ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް މުރާޖާ ކުރުމަށް ދަޢުލަތުން ހައިކޯޓަށް ހުށައަޅައިފިއެވެ.

އަދުހަމަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 އޭޕްރީލް 2023 ގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަރުގެ ޙުކުމް މުރާޖާކުރަން ހައިކޯޓަށް ހުށަހެޅީ މި މާޗު މަހު 5ގައެވެ.

ގާނޫނު ބުނާ ގޮތުން މަރުގެ އަދަބުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް ފަހުއެވެ. ދަށު ކޯޓުން ކުރާ އެފަދަ ހުކުމެއް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް މުރާޖައާ ކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވެ އެވެ.

އަދުހަމަށް މަރުގެ ޙުކުމް އިއްވަވަމުން ޤާޟީ އަލީ ނަދީމް ވިދާޅުވީ ޤާސިމް މަރާލީ އެޢަމަލު ހިންގުމުގެ ޤަސްދުއޮވެގެން އެނިޔަތުގައި ނޫންކަމަށް އަދުހަމް ބުނި ނަމަވެސް ޤާސިމްގެ ކަރަށް ވަޅިހަރާފައިވަނީ އަދުހަމްގެ އަތުންކަން އޭނާގެ ބަހުން އެނގޭ ކަމަށެވެ. ޤާޟީ ވިދާޅުވީ އަދުހަމް މަސްތުވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި މަސްތުވުމަށްފަހު އޭނާގެ ޢަމަލުތައްހުރީ އޭނާކުރި ޢަމަލުގެ ނަތީޖާ ދެނެނުގަނެވޭނެ ޙާލަތުގައި ނޫންކަމަށެވެ.

އެގޮތުން ޤާސިމް އެހީއަށް އެދުމުން އެތަނުން ފިލައިގެން އަދުހަމް ގޮސްފައިވާ ކަމަށާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާކަން ޤާޟީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤާސިމްގެ ވާރިސުން އެދިފައިވާ ގޮތަށް އަދުހަމް ކުރިކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ މެރުމަށް ޤާޟީ ވަނީ ޙުކުމް ކުރަށްވާފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ޤާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ އަދުހަމްގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ހަމައެއާއެކު އަދުހަމްވަނީ ވާރިސުންގެ ކިބައިން މާފަށް އެދި އެއީ ޤާސިމަށްވީތީ ޤާސިމް މަރާލަން ކުރިކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ކުށް ކުރެވިފައިވަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައިކަމަށް އަދުހަމް ވަނީ ބުނެފައެވެ.

ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން