ފާތިމަތު ނަޒީފާ އަޙްމަދު   14 މާރިޗު 2024 - 10:24
ކުރީ ސަރުކާރުން މަޝްރޫއުތައް ފެށީ ފައިސާ ނެތި ކަމަށާއި، އެއީ ސިޔާސީ ބޭނުމަށް ކުރި ކަމެއްކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް މުޅިންހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ށ. މާއުނގޫދުއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، ރަށްރަށުގެ ތަރައްގީއަށް ކުރީސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށި ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލު ވުމާއެކު މި ސަރުކާރުން އެ ހުރިހާ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޒިޔާދު ވިދާޅުވީ، ކުރީ ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ފެށީ ހަމައެކަނި ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި މަޝްރޫއުތަކަށް ތަކެތި ގެނައީ ކުންފުނިތަކުން ކްރެޑިޓަށް ކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ ތެޔޮވެސް އެޅީ ކްރެޑިޓަށް ކަމަށެވެ.

ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގި އިރު އެކަމަށް ފައިސާ ޚަރަދު ކުރާނެ ގޮތުގެ ޕްލޭނެއްވެސް ނެތް ކަމަށް ޒިޔާދު ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެމްޓީސީސީ ހިންގަން ފެށިއިރު އެ ކުންފުނީގެ މާލީ ހާލަތު ގޯސްކަމަށް މީގެ ކުރިން ޒިޔާދު ވިދާޅުވެފައިވެއެވެ. އެގޮތުން އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލިއަނެއްހާ ރުފިޔާ ނުދައްކާ އެބައޮތްކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން