އަހުމަދު ޔާމިން   7 އޭޕްރީލު 2024 - 15:18
މިއަހަރުގެ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެދަނީ އެވެ. ހެޔޮ ޢަމަލު ކުރުމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިއުމުގެ މައްސަރު ނިމުމަކަށް އަންނަނީއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވި އެވެ. سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِ

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ!

ރަސޫލާ ﷺ ޙަދީޘް ކުރެއްވިކަމަށް ابن عبَّاس -رضي الله عنه- ގެ އަރިހުން ވާރިދުވެފައި ވެއެވެ.

كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجْوَدُ ما يَكونُ في رَمَضَانَ ……… فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ.

ހަމަކަށަވަރުން ރަސޫލާ ﷺ އަކީ އެންމެ ދީލަތި އިންސާނާއެވެ. އަދި އެންމެގިނައިން ހޭދަކުރައްވަނީ (ޞަދަޤާތް ކުރައްވަނީ) ރަމަޟާން މައްސަރުގަ އެވެ……. ފަހެ، ޖިބްރީލް عليه السلام އާ ބައްދަލުވާހިނދު، ރަސޫލާ ގެ ހޭދަކުރެއްވުމުގެ މިޘާލަކީ ފެތުރިގެންވާ ވައިރޯޅިއެއް ފަދަ އެވެ.” البخاري 3220

ރަމަޟާން މަހަކީ ޞަދަޤާތް ކުރުމުގައި ކުރިއަރައި ދިއުމުގެ މައްސަރެވެ. ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام أبو بكر بن أبي مريم -رحمه الله- ވިދާޅުވެފައިވެ އެވެ. “ރަމަޟާން މަސް އައުމުން ތިޔަބައިމީހުންގެ ހޭދަކުރުން ހުޅުވާލުންހުއްޓެވެ. ފަހެ ހަމަކަށަވަރުން އެ މަހުގައި ހޭދަ ކުރެވޭ ހޭދަކުރުން އެތައް ގުނަތަކަށް އުފުލިގެންވެ އެވެ.”

الإِمَامُ العَلاَّمَة ابن العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ފަޤީރުންނަށް، މިސްކީނުންނަށް، ދަރަނިވެރިވެފައިވާ ފަރާތްތަކަށް އަދި މިނޫނަސް އެހެން ޙާޖަތްތަކުގެ އަހުލުވެރިންނަށް މި މައްސަރުގައި ޞަދަޤާތް ދިނުން އިތުރުކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން މި މައްސަރުގައި ހޭދަކުރެވޭ ޞަދަޤާތަކީ އެހެނިހެން މައްސަރުތަކުގެ މައްޗަށް މޮޅު އިތުރުވެގެންވާ (އަޖުރާއި ޘަވާބުގެ ގޮތުން) އުފުލިގެންވާ މައްސަރެކެވެ.“ فتاوى ج14 ص202

އަޚުންނޭވެ! މިފަދަ އެތައް އެތަށް ބަސްފުޅެވެ. މިއަދު ދުނިޔޭގައި މިފަދައިން ހޭދަ ކުރާމީހުން ކިތައް ރޯދަ މަހުގެ ޘަވާބު އެމީހުންގެ ތިލަފަތަށް ޖަމަޢަ ކުރާނެ ހެއްޔެވެ؟ ފަހެ، މި މަތިވެރި ރޯދައިގެ އަޅުކަން ތިޔަ އަޚާއަށް ހޯދަން ބޭނުން ވަނީ އެންމެ 30 ރޯދައިގެ ގޮތުގައި ހެއްޔެވެ؟

ނުވަތަ އެތައް ސަތޭކަ ރޯދައިގެ އަޖުރު ލިބޭނެ ގޮތުގައި ހެއްޔެވެ؟ الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މަހުގައި ކާބޯތަކެތި ފަޤީރުންނަށް ހޭދަކޮށް އެފަޤީރުންނަށް އޯގާތެރިވުމަކީ، އެއީ އިސްލާމީ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ.

ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. ރޯދަވެރިޔަކު ރޯދަ ވީއްލައިދިން މީހާއަށް ރޯދަހިފި މީހާއަށް ލިބުނު ޘަވާބު ލިބޭނެ އެވެ.“

މަސްދަރު: އަބޫ އަނަސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން