބުނީ 79 ރިސޯޓަކުން މުސާރަ ކުޑަކުރުމާއި، މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ފޮނުވާލުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. މިގޮތުން 34 ރިސޯޓަކުން މުސާރަ ކުޑަކޮށްފައިވާކަމަށް ރިޕޯޓް ކޮށްފައިވާއިރު، 45 ރިސޯޓަކުން މުސާރަނުލިބޭ ގޮތަށް ނިންމާފައިވާކަމަށް ޓީމުން ބުނެފައިވެއެވެ. މިކަންކަން ފާހަގަ ކުރެވިގެން ވަޒީފާއާއި ބެހޭ އޮތޯރިޓީންވެސް މިއަދު އިޢުލޭނެއް ކުރިއެވެ. އެމީހުން އަންގަނީ ޤަވާޢިދާ ޚިލާފަށް ވަޒީފާއާއި މެދު ޢަމަލު ކުރަމުންދާ ކަން އެނގިފައިވާ ކަމަށެވެ. އެހެންވީމާ މިކަން މިހިނގަނީ އެއްވެސް ބަޔަކަށް ނޭނގި ނޫންކަން މިކަމުން ހަމަ ރަނގަަޅަށް ހާމަވެއެވެ.

މިހާހިސާބަށް މިކަންކަން ދާއިރުވެސް ރިޒޯޓު ބޯއީސްގެ ބެލެނެވެރިޔާ ކަމަށް ގަބޫލުކުރެވޭ ފަތުރުވެރިކަމާ ބެހޭ ވަޒީރު އުޅުއްވަނީ ޓީޝޫ ރޯލުން ހުނަރު ދައްކަވާށެވެ. މިހާތަނަށް އަދި ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަދި ރަނގަޅަށް ރޭކާ ނުލައްވަނީވެސް ކަންނޭނގެއެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މުވައްޒަފުންގެ ވަޒީފާތައް ކަށަވަރު ކުރުމަށް ހުރިހާ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައެވެ. ލޯނުތަކަށް ލުއި ދިނުމުގެ އިތުރުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލުއި ގޮތަކަށް ލޯނު ދިނުމަށް ވެސް ވަނީ ޕެކޭޖެއް ތަޢާރަފުކޮށްފައެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ މިކަމުން "ރިޒޯޓް ބޯއީސް"ގެ ވަޒީފާތަކަށް ހައްލެއް ލިބޭނެ ކަމާމެދު އުފެދޭ ސުވާލެވެ. މިވަރުގެ ކުޑަކުޑަ ލޯނެއްގައިނ ޖެހިގެން ރިޒޯޓު ތަކުން މުވައްޒަފުންގެ ވަޒީފާތައް ދަމަހައްޓަން މަސައްކަތްކޮށްފާނެ ބާވައެވެ؟



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން