މިރޭގެ މަޣުރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޤުނޫތު ކިޔުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ، މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ޤުނޫތު ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް އިމާމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. އެގޮތަށް އެންގި ސަބަބެއް ސާކިއުލާގައި ބަޔާންކޮށްފައެއް ނެތެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާއްމާއި ގުޅިގެން، ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ ރަށްތަކުގެ މިސްކިތްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ޤުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ 2023 އޮކްޓޯބަރ މަހުގެ 11 ގައެވެ. އެއަށްފަހު ފަސް ނަމާދަށްފަހު ޤުނޫތު ކިޔަން ސަރުކާރުން އެންގީ 18 އޮކްޓޯބަރު 2023 ގައެވެ.

ނަމަވެސް ފަހުން އަނެއްކާވެސް 3 ޑިސެމްބަރުގައި ސަރކިއުލާއެއް ނެރެ އަންގާފައިވަނީ 03 ޑިސެމްބަރުން ފެށިގެން ޤުނޫތު ކިޔަންވާނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެކަނި ކަމަށެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރުވަނީ 25،000 އަށްވުރެ މައްޗަށް އަރާފައި ކަމަށް ފަލަސްތީންގެ ހެލްތް މިިނިސްޓްރީންވަނީ ބުނެފައެވެ. އަދި މި ހަނގުރާމައިގައި މިހާތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ވަނީ 62،000 ފަހަނައަޅާ ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން