ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ގޮވި ވަރުގަދަ ގޮވުމުގެ ސަބަބުން ބެއިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ދުނިޔޭގެ އެހީއަށް އެދިއްޖެއެވެ.

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމަކަށް ފަހު ލުބުނާންގެ ރައީސް މައިކަލް އަނޮން ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ ދުވަހަށް ބެއިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށެވެ. ރޭގެ ހާދިސާ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލުބުނާނުގެ ބޮޑުވަޒީރު، ހަސަން ދިއާބް ވިދާޅުވީ މިހާދިސާގައި ބެއިރޫތަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

ލުބުނާނުން ބައިނަލްއަޤުވާމީ އެހީއަށް އެދިފައިވާއިރު، ބެއިރޫތުގެ ހާދިސާ އާއި ގުޅިގެން ބައެއް ޤައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ނަގާފައެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ސްލާމީ އުންމަތުގެ ބޮޑެތި ގައުމުތައްވެސް ހިމެނެއެވެ.

ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ރޭ ހިނގި ހާދިސާއަކީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭ ކަމަށް، އެމެރިކާއިން ބުނާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ އިސްރާއިލުންދިން ނިރުބަވެރި ހަމަލާއެއްކަމަށެވެ. މިހަމަލާގެ ފަހަތުގައި ތިބިބަޔަކު މިކަމުގެ ޒިންމާ ނަގަންޖެހޭކަމަށް ބައިރޫތުގެ ސަރުކާރުން ވިދާޅުވެފައިވާއިރު މިކަމުގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައި ނުވެއެވެ.

ރޭ ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި އައި ލޮޅުމުގެ ބާރުމިން، ބިންހެލުމަކާއި އެއްވަރުވާ ކަމަށް އިދާރާތަކުން ބުނެއެވެ. ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ، ޔުނައިޓެޑް ސްޓޭޓްސް ޖިއިލޮޖިކަލް ސާވިސް އިން ބުނެފައިވާގޮތުން ގޮވުމާއިއެކު ބެއިރޫތަށް ވަނީ ރެކްޓަރ މިންގަނޑުން 3.3 ގެ ބިންހެލުމަކާއި އެއްވަރު ލޮޅުމެއް ކަމަށެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވެސް 78 އަށް އަރައެވެ. ލަފާކުރެވޭ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދި އެތައް ގުނައެއް އިތުވާނެއެވެ .މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު 4000 އާއި ގާތްކުރެއެވެ. ހާދިސާ ފެނުނު މީހުންގެ ތެރެއިން މަރުން ސަލާމަތްވި މީހުން ބުނާ ގޮތުގައި އިމާރާތްތަކަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ބަލާއިރު އެމީހުންގެ ފުރާނަ ސަލާމަތްވިކަން ގަބޫލުކުރަން ވެސް ދައްޗެވެ. ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާ އާއި ގުޅިގެން އަދިވެސް އެތައް ބަޔަކު ވަނީ ވެއްޓިފައިވާ އިމާރާތްތަކާއި އަލިފާން ރޯވި އިމާރާތްތަކުގެ ދަށުގައެވެ.

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ހިތާމަފާޅުކުރައްވާ، އަނިޔާ ލިބުނު މީހުންނަށް ހެޔޮ ދުޢާ ރައްދުކުރައްވައިފައެވެ. މިއުނދަގޫ ވަގުތު ލުބުނާނާއި އެކު ދިވެހިރާއްޖެ އޮންނާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން