ރަސޫލު ﷲ ﷺ ގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

"އަމަލުތައް ބިނާވެގެންވަނީ ވަނީ ނިޔަތުގެ މައްޗަށެވެ."

ތިބާ ޤުރްއާން ކިޔަވާއިރު ހަމައެކަނި ޚަތިމް ކުރުމުގެ ނިޔަތުގައި ނުވަތަ ސަވާބު ހޯދުމުގެ ނިޔަތުގައި ނުކިޔަވާށެވެ. އޭގެއިތުރުން މި ގޮތަށް ވެސް ނިޔަތް ގަންނާށެވެ.

އަހަރެން ޤުރްއާން މި ކިޔަވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ލޯބި ހޯދުމުގެ ނިޔަތުގައެވެ. އަހަރެން ޤުރްއާން މި ކިޔަވަނީ ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާން ޤުރްއާން އަންނާނެ ކަމުގެ ނިޔަތުގައެވެ. އަހަރެން ޤުރްއާން މި ކިޔަވަނީ މާތް ﷲ ގެ ހަޒްރަތުގައި ދަރަޖަ އުފުލެވިގެންވާ މީހަކަށް ވުމުގެ ނިޔަތުގައެވެ.

އަހަރެން ޤުރްއާން މި ކިޔަވަނީ މަގުފުރެދުމުން ސަލާމަތްވެ ހެޔޮ މަގުގައި ސާބިތުވުމުގެ ނިޔަތުގައެވެ. އަހަރެން ޤުރްއާން މި ކިޔަވަނީ ހިތުގެ ފާފަތަކުން ހިތް ސާފުކޮށް ޠާހިރު ކުރުމުގެ ނިޔަތުގައެވެ. އަހަރެން ޤުރްއާން މި ކިޔަވަނީ އެންމެ ހެޔޮ މީހުންގެ ތެރޭގައި ވުމުގެ ނިޔަތުގައެވެ. އަހަރެން ޤުރްއާން މި ކިޔަވަނީ ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވަނުމުގެ ނިޔަތުގައެވެ.

މި ހުރިހާ ނިޔަތެއް ހިތަށް ގެނެސްގެން ޤުރްއާން ކިޔަވާ މީހަކާ މިގޮތަށް ނިޔަތްނުގަނެ ކިޔަވާ މީހަކާ ހަމަހަމަ ވާނެތޯއެވެ؟ މި ހުރިހާ ނިޔަތެއް ހިތައް ގެނެސްގެން ޤުރްއާން ކިޔަވާ މީހާއަށް އެހުރިހާ ނިޔަތެއްގެ ސަވާބު ލިބޭނެއެވެ.

މިގޮތަށް ހަމަ އެހެން އަޅުކަންތައް ވެސް މެއެވެ.

ކުދި ބަދަލުތަކާއެކު [نوايا] لطلال فخر ފޮތުން މަޢުލޫމާތު ނެގިފައި -ޝިރުހާން ޢަލީގެ ލިޔުއްވުމެއް-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން