ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުން
ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުން
ޙައްޖު ކޯޓާ އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ މިއަދު ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކުރައްވައި އެކަމަށް ޚާއްޞަ ހަނދާނީ ލިއުމެއް އެމަނިކުފާނަށް އަރުއްވާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށާއި، ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދެމުން ގެންދަވާކަން ޑރ. ޝަހީމް ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

"ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ." އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ ތައުފީޤު ބިން ރަބީޢާ ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން