އަހުމަދު ޔާމިން   15 މާރިޗު 2024 - 10:6
އުޞޫލީ ޤަވާއިދެއްގައި ވެއެވެ. ޝައްކު ވުމަކުން ޔަޤީން ކަމެއް ނުދާނެއެވެ.

މި ޤަވާއިދުގެ މާނަައަކީ މީިހަކަށް ޔަޤީން ވެފައިވާ ކަމަކާ މެދު ޝައްކު އުފެދިއްޖެނަމަ، އެ ޝައްކަށް ސަމާލުކަން ނުދީ، އޭނާއަށް ޔަޤީންވާ ކަމުގައި ދެމިހުރުމެވެ.

اليَقِينُ لا يَزُولُ بِالشَّكِ

"ޝައްކު ވުމަކުން ޔަޤީން ކަމެއް ނުދާނެއެވެ."

މިސާލު: ޝަރީފު ގެއިން ވުޟޫކޮށްގެން ދިޔައީ ރެސްޓޯރެންޓަށް ކޮފީއެއް ބޯލާށެވެ. ކޮފީ ނިންމާލުމަށްފަހު ދިޔައީ މިސްކިތަށެވެ. ޝަރީފު ނަމާދު ކުރަން ފަށަން އުޅެނިކޮށް ވުޟޫ ގެއްލުނު ކަމާ މެދު ޝައްކު ވެއްޖެއެވެ.

މި ހާލަތުގައި ޝަރީފު ޖެހޭނީ އޭނާގެ ޔަޤީނުގެ މައްޗަށް ޢަމަލު ކުރަާށެވެ. ޔަޤީންވާ ކަމަކީ ގޭ ގައި ވުޟޫ ކުރިކަމެވެ. އޭނާ ގާތު ވުޟޫ ކުރި ކަމަށް ހުވާ ކުރަން ބުނެފި ނަމަ ހުވާ ކުރާކަށް ފަހެއް ނުޖެހޭނެއެވެ. އެއީ އޭނާއަށް ވުޟޫ ކުރިކަން ޔަޤީން ވާތީއެވެ. އެކަމަކު ވުޟޫ ގެއްލުނު ކަމަށް ހުވާ ކުރަން ބުނެފި ނަމަ ފަސް ޖެހޭނެއެވެ. އެއީ ޝައްކުވާތީއެވެ.

އެހެންވީމާ، ޝަރީފަށް އޮތީ ޝައްކާ މެދު އެއްވެސް ވަރަަކަށް ނުވިސްނާ ނަމާދު ކުރަން ފެށުމެވެ. އެއީ ޝައްކު ވުމަކުން ޔަޤީން ކަން ނުދާނެތީއެވެ.

ހަމަ އެފަދައިން، ވުޟޫ ކުރެވުނު ކަމާ މެދު ޝައްކު ވެއްޖެ ނަމަ، ޔަޤީނުގެ މައްޗަށް ޢަމަލު ކުރަާނީއެވެ. ޔަޤީންވަނީ ވުޟޫ ގެއްލިފައިވާ ކަމެވެ. ވުޟޫ ގެއްލިފައިވާ ކަމަށް ހުވާ ކުރަން ބުނި ކަމުގައި ވިޔަސް ފަހެއް ނުޖެހޭނެއެވެ. އެކަމަކު، ވުޟޫ ކޮށްފައިވާ ކަމަށް ހުވާ ކުރަން ފަސް ޖެހޭނެއެވެ. އެއީ ޝައްކުވާތީއެވެ.

މި ހާލަތުގައި ޖެހޭނީ ވުޟޫ ކުރަާށެވެ. އެއީ ވުޟޫ ނެތްކަން ޔަޤީން ވާތީއެވެ. ވުޟޫ ހުރި ކަމާ މެދު ޝައްކު ވުމަކުން ވުޟޫ ގެއްލިފައިވާ ކަމުގެ ޔަޤީން ކަމެއް ނުދާނެއެވެ.

މިއީ ޝައްކު ބަލީގެ ފަރުވާއެވެ. ޝައްކުވާ ކޮންމެ ފަހަރަކު ((اليَقِينُ لا يَزُولُ بِالشَّكِ)) މި ޤަވާއިދު ކިޔާލާށެވެ!

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން