މަނަދޫ ބަނދަރު
މަނަދޫ ބަނދަރު
ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ނ. މަނަދޫ ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން ޖެޓީ ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން، 13216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 17450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 183 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

އޭގެއިތުރުން 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން