ވިހެއުމަށްފަހު އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި ވަނިކޮށް ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ސްރީލަންކާ އަންހެނެއްގެ މައްޗަށް މީހަކު މެރުމުގެ ދަޢުވާ ޕީޖީ އޮފީހުން އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، 3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް 3 ދަޢުވާއެއް ކުރުމަށް 16 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން ލަންކާ އަންހެން މީހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އާއި، އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ އެވެ.

ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި، ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ އެވެ.

އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރެވޭނެއެވެ.

ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، އޭނާ ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުޞަތުގެ ބެނުން ނުކޮށް، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، މަޞްލަޙަތަށް އުނިކަން އަންނާނެ ޢަމަލުތައް ޤަޞްދުގައި ހިންގައިފައިވާތީ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވެއްޖެނަމަ 3 އަހަރަށް ޖަލަށް ލެވޭނެއެވެ.

ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި، ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ލައި، ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީއެވެ.

މިކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުމެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޫޅު ދަނޑިއާއި ވެސް އެއްކޮށެވެެ. ދިގުރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގައި އޮއްވައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ދިގުރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ނިޔާވި ތުއްތު ކުއްޖާ އިންޑިއާއަށް ގެންގޮސް ކުއްޖާގެ ޕޯސްޓް މޯޓަމްވެސް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން