ފާތިމަތު ނަޒީފާ އަޙްމަދު   13 މާރިޗު 2024 - 16:28
އެންމެ ގިނަ ވަގުތު ހޫނު ގަދައީ މެދުރާއްޖެތެރެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ގެ ހޯދުންތަކުން ދައްކައިފިއެވެ.

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ވުމުން މެޓުން ވަނީ ދުވާލުގެ ތިން ވަގުތެއްގައި ރާއްޖޭގެ ފިނިހޫނުމިނާއި އިހުސާސް ކުރެވޭ ކަމަށް ލަފާކުރެވޭ ފިނިހޫނުމިން އާއްމުކުރަން ފަށާފައެވެ.

އެގޮތުން މެޓުން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މެންދުރު 2:00ގައި އިހުސާސް ކުރެވޭ ހޫނުމިން ރާއްޖޭގެ ތިން ހިސާބަކަށްވެސް މައްޗެވެ. އެއީ ހަނިމާދުއާއި ހުޅުލެ އަދި ކައްދޫއެވެ. ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނުމިން 40.5 ޑިގްރީގައި ހުރިއިރު، ހުޅުލެއާއި ކައްދޫގައި އެ އަދަދު 41 އަށް އަރައެވެ.

މިއަދު މެންދުރުކުރީ 11:00 ގައިވެސް ހޫނުމިން އެ މިނުގައި ހުރީ ހުޅުލެ ސަރަހައްދުގައި އެކަންޏެވެ. އެގޮތުން އެގަޑީގައިވެސް އެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން 41ޑިގްރީގައި ހުރި އިރު، ހަނިމާދުއާއި ކައްދޫ އަދި ކާޑެއްދޫގެ އިތުރުން ގަމުގައި އެ އަދަދު 38އިން ދަށެވެ.

ހުޅުމާލެ ސަރަހައްދުގެ ހޫނުމިން ދަށްވަނީ ހަވީރު 5:00 ގައެވެ.

މިއީ އެންމެ ހޫނު ދުވަސްވަރު ކަމަށާއި އަދިވެސް ހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ހާމަކޮށްފައި ވަނީ މިިދިޔަ ހޯމަ ދުވަހުއެވެ.

އެ އޮފީހުން މިއަދު ބުނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން މި އަހަރަކީވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކުރާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

"ދުވަހުގެ ހޫނުމިން އާއްމުގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު." މެޓުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން