މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެމްޓީސީސީން ބުނީ، މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުަމތް ފެށުމުން އެ އަތޮޅުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އެއަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާރުޓީއެލް ފެރީގެ ހިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފަ އެވެ.

އެމްޓީސީސީން ބުނީ، އާރުޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ މިނިސްޓްރީތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން