އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރާއްޖޭގެ މިސްކިތްތަކުގެ އަޑު ދުވަހަކުވެސް ކަނޑުވާނުލައްވާނެ ކަމަށާއި މިސްކިތްތަކުގެ އަޑު މަޑުކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އަމިއްލަ ހިޔާލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ރޭ ކުރިއަށް ގެންދިޔަ ލައިވްއެއްގައި މިނިސްޓަރު ވަނީ މިސްކިތްތަކުގެ ލައުޑް ސްޕީކަރުގެ އަޑު މަޑުކުރުމާ ގުޅޭ ގޮތުން ގިނަ ބަޔަކަށް ހަޖަމްކުރަން އުނދަގޫވި ވާހަކަތައް ތިލަކޮށްދެެއްވައިފަ އެވެ.

މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ގޮތުން މައްސަލަ ހޫނުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ނަމާދުތަކުގައި އާއި ތަރާވީހު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އެކަނި އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި ހިސާބުން ފެށިގެން ނެވެ.

ބަންގި އާއި ގަމަތް ދޭއިރު އަޑު ބޭރަށް ހުންނަ ގޮތަށް ހުރި ނަމަވެސް ނަމާދު ކުރާއިރު ހަމައެކަނި މިސްކިތުގެ އެތެރެއަށް ހުންނަ ގޮތަށް އަޑު ބެހެއްޓޭ ގޮތަށް ހަދަން ވެސް މިނިސްޓަރު ވަނީ ލަފާ ދެއްވައިފަ އެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކާއި އަދި ރާއްޖޭގެ ބައެއް ދީނީ ފަރާތްތަކުން ވެސް މިނިސްޓަރުގެ ވާހަކަފުޅު ސިފަ ކުރެއްވީ މިސްކިތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމުގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ރޭ މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގެ އަޑު މި ސަރުކާރުން ކަނޑުވާނުލާނެ ކަމަށާއި އަދި މި ސަރުކާރުގެ ވެރިކަމުގައި އެފަދަ ނިންމުމެއް ނިންމައި މިސްކިތްތަކަށް އަންގާފައިވެސް ނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކި މިސްކިތްތަކުގައި އަޑު ހުންނަނީ އެ މިސްކިތަކަށް އެންމެ އެކަށޭނެ މިންވަރަަށް ކަމަށެވެ. އަދި މިސްކިތްތަކުގެ އަޑު މަޑުކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ހުރިހާ މިސްކިތްތަކަށް އިޝާރާތްކޮށް ދެއްކެވި ވާހަކަތަކެއް ވެސް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަ މިސްކިތެއްގެ ބުޑުގައި އެތައް ގެތަކެއް ހުންނާތީ އެ މިސްކިތުގެ އަޑު މަޑުކުރުމާ ގުޅޭ ގޮތުން މީހަކު ޓުވިޓާގައި ކުރި ސުވާލަށް ދެއްވި ޖަވާބަކީ އަމިއްލަ ހިޔާލެއް ކަމަށެވެ.

"އެއްވެސް ހާލެއްގައި މިނިސްޓްރީއަކުންނެއް އިމާމުންނަށް އަޑު މަޑު ކުރާކަށް އެއްވެސް މިސްކިތެއްގައި އަންގާފައި ނުވާނެ. އެކަހަލަ ކަމެއް މާލެއަކުވެސް އަތޮޅު ތެރޭގައިވެސް ނުހިންގާ. އިރާދަ ކުރެއްވީއްޔާ ނުވެސް ހިންގާނެ." ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން