އަހުމަދު ޔާމިން   19 މާރިޗު 2024 - 10:16
ހަމައެކަނި މާތް ﷲ އަށް ޙައްޤު ވެގެންވާ ކަމެއް އެހެން މީހަކަށް ދޭ ނަމަ، އެ މީހެއްގެ ފަރާތުން ތިބާއަށް ދެރަކަމާއި ނިކަމެތިކަން ލިބުމަކީ ވަރަށް ގާތް ކަމެކެވެ.

އޭގެ މިސާލަކީ މީހެއް ދެކެ ލޯބިވާން ނުޖެހޭ ވަރަށް ލޯބި ވުމެވެ.

އަޅުގަނޑުމެން އެންމެ ލޯބިވާން ޖެހޭ ފަރާތަކީ މާތް ﷲ އެވެ. އެކަމަކު މި ލޯބި އެހެން މީހަކަށް ދޭނަމަ، ގިނަފަހަރަށް އެ ލޯބި ހޯދޭނީ ވަރަށް މަސައްކަތުންނެވެ. އެ ލޯބީގެ ސަބަބުން އޭނާއަށް ކުރިމަތިވާނީ ހިތާމައާއި ހިތް ހަލާކުވުމެވެ. ހިތްހަމައެއް ނުޖެހޭނެއެވެ. އަބަދުވެސް އޮންނާނީ އެ ލޯބި މަދުވެފައެވެ. ނޫނީ ނުލިބިފައެވެ.

މިގޮތަށް ކަންތައް މި ދިމާވަނީ މާތް ﷲ އަށް ޙައްޤުވެގެންވާ ލޯތްބެއް އެހެން މީހަކަށް ދިނުމުންނެވެ. ޙަޤީޤަތުގައި އެކިއެކި އުދަނގޫ ތަކާއި މުޞީބާތްތައް އެ ކުރިމަތިވަނީ، އެ މީހާ އެނބުރި މާތް ﷲ އަށް ރުޖޫޢަ ވޭތޯ އެވެ.

އެންމެ ފަހުން، އޭނާއަށް އެކަން ވިސްނި، އޭނާ އެންމެ ލޯބިވާ ފަރާތަކީ މާތް ﷲ އަށް ވުމުން، އޭނާގެ ހިތްހަމަޖެހި އުފާވެރިކަން ލިބެއެވެ.

އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަންވީ އެކަލާނގެ ރުހިވޮޑިގަތުމާއި ސަވާބު ހޯދުމުގެ ނިޔަތުގައެވެ. އެއީ މީހެއްދެކެ ލޯބިވުން ކަމުގައި ވިޔަސް މެއެވެ. ހިތަށް ގެންނަންވީ އަހަރެންގެ އަނބިމީހާ ދެކެ ލޯބި މިވަނީ މާތް ﷲ އަންގަވާފައިވާތީއެވެ. އޭރުން އެކަލާނގެ ރުހިވޮޑިގަތުން އަހަރެންނަށް ލިބޭނެއެވެ.

މާތް ﷲއަކީ އަބަދަށް ދިރިދެމިވޮޑިގެންވާ ފަރާތެވެ. އެހެންކަމުން އެފަރާތަށްޓަކައި ވާ ލޯތްބެއް ދުވަހަކުވެސް ނެތިގެން ދާނެ ހެއްޔެވެ؟ މީހެއްދެކެ އަބަދުވެސް ލޯބި ވާން ބޭނުންނަމަ، އަބަދަށް ދިރިދެމިވޮޑިގެންވާ ފަރާތަށްޓަކައި ލޯބިވާށެވެ!

ހަމަ މިގޮތަށް، ބިރުގަތުމާއި ރުޅި އައުމާއި އުންމީދު ކުރުމާއި އަދިވެސް އެހެން ކަންތައްތަކެވެ.

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން