ރާއްޖޭގެ އެންމެބޮޑު ކޮންނަބޯޓު މަހާޖައްރާފުގެ ގިނަ މަރާމާތުތަކެއް ކުރަންޖެހި ގުރައުންޑްވެފައި އޮތުމަށްފަހު އަލުން ބިން ހިއްކުމުގެ މަސައްކަތްތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެންމެ އަގުބޮޑު އެސެޓް އަދި ޑްރެޖަރުކަމަށްވާ މަހާޖައްރާފު ވަނީ 8 ޖޫން 2022 ވަނަ ދުވަހުން ފެށިގެން 20 މަސްދުވަހުގެ މުއްދަތަށް ގުރައުންޑްވެފައިކަމަށެވެ. އޭގެ ސަބަބުން ކުންފުނީގެ ބިން ހިއްކުމުގެ ގާބިލިއްޔަތުކަމަށް ބޮޑެތި އަސަރުތަކެއްކޮށް އެ ކުންފުނީގެ އާމްދަނީއަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، އެ ކުންފުނީގެ މިދިޔަ މެނޭޖުމަންޓުންވަނީ އެ އުޅަނދު ތާވަލު ކުރެވިގެން މަރާމާތު ނުކޮށް ފަރުވާކުޑަކޮށްފައިކަމަށެވެ. އެހެންކަމުން އެ އުޅަނދު އޮޕަރޭޝަނަށް ނުގެނެވި 571 ދުވަސް ހޭދަވެފައިވާކަމަށާއި އެ ދުވަސްތަކުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަމަށެވެ. އަދި އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 510 މިލިއަނެއްހާ ރުފިޔާ ވެސް ނުލިބި ގެއްލިފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިންބުނީ ބިން ހިއްކައިގެން ލިބޭ އާމްދަނީއަކީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިވިޒަންގެ އާމްދަނީގެ ތިންބައިކުޅަ އެއްބައިކަމަށްވާއިރު އެކަމުން ލިބޭ އާމްދަނީ ލިބުން ދަތިވުމުން އެކަމުގެ އަސަރު ކުންފުނީގެ އާމްދަނީއަށް ވެސް ކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ސަރުކާރުން އެންމެ އިސްކަމެއްދިން އެއްކަމަކީ މަހާޖައްރާފު އަލުން އޮޕަރޭޝަނަށް ގެނައުންކަމަށާއި އެ މަސައްކަތް ކާމިޔާބުވެ މި އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހު އެކަން ހާސިލުވެފައިވާކަމަށް ކުންފުނިންވަނީ ބުނެފައެވެ.

މަހާޖައްރާފު މިހާރު ދަނީ ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން