ކުރިއަށްއޮތް ރަމަޟާން މަހާއި ގުޅުވައިގެން ދީނީ ގިނަ ޕްރޮގްރާމްތަކެއް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށްގެންދަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަފުސީލުތައް ހާމަކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

ޝަހީމް ވިދާޅުވީ، ރަމަޟާން މަހާއި ގުޅުވައިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ގޮތުގައި، މީގެ ކުރިންވެސް ކުރިއަށް ގެންދާ ދީނީ ދަރުސް ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަމަ އެގޮތަށް އިހުޔާ ޕްރޮގްރާމްތައް ވެސް މާލެއާއި އަތޮޅުތެރޭ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ދަރުސްތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ވެސް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ، ޒުވާނުންނާއި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރަމް މި އަހަރު ކުރިއަށްވުރެ ފުޅާކޮށް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި، މާލެއާއި އަތޮޅުތެރޭގައި ވެސް އެކިއެކި އައުޓްރީޗް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި ގުރުއާން މުބާރާތްތައް ކުރިއަށް ގެންދިޔުން ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން