އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް ވިސްނިފައި އޮންނަނީ، ޤިޔާމުލް ލައިލް، ރޭއަޅުކަން، ތަހައްޖުދު އަދި ތަރާވީޙް ނަމާދަކީ ތަފާތު ނަމާދުތަކެއް ކަމަށެވެ. އެހެނަސް މި ހުރިހައި ނަންތަކަކީވެސް ކަނޑައެޅިފައިވާ ޚާއްޞަ ވަޤުތެއްގައި ކުރާ ނަމާދަކަށް ކިޔާ ތަފާތު ނަންތަކެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ތަރާވީޙް ނަމާދުގެ ވަގުތު ޢިޝާ ނަމާދުން އަވަދި ވުމާއެކު ފަތިސްވަޤުތު ވަންނަންދެން ދެމި އޮންނާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ރަމަޟާން މަހުގައި ޚާއްޞަ ސިފައެއްގައި ކުރުމުން، މި ނަމާދަށް ޚާއްޞަ ނަމެއް ”ތަރާވީޙް“ ނަމާދުގެ ނަމުން ނަން ދެވިފައިވެ އެވެ.

ދަމު ނަމާދުގައި ނުވަތަ ރޭއަޅުކަމުގައި ނުވަތަ ތަޙައްޖުދުގައި ކުރާނީ ކިތައް ރަކުޢަތް ތޯ އެވެ؟ އެންމެ މޮޅު އިތުރުވެގެންވަނީ މާތް ނަބިއްޔާ ﷺ ކުރެއްވި މިންވަރަށް ކުރުމެވެ.

عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާގެ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. ”ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.“ صحيح البخاري 2013

އެހެންކަމުން އެންމެ ހެޔޮވެގެންވާ އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާއަކީ މިއެވެ.

11 ރަކުޢަތް ފުރިހަމަކުރާނެ ގޮތާމެދު ޢިލްމުވެރިން ވިދާޅުވަނީ އެންމެ މޮޅު އިތުރު ގޮތަކީ، ރޭ އަޅުކަމުގެ ނިޔަތުގައި 2 ރަކުޢަތުން، 2 ރަކުޢަތުން ކުރަމުން ގޮސް 8 ރަކުޢަތް ކުރުން ކަމަށެވެ. އެއަށްފަހު 3 ރަކުޢަތް ވިތުރީގެ ގޮތުގައި ކުރުމެވެ. މި ނަމާދު އިރާކޮޅުގައި އެއްބައި އަދި މެދުދަމުގައި އެއްބައި އަދި ރޭގަނޑުގެ ފަހު ބައިގައި ވެސް ކުރެވިދާނެ އެވެ.

އިމާމަށް އެންމެ އެދެވިގެންވާ ގޮތަކީ، ރޭއަޅުކަމުގައި މައުމޫންނާ އެކުގައި 2 ރަކުޢަތުން 2 ރަކުޢަތުން 8 ރަކުޢަތް ކުރެއްވުމަށްފަހު، ވިތުރި އެކުގައި ނިންމާލުމެވެ. އަދި އިމާމަކަށް ތަބަޢަވެ ނަމާދު ކުރާނަމަ، މި ފަދައިން 11 ރަކުޢަތް ކޮށްފިނަމަ ރޭ އަޅުކަން ފުރިހަމަވީ ކަމުގައި ޢިލްމުވެރިން ބުރަވެއެވެ.

أبو ذر الغفاري -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެ އެވެ. ”ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.“

އެހެންކަމުން ޙަދީޘްގައިވާ ފަދައިން އެއީ އެންމެ ރިވެތި ނަމޫނާ ކަމުގައި ދެކި، އެގޮތުގައި ދެމިތިބުން މޮޅުއިތުރުވެގެންވެއެވެ.

އަދި އިމާމަށް ތަބާވެ 11 ރަކުޢަތް ކޮށްފި މީހާއަށް، ރޭއަޅުކަމުގެ ގޮތުގައި އެ ރޭގައި ޤުރުއާން ކިޔެވުމާއި، ދުޢާ ކުރުމާއި ތަސްބީޙަ ކިޔުންފަދަ އެންމެހައި ކަންތައްތަކެއް ކުރެވޭނެ އެވެ. އެއީވެސް ރޭގަނޑު އަޅުކަމުގައި އިޙްޔާ ކުރެވިދާނެ ގޮތްތަކެވެ.

މަސްދަރު: އަބޫއަނަސް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން